ތާޕްސީ ޕަންނޫ އަކީ އޭނާގެ ހުނަރުވެރި ކަމުން ބޮލީވުޑްގައި ކުރިއަރައިގެން ދިޔަ ބަތަލާ އެކެވެ. ކުޅޭނެ ފިލްމުތައް ޚިޔާރު ކުރުމުގައި ތާޕްސީ ވަރަށް ލޯ ހުޅުވެ އެވެ. އެހެންކަމުން އޭނާ މިހާތަނަށް ކުޅެފައިވާ ހަމަ ކޮންމެ ފިލްމަކީ ވެސް އޭނާގެ އެކްޓްކުރުމުގެ ކުޅަދާނަކަން ދައްކާ ލެވުނު ފިލްމުތަކެވެ.
ފިލްމު އިންޑަސްޓްރީއާ ގުޅުމެއް ނެތް އާއިލާއަކަށް ނިސްބަތްވާތީ ތާޕްސީއަށް އެ އިންޑަސްޓްރީގައި ފައި ހަރުލެއްވުން ތަންކޮޅެއް އުނދަގޫވި އެވެ. ނަމަވެސް މިއަދު އޭނާއަކީ އަމިއްލަ މަސައްކަތުން އިންޑަސްޓްރީގައި ރަނގަޅު މަގާމަކަށް ވާސިލުވެފައިވާ ބަތަލާ އެކެވެ.
ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ތާޕްސީގެ ފިލްމުތައް ވެސް ހުރީ މަޑުޖެހިފަ އެވެ. ނަމަވެސް މިހާރު ޗުއްޓީގައި ރާއްޖެ އައިސް ހުރި ތާޕްސީ އެނބުރި ރަށަށް ގޮސް އަލުން ފިލްމީ މަސައްކަތް ފަށާނެކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު "ހަސީން ދިލްރުބާ" ގެ ޝޫޓިން ތާޕްސީ ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ވިނިލް މެތިއު އުފައްދާ މި ފިލްމަކީ ލޮކްޑައުންގެ ކުރިން ވެސް ތާޕްސީ މަސައްކަތް ކުރަމުންދިޔަ ފިލްމެވެ. އެހެންކަމުން ރާއްޖޭގެ ޗުއްޓީ ނިންމާލާފައި އެނބުރި ގޮސް ތާޕްސީ މި ފިލްމުގެ މަސައްކަތުގައި ބުރަކޮށް އުޅެން ފަށަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި ތާޕްސީ އާއެކު ދެން ހަރަކާތްތެރިވަނީ ވިކްރާންތު މެސީ އާއި ހަރްޝްވަރްދަން ރާނޭ އެވެ. މިއީ ވަރަށް ޑްރާމާ ބޮޑު ފިލްމެއް ކަމަށާއި އެ ފިލްމެއްގައި ތާޕްސީ އުޅޭނަމަ އެ ފިލްމެއް މޮޅުވާނެކަމުގެ ޔަގީންކަން އޮންނަ ކަމަށް ވެސް އިންޑިއާ މީޑީއާއިން ބުނެފައި ވެއެވެ.
ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަށް ތާޕްސީ އައީ ވިޖޭ ސެތުޕަތީ އާއެކު އޭނާ ކުޅެމުންދާ ތަމަޅަ ފިލްމެއްގެ ޝޫޓިންގް އިންޑިޔާގެ ޖައިޕޫރުގައި ފުރިހަމަ ކޮށްފަ އެވެ. އަދި ވަކި ނަމެއް ނުކިޔާ މި ފިލްމުގައި ދެ އެކްޓަރުން ވެސް ކުޅެނީ ޑަބަލް ރޯލެވެ.
ތާޕްސީ މިހާރު ކުޅެމުންދާ އަނެއް ފިލްމަކީ ޝަބާޝް މިތޫގެ "ރަޝްމީ ރޮކެޓް" އެވެ.
ތާޕްސީ ރާއްޖެ އައިސްފައިވަނީ އޭނާގެ "ގާލް ގޭންގް" އާ އެކުގަ އެވެ. މި "ގާލް ގޭންގް" ގައި ހިމެނެނީ ތާޕްސީގެ ކޮއްކޮ އާއި ދެބެންގެ ދެދަރި ކުއްޖެކެވެ.