ވިޔަފާރި

އެކްސްޕޯ 2020: ކޮންސެޕްޓް ހަދާނެ ބަޔަކު ހޯދަނީ

Oct 10, 2020

ދުބާއީގައި އޮންނަ "އެކްސްޕޯ 2020" ގެ ރާއްޖޭގެ ސްޓޯލް ޑިޒައިން ކުރާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނި ގޮތުގައި އެކްސްޕޯ 2020 ގެ ރާއްޖޭގެ ޕެވިލިއަންގެ ކޮންސެޕްޓް ޑިޒައިން ކުރާ ފަރާތެއް ހޯދުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، މާދަމާ ގެ ނިޔަލަށް މި މަސައްކަތް ތަކަށް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތް ތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު މާދަމާ 12:00 އަށް އޮންނާނެ އެވެ. ބިޑްތައް ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެކި ގައުމު ތަކުން ބައިވެރިވެގެން ދުބާއީގައި ހަ މަސް ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ "އެކްސްޕޯ 2020" ކުރިން ފަށަން އޮތީ މިމަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިހާރު މި ފެއާ ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުން 2022 ގެ މާޗް މަހަށެވެ.

އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވަނީ މި ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރި ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެސް ވެފަ ެވެ.

ދުބާއީ "އެކްސްޕޯ 2020" އަކީ މެދުއިރުމައްޗާއި އޭޝިއާއަަށް ހާއްސަކޮށް ހުޅުވާލައިގެން ބާއްވާ ފެއާ އެކެވެ. މި ފެއާގައި 137 ގައުމަކުން ބައިވެރިވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

ސަރުކާރުން ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން މި އަހަރު "ފަންނު އެކްސްޕޯ" ގެ ނަމުގައި ފެއާއެއްވެސް ބާއްވާފަ އެވެ. އަދި މި ފެއާއިން ވަނަތައް ހޯދި ފަރާތްތަކަށް މި ފެއާގައި ހިލޭ ބައިވެރިވުމަށް ފުރުސަތެއް ދޭން ވަނީ ނިންމާފަ އެވެ.