ފިނިޕޭޖް

ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަކަށް "ޚާލީ ޕީލީ"

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އިންޑިޔާގެ ސިނަމާތައް ބަންދު ކޮށްފައި އޮންނަތާ ހަ މަހަށް ވުރެ ގިނަ ދުވަހަށް ފަހު އޮކްޓޯބަރު 15 އިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން މިހާރުވަނީ ދީފަ އެވެ. އެއާއެކު ފިލްމުތައް ރިލީޒް ނުކުރެވިފައި ތިބި ޕްރޮޑިއުސަރުންތައް އަވަސް އަރުވާލާފައި ފިލްމުތައް ރިލީޒް ކުރާނެ ތާރީޚްތައް ހޯދަން ވަނީ މަސައްކަތް ފަށާފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސިނަމާތަކުގައި ފުރަތަމަ ދައްކަން ފަށާ ފިލްމަކީ އިޝާން ޚައްތަރު އާއި އަނަންޔާ ޕާންޑޭގެ "ޚާލީ ޕީލީ" އެވެ. މި ފިލްމު ވަނީ ޒީ ޕްލެކްސް ކިޔާ އޯޓީޓީ ޕްލެޓްފޯމެއްގައި މިމަހުގެ ދެވަނަ ދުވަހު ރިލިޒްކޮށްފަ އެވެ. މިއީ ފައިސާ ދައްކާފައި ފިލްމު ބަލާލެވޭ ޕްލެޓްފޯމެކެވެ. މީގެ އިތުރުން ޑްރައިވް-އިން ތިއޭޓަރުގައި ގުރުގްރާމާއި ބެންގަލޫރޫގައި މި ފިލްމުގެ ޝޯތަކެއް ދައްކާފައި ވެއެވެ.
"ޚާލީ ޕީލީ" ތިއޭޓަރުގައ ރިލީޒް ކުރާނީ މިމަހު 16 ވަނަ ދުވަހު އެވެ.

އިންޑިޔާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ދަށުން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދެމުންދާނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ނުފެތުރޭ ސަރަހައްދުތަކުގައި ހުރި ސިނަމާތަކަށެވެ. އަދި ސިނަމާތަކަށް ވެއްދޭނީ އެ ސިނަމާއެއްގެ ކެޕޭސިޓީގެ 50 ޕަސެންޓެވެ. މި ގައިޑްލައިންގެ ދަށުން ނަމަވެސް ސިނަމާތައް ހުޅުވުމުގެ ހުއްދަ ދިނީތީ ވަރަށް ގިނަ އެކްޓަރުން ވަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކޮށްފަ އެވެ.

"ޚާލީ ޕީލީ"ގެ ރިވިއުތައް ބުނާ ގޮތުގައި މިއީ ވަރަށް އިލެކްޓްރިކް ނަމަވެސް ބައެއް ފަހަރު ތަންކޮޅެއް ކަންތައް ބޮޑުކޮށްލައިގެން އުޅޭ މަންޒަރުތައް ފެންނަ ފިލްމެކެވެ.

މަގްބޫލު ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮލިވުޑް ފިލްމުތަކުގައި ހުންނަ ހުރިހާ ހަވާދެއް ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށާއި ހިންދީ ފިލްމުތައް ބަލަން ލޯބިކުރާ މީހުންނަށް ފިލްމު ކަމުދާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ރިވިއުތަކުގައި ބުނެފައި ވެއެވެ.