އަރާމު ނިންޖެއްގައި އޮންނަ މީހަކު ނިދިން ހޭ ލައްވާލައިފި ނަމަ އެ މީހަކު ރުޅިގަދަވުމުގެ ޕަސެންޓް އުޅޭނީ 95 ނުވަތަ 100ގައި އެވެ. ނިދަން އޮންނަ ގަޑީގައި އެހެން މީހަކު ބާރަށް ލަވަ ޖަހަން ފަށައިފި ނަމަ އެމީހެއްގެ ފޯނު ނުވަތަ ޕްލެޔަރެއް ފުނޑައިވެސް ލެވިދާނެ އެވެ. އަދި ބައެއް މީހުންނަކީ ހެނދުނު ހޭލައިގެން އޮފީހަށް ދާން ޖެހޭތީ ވެސް ރުޅިގަދަވާ މީހުންވެ. އެމީހަކު އޮފީހަށް ވަދެގެން އަންނައިރު ފުފިގެން ގޮސް ފަޅައިގެން ހިނގައިދާނެހެން ހީވެފައި ހުންނަނީ ކޮންމެހެން އެމީހަކު ބަނޑުހައިވެފައި ހުރީމަކާ އެއް ނޫނެވެ.
ކޮންމެއަކަސް މިކިޔާލަ ދެވުނީ ބައެއް މީހުންގެ ގާތަށް ރުޅި އަންނަ ދެ ތިން ގޮތެއްގެ ވާހަކަ އެވެ. އެއް ފަހަރު ގުޅައިގެން ލޯބިވެރިޔާ ފޯނު ނުނެގީމަ ވެސް ރުޅިއަރައިގަނެގެން ގޮސް ހުރި ތަނަކުން އެ ލޯބިވެރިޔަކު ހޯދައި އެމީހަކަށް ދެ ދުނިޔެ ދައްކާލާ ފިރިހެނުންނާއި އަންހެނުން ވެސް މަދެއް ނޫނެވެ.
އެހެންވީމަ، ރުޅި، ވަރަށް ބައިވަރު ގޮތްގޮތަށް އާދެވިދާނެ އެވެ.
ރުޅި އަންނަ ހިނދު ސިކުނޑިއަށް ވަނީ ކިހިނެތްކަން އެނގޭ ހެއްޔެވެ؟
ސިކުނޑީގެ ޖަޒުބާތުތަކާ ބެހޭ މައި ވުޒާރާ އިން ބަޣާވާތެއް ކުރަނީ އެވެ. ސިކުނޑީގެ ސެރެބްރަލް ކޯޓެކްސްއޭ މިކިޔާ ބަޔަކީ ހަމަހޭގައި މީހާ ބަހައްޓައިދިނުމަށް މަސައްކަތްކުރާ ސަރަހައްދެވެ. ވިސްނުންތެރިކަމާ އެކު ކަންކަން ނިންމައި ފިޔަވަޅު އެޅުމަށް ލަފާ ދޭ ވުޒާރާ އަކީ މިއީ އެވެ.
ދެން މި އަންނަނީ ސިކުނޑީގެ ޖަޒުބާތު ކޮންޓްރޯލްކުރާ ވުޒާރާ އެވެ. އެބަޔަށް މި ކިޔަނީ ލިމްބިކް ސިސްޓަމް އެވެ. މިސާލަކަށް މީހަކު ކަމަކާ މާ ބޮޑަށް ހިތްހަމަނުޖެހިއްޖެ ނަމަ އަބަދުވެސް އެންމެ ފުރިހަމަ ބާރުގައި މަސައްކަތްކުރަން ފަށާނީ ސިކުނޑީގެ މި ލިމްބިކް ސިސްޓަމެވެ.
ޖަޒުބާތުގެ ބަޣާވާތް ފެށޭ ހިސާބަކީ މިއީ އެވެ. އެއަށް ފަހު މި ބަޣާވާތެއްގެ ލީޑަރަކަށް ވެގެން ދަނީ އަމީގްޑާލާއޭ ކިޔުނު ބައެކެވެ. ތަންކޮޅެއް ދިވެހިންނާ މި ދުވަސްކޮޅު ރައްޓެހި ރާގަކުން ބުނަނީ ނަމަ ސިކުނޑީގެ ބަޑި ގުދަނަކީ މިއީ އެވެ. އަމީގްޑާލާ އަކީ ހުރިހާ ޖަޒުބާތުތަކެއް ރައްކާކުރެވިފައިވާ ގުދަނެވެ.
ރުޅިއަރައިގަތީމަ ނުވަތަ ބިރުން ފިތްކަނޑައިގެންދާ ވަގުތު ވެސް މި ގުދަން ހުޅުވި ޖަޒުބާތުތައް އުތުރިއަރައި ހަމަނުޖެހުން ހިނގައި ދަނީ އެވެ.
އެހެންވީމަ ރުޅި ކޮންޓްރޯލްކުރަން ހަދަންވީ ކިހިނެތް ހެއްޔެވެ؟
އެންމެން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ބުއްދިވެރިން ވެސް ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ އެންމެ ބުއްދިވެރި މީހާ އަކީ ރުޅި އަންނަ ވަގުތު އެ ރުޅީގެ މައްޗަށް ގަދަވެގަނެ އެ ރުޅި މައިތިރިކުރާ މީހާ އެވެ.
މިއީ ކިހާ ވަރެއްގެ ތެދެއް ހެއްޔެވެ؟ ސައިންސްގެ އަލީގައި ކުޑަކޮށް މިއަށް ބަލާލަމާ ހިނގާށެވެ.
ރުޅިއަރައިގެން އަންނަ ވަގުތު ނުވަތަ ރުޅިގަދަވާ ކަހަލަ ކަމެއް މެދުވެރިވާ ހިނދު އަމިއްލަ މީހާގެ އިހްސާސްތައް ނުވަތަ ޖަޒުބާތުތަކުގައި މަތި ޖަހައި ބަންދުކޮށްލުމަކީ ރުޅިއައިކަން ނުވަތަ ހިތްހަމަނުޖެހުނުކަން ނުދައްކައި ހުރެވިދާނެ ކަމެވެ. ނަމަވެސް އިލްމީ ނަޒަރަކުން ނުވަތަ ސައިންސްގެ އަލީގައި މިއަށް ބަލައިލާއިރު ރުޅި ކޮންޓްރޯލްކުރުމަށް ގެންގުޅޭ މި އުސޫލަކީ ނުވަތަ މި ފަރިތަކުރުމަކީ އެހައި ސިއްހަތަށް ރަނގަޅު ގޮތެއް ނޫނެވެ.
އަރައިގެން އަންނަ ރުޅީގައި މަތިޖަހައި ބަންދުކޮށްލުމަކީ ބޮމެއްގެ ބާރު މިނުގައި ސިކުނޑި ގޮވައިފާނެ ކަމެކެވެ. މި ދެންނެވީ އެތެރޭގެ ޖަޒުބާތުތަކުގެ ނުރައްކާ ބޮޑުވާ ވާހަަކަ އެވެ.
މިގޮތަށް ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރުމަކީ ޖަޒުބާތުގައި ޖެހިގެން ސިކުނޑި ގެންނަ ބަޣާވާތަށް ލިބޭ ހިތްވަރެކެވެ. ސަބަބަކީ އޭގެ ސަބަބުން މީހާގެ ސްޓްރެސް ލެވެލް އާދަޔާހިލާފަށް މަތިވެ ނެގެޓިވް ފީލިންސްތަކެއްގެ ތެރެއަށް އެ މީހާ ދަމައިގެން ގެންދާތީ އެވެ. އެއް ކަހަލަ ބަޣާވާތުގެ ވެރިޔާ އަމީގްޑާލާ ހަމައިން ނެއްޓިގެން ދަނީ އެވެ.
އެހެންވީމަ، ސިކުނޑީގެ ޖަޒުބާތުތައް ރައްކާކޮށްފައިވާ ގުދަން ފަޅައިގެން ދިޔައީމަ ދެން ކަންތައް ވާނެ ގޮތް ވިސްނާލައްވާށެވެ.
ރުޅީގައި މަތި ޖަހައި ބަންދުކުރުމަތީ އޭގެ ނޭދެވޭ އަސަރު ދެން ހުންނަ މީހާ އަށް ކުރާ ކަމެކެވެ. އިހްސާސްތައް ހިފަހައްޓާލައިގެން އަނގައިން ނުބުނެ ހުރީމަ ދެން ހުންނަ މީހާގެ ލޭ ދާނީ ބޮކި ޖަހާފައި ކެކެމުންނެވެ. މިއީ ތިމާ އާއި ދެން ތިބި މީހުންނާ ދެމެދު އޮންނަ ގުޅުމަށް ވެސް ނޭދެވޭ އަސަރުކޮށް ބާކީކޮށްލަފާނެ ކަމެކެވެ.
ދެން އެހެންވީމަ ރުޅިއަރައިގަނެގެން ގޮސް ތަޅައިގަންނަންވީތަ؟
ބާލީހުގައި ތަޅައިގަންނަންވީ ހެއްޔެވެ؟ މޭޒު މަތީގައި ހުރި އެއްޗެހިތަކުގައި އަތުން ޖަހައި ބުރުވައިލަން ވީ ހެއްޔެވެ؟ އަތުގައި އޮތް ފޯނު ނަގައި ލެވުނު ބާރެއް ލާފައި ހޫރައިލަންވީ ހެއްޔެވެ؟ ނުވަތަ ރުޅިއަރުވާލި މީހާ ގައިގައި ގޮސްސަ ތަޅައިގަންނަންވީ ހެއްޔެވެ؟
ނޫނެކެވެ މިއިން އެއް ކަމެއް ވެސް ކުރާނެ ކަމެއް ނެތެވެ. ސަބަބަކީ މިއީ އަދި ރުޅީގެ އިހްސާސްތަކުގައި މަތި ޖެހުމަށް ވުރެން ވެސް މާ ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމަކަށްވާތީ އެވެ.
މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ހިތުގައި ހުންނަ އުދާސްތައް އެހެން މީހެއްގެ އުނގަށް ނުވަތަ ކޮނޑަށް ބަންޑުންކޮށްލީމަ ފިނިކަމެއް ލިބިގެންދެ އެވެ. މީގެ މާނަ އޮޅުވައި ނުލައްޗެވެ.
މިހެން ބުންޏަސް ރުޅިއަރައިގަންނަ ވަގުތު އެ އުފެދޭ އުދާސްތައް ނުވަތަ ޖަޒުބާތުތައް ހަތަރެސްފައިގެ ބާރުގައި ބޭރުކޮށްނުލައްޗެވެ. އެފަދަ ހާލަތަކަށް މީހާ ވެއްޓިގެންދާއިރު ސިކުނޑީގެ ކޮންޓްރޯލް އޮންނަނީ ނިކަން ބޮޑަށް ގެއްލިފަ އެވެ. އާޚިރުގައި ތަނެއް ނުވަތަ އެއްޗެއް ހަލާކުކޮށް، މީހަކަށް އަނިޔާކޮށް ހަމަލަ ދެވޭއިރު ދެން ޖެހެނީ ފަހުން ހިތާމަކުރާށެވެ.
އެހެންވީމަ ރުޅިއަރައިގެން އަންނަ ވަގުތުގައި ކޮންމެވެސް އެހެން ކަމަކާ ބިޒީވެލައިގެން ސިކުނޑީގެ ޖަޒުބާތީ އިންގިލާބީ ލަޝްކަރުގެ މަގު އޮޅުވާލާށެވެ. އެންމެ ރަނގަޅު ގޮތަކީ އެއީ އެވެ.
ކެތްކޮށްލަން ޖެހޭނީ 20 މިނެޓަށެވެ. ސައިންސް ބުނާ ގޮތުން ރުޅިގަދަވުމަށް ފަހު ސިކުނޑި މައިތިރިވާން ނަގާނީ 20 މިނެޓެވެ. އެއަށް ފަހު ހަމަ އަށް ވިސްނެން ފަށާނެ އެވެ.
އެންމެ މޮޅު ހައްލު
ރުޅިއައިސްގެން އެހެން މީހަކު ތިމަންނައާ ދިމާލަށް އެއްޗެހި ގޮވައި ހަމަލާ ދޭން މަސައްކަތްކުރާ ހިނދު އޭނާއާ ކުރިމަތިލައި އަމިއްލަ މީހާ އަކީ ރުޅިގަދަ މީހެއްކަން ދައްކާލުމުގެ ބަދަލުގައި އެމީހެއްގެ ހާލަތާ މެދު ފުރަތަމަ ވިސްނާލާށެވެ.
ފަހަރެއްގައި ރުޅިގަދަވެގެން އެ އުޅޭ މީހާގެ މަންމަ ނިޔާވީ އިއްޔެ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އޭނާގެ އަންހެނުން އޭނާ އަށް ބޭވަފާތެރިވަނީ ކަމަށް ވެސް ވެދާނެ އެވެ. ދެ މީހުން ވަރި ފަށަށް އަރައިގެން އުޅެނީ ކަމަށް ވެސް ވެދާނެ އެވެ.
ޔަގީނަށް ވެސް މީހަކު ރުޅިގަދަވާނީ އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ކަމެއް ގޯސްވެ އޭގެ ސްޓްރެސް ބޮޑުވެގެންނެވެ. އެހެންވީމަ ރުޅިއައިސްފައި ހުންނަ މީހާއާ ކުރިމަތިލުމުގެ ބަދަލުގައި އޭނާގެ ހާލަތަށް ވިސްނައިލާށެވެ. އޭރުން ވާ ގޮތް އެނގޭ ހެއްޔެވެ؟
އޭރުން ރުޅިއެއް ނާދެވޭނެ އެވެ. ރުޅި އޭގެ ސައިޒަށް ކުޑަވާނީ އެވެ.
މީހުން ރުޅި އަންނަ ގޮތްތަކެއް އެންމެ ކުރީގައި ކިޔާލީމެއް ނޫން ހެއްޔެވެ؟ އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. މީހެއްގެ ގާތަށް ރުޅި އަންނަނީ ދެން ހުންނަ މީހަކު ކަމެއް ކުރާ ގޮތަކުންނެއް ނޫނެވެ. މީހެއްގެ ގާތަށް ރުޅި އަންނަނީ އެ މީހަކު އެކަމަކާ މެދު ވިސްނާ ގޮތަކުންނެވެ.
އެހެންވީމަ ރުޅިގަދަވެފައި ހުންނަ މީހަކު ޖައްސާ ވައްތަރަކުން އަމިއްލަ މީހާ ރުޅިގަދަ ނުވާށެވެ. އޭގެ ބަދަލުގައި މިހެން ވިސްނާލާށެވެ.
"އޭނާ ރުޅިގަދަވެގެން އެ އުޅެނީ އަހަންނާ ހެދިއެއް ނޫނެވެ. ކޮންމެވެސް އެހެން ކަމެއް އޭނާގެ ހަޔާތުގައި ގޯހީ އެވެ."
ކުރިމަތިވާ ހާލަތަށް މިފަދަ ގޮތަކަށް ތިމާގެ ގަބޫލުކުރުން ބަދަލުކޮށްލީމަ އެ ހާލަތަށް ބަންޑުންކުރުވާ ޖަޒުބާތުތައް ސިކުނޑީގެ ބާރުން ބަދަލުވެގެން ދެ އެވެ. އެހިސާބުން ރުޅި ކޮންޓްރޯލްވަނީކީއެއް ނޫނެވެ. ރުޅި ނުވެސް އާދެވެނީ އެވެ.