ލައިފްސްޓައިލް

10 އަހަރުން 10 ދަރިން، އަދި ދެ ދަރިން ބޭނުން!

ބައެއް މީހުންނަށް އެންމެ ދަރިއަކުވެސް ރަނގަޅަށް ތަރުބިއްޔަތު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެ ފަދަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިން ބެލުމަކީ އެންމެ އުނދަގޫ މަސައްކަތެވެ. ވަރަށް ގިނަ ގުރުބާނީތަކާއި ވަގުތު ބޭނުންވާ ކަމެކެވެ.

ނަމަވެސް 36 އަހަރުގެ ކޯޓްނީ ރޮޖާޒްއަށް ގިނަ ދަރިން ވިހައި އެކުދިން ބަލާ ބޮޑު ކުރުމަކީ އެއްގޮތަކަށް ވެސް އުނދަގޫ ކަމަކަށް ނުވެ އެވެ. ކޯޓްނީއަށް 10 އަހަރު ތެރޭ 10 ދަރިން ލިބިއްޖެ އެވެ. އެކަމަކު އަދިވެސް ހުއްޓާލާކަށް ބޭނުމެއް ނޫނެވެ. އަދިވެސް އިތުރު ދެ ދަރިން އޭނާ ބޭނުމެވެ.

ކޯޓްނީ އާއި ކްރިސް ރޮޖާޒް ކައިވެނިކުރީ 2008 ވަނަ އަހަރު އެވެ. އެމީހުންނަށް އަލަތު ދަރިފުޅު ލިބުނީ 2010 ގައެވެ. އޭގެ ފަހުން ކޯޓްނީ ނުވަ ފަހަރަށް ބަލިވެ އިނދެ ނުވަ ކުދިން ވިހައިފި އެވެ. އެމީހުން ކައިވެނިކުރިތާ 10 އަހަރުވީއިރު މި މުއްދަތުގައި ކޯޓްނީ ބަލިވެ ނީނދެ ދިޔައީ އެންމެ ނުވަ މަސް ދުވަހެވެ. އެއީ ވިހާ ގަދަވާން ނަގާ ދުވަސްތައް ކަމަށް ބެލެވެ އެވެ.

މިހާރު މި ދެމަފިރިންގެ ހަ ފިރިހެންކުދިންނާއި ހަތަރު އަންހެން ކުދިން އެބަތިއްބެވެ. އެންމެ މަޖާ ކަމަކީ ކޯޓްނީގެ ހުރިހާ ދަރިންގެ ނަން ވެސް ފެށެނީ "ސީ" އަކުރަކުންނެވެ. އެންމެ ބޮޑީ ކްލިންޓް އެވެ. ދެން ކްލޭ، ކޭޑް، ކެލީ، ކޭޝް، އެއްމާބަނޑު ދެބެން ކަމަށްވާ ކޯލްޓް އާއި ކޭސް، ކެލޭނާ، ކޭޑީއު އަދި ކޮރަލީ އެވެ.

ކޯޓްނީ މިހާރު ވެސް އިނީ ބަލިވެ އެވެ. ކުރީ ދެ ފަހަރަކު ބައިގެން ގޮސްފައިވާތީ މިފަހަރު ހުރީ ވަރުން ބިރުން ކަމަށާއި ނަމަވެސް މިފަހަރު ބަލިވެ އިންފަހުން 33 ހަފުތާ ވެފައިވާތީ ހިތްހަމަޖެހިއްޖެ ކަމަށް ވެސް ކޯޓްނީ ބުންޏެވެ.

"އަހަރެން ބޭނުމީ މަދުވެގެން 12 ކުދިން. ސާދަ މީހުންގެ އާއިލާއެއް ވަރަށް ހިތްހަމަޖެހޭނެ. އަހަރެންގެ ފިރިމީހާ އަކީ ވެސް 10 ކުދިން ތިބި އާއިލާއެއްގެ އެންމެ ދޮށީ މީހާ. އެހެންވެ އަހަރެމެން ކައިވެނި ކުރިއިރުވެސް އޭނާ ޖޯކަކަށް ބުނި އޭނާގެ މަންމަ ގޮތަށް އެހާ ގިނަ ދަރިން ހޯދަން ވާނޭ. އަހަރެމެންގެ ކުދިން ބޭނުން ވަނީ ފިލްމު "ޗީޕާ އޮފް ދަ ޑަޒަން" ގައިވާ ގޮތަށް އެކުދިންގެ މައިންބަފައިން ވެސް އެމީހުންގެ ކެރިއަރު ދޫކޮށްލާފައި 12 ކުދިން ބެލުމުގައި ދުވަސްތައް ހޭދަކުރަން،" ކޯޓްނީ ބުންޏެވެ.