ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން އެ މައްސަލަ ބަލަން ފެށި އިރު މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އެ ޔޫނިއަނުން ޓްވީޓްކޮށް ބުނީ ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް ދިން ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އެ މައްސަލަ ބަލައި އަދަބު ދިނުމަށް ވެސް އެ ޔޫނިއަނުން ގޮވާލި އިރު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ވެސް ބުނެފައި ވެއެވެ.
މާފަންނު މަދަރުސާގައި ގާއިމުވެފައިވާ ކޮވިޑް ރެޕިޑް ރެސްޕޯންސް ޓީމުގައި ހިމެނޭ ފްރޮންޓްލައިން މުވައްޒަފަކަށް މަޖިލިސް މެންބަރު އިކްރާމް ހަމަލާ ދީ މާރީ ހިންގާފައިވާ ކަމަށް ބުނެ ތުހުމަތު ކުރަމުން ގެންދާއިރު މެންބަރު އިކްރާމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެއީ ސިޔާސީ ބޭނުމެއްގައި ފަތުރާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެކަމަކު ފުލުހުން ބުނެފައި ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ހަމަލާ ދިން މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އަދި އެކަން ބަލައި ތަހުގީގު ކުރާ ކަމަށެވެ.