ލައިފްސްޓައިލް

އަށް އަހަރުގެ ކުއްޖެއްގެ އެކުވެރިޔަކަށް 11 ފޫޓުގެ ހަރުފައެއް

ހަރުފަ ދެކެ ބިރު ނުގަންނަ މީހަކު އަދި ކުއްޖަކު ދުނިޔޭގައި ވަރަށް މަދުވާނެ އެވެ. ނަމަވެސް އިޒްރޭލުގެ އަށް އަހަރުގެ މި އަންހެންކުއްޖާގެ އެންމެ ގާތް އެކުވެރިއަކީ 11 ފޫޓު ދިގު ހަރުފަ އެކެވެ. ރޮއިޓާސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންބަރް ނަމަކަށް ކިޔާ މި ކުޑަ އަންހެންކުއްޖާ މި ހަރުފަ ގެންގުޅެނީ ވަރަށް ކުޑަކުޑަ އިރުއްސުރެ ފެށިގެންނެވެ.

ރީނދޫ ކުލައިގެ މި ހަރުފަޔާއެކު އިންބަރު އޭނާގެ ގޭގައި އޮންނަ ސްވިމިން ޕޫލްގައި ފަތާ އުޅެ އެވެ. މި ހަރުފައަށް އިންބަރު ދީފައި ވަނީ ނަމަކީ ބެލޭ އެވެ. އެއީ ޑިޒްނީގެ ބިއުޓީ އެންޑް ބީސްޓްގެ ކެރެކްޓާއެއްގެ ނަމެވެ.

އިންބަރް ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ސްކޫލްތައް ބަންދުކޮށް ގޭގައި އެތައް މަހަކު ހުރިއިރު އޭނާ ފޫހިފިލުވައިދިނީ މި ހަރުފަ އެވެ.

"މިސޮރު އޮންނާތީ އަހަންނަށް ވަގުތު ދާ ގޮތް ވެސް ނޭނގޭ. ހަރުފައާއެކު ވަގުތު ހޭދަކުރާހިތް އަހަރެން ވަރަށް ވޭ. އަދި އެ ސޮރު ދުލި ބާލަން ވެސް އަހަރެން އެހީތެރިވަން. އަދި ކޮރޯނާވައިރަހުގެ މި ދުވަސްވަރު އެ ސޮރު އުފަލުން ބާއްވަން ވެސް އަހަރެން އެހީތެރިވަން،" އިންބަރު ބުންޏެވެ.

މި އާއިލާއިން އޮޅުކޮށްގެން ގެންގުޅެނީ ހަމައެކަނި މި ހަރުފައެއް ނޫނެވެ.

އިންބަރުގެ އާއިލާއަކީ އިޒްރޭލުގެ ވަރަށް މުއްސަނދި އާއިލާ އެކެވެ. މި އާއިލާ ދިރިއުޅެނީ އިޒްރޭލުގެ ދެކުނުގައި އޮންނަ އެގްރިކަލްޗަރަލް ކޮމިއުނިޓީއެއްގެ އެނިމަލް ސެންޗުއަރީ އެއްގައި ވަރަށް ތަފާތު ގިނަ ޖަނަވާރު ތަކަކާ އެކުގަ އެވެ.

"އިންބަރް އުފަންވީއްސުރެ އުޅެމުންދަނީ ހަރުފަތަކާއި އެހެނިހެން ވެސް ޖަނަވާރުތަކާ އެކު. މި ހަރުފަ އާއެކު އިންބަރު ފަތަނީ ވަރަށް ކުޑައިރުއްސުރެ ފެށީގެން. އޭރު ހަރުފަ ވެސް ކުޑަ. މިހާރު އިންބަރު ތަންކޮޅެއް ބޮޑުވެފައިވާއިރު ހަރުފަ ވެސް ވަނީ ވަރަށް ބޮޑުވެފައި. މިހާރުވެސް އިންބަރު އާއި ހަރުފަ ކޮންމެ ދުވަހަކު ސްވިމިން ޕޫލްގައި ފަތާ އުޅޭ. އަހަރެމެންނަށް މިއީ ވަރަށް އާދައިގެ ކަމެއް،" އިންބަރުގެ މަންމަ ސެރިޓު ރެގޭވް ރޮއިޓާސް އާ ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

އިންބަރް ހަރުފަ އާއެކު ފަތާ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާގެ މަންމައަށް ވަނީ އަމާޒުވެފަ އެވެ. އަދި އޭނާ އަކީ ދަރިން ތަރުބިއްޔަތުކުރަން ނޭނގޭ މީހެއް ކަމަށް ބައެއް މީހުންގެ ކޮމެންޓުތަކުގައި ވެއެވެ.
ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ބެހޭ ގޮތުން އިންބަރުގެ މަންމަ ބުނީ ދަރިންނާއެކު އޭނާ އުޅެމުން ދަނީ ވަރަށް އުފާވެރި އަދި "ލޯބި" ދިރިއުޅުމެއް ކަމަށެވެ. ކުޑައިރުއްސުރެ މިފަދަ ޖަނަވާރުތަކާ އެކު އުޅެން ލިބުމުން ކުދިން ބޮޑެތި ވާނީ އެހެން މަޚްލޫގުންނާއި އިންސާނުން ދެކެ ވެސް ވަރަށް ލޯބިވާ ކުއްޖެއްގެ ގޮތުގައި ކަމަށް އިންބަރުގެ މަންމަ ގަބޫލުކުރެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި މި ޚަބަރަށް ކޮމެންޓުކުރި ގިނަ ބަޔަކު އިންބަރުގެ މަންމަ ދެއްކި ވާހަކަ ތަކަކަށް ތާއީދެއް ނުކުރެ އެވެ. އެމީހުން ބުނީ ބޮޑު ހަރުފައަކާއެކު އިންބަރު ފަތާ މަންޒަރު ފެނިފައި އޭނާ ހޭނުނެތުނީ ކިރިޔާ ކަމަށެވެ. އެހެން މީހެއްގެ ކޮމެންޓުގައި ހަރުފައަކީ ވެޖެޓޭރިއަނެއް ނޫން ކަމަށް ބުނެފައި ވެއެވެ.

ބޮޑެތި ހަރުފަ ގެންގުޅޭ މީހުންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ވަރަށް ހިތި ތަޖުރިބާތައް މިސޮރުމެންގެ ފަރާތުން ކުރަން ޖެހިފައި ވެއެވެ. ގަސްތުގައި ނޫނަސް ނިދާފައި އޮއްވައި އަދި އެނޫން ގޮތް ގޮތަށް ވެސް ކަރުގައި އޮޅި ބާރުވެގެން ވެސް ހަރުފަ ގެންގުޅޭ ބައެއް މީހުން މަރުވެފައި ވެއެވެ.