ވިޔަފާރި

ދުބާއީ ފެއާ: ދިވެހި އުފެއްދުންތަކަށް ފުރުސަތު ހުޅުވާލައިފި

ދުބާއީގައި މި އަހަރު ބާއްވާ "އެކްސްޕޯ 2020" ގައި ރާއްޖެ ބައިވެރިވާން ނިންމައި އެ މައުރަޒުގައި ދިވެހި އުފެއްދުންތައް ބައިވެރި ކުރަން އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފި އެވެ.

ދުބާއީގެ މި ބޮޑު ފެއާއަކީ ކޮންމެ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ވިޔަފާރީގެ ބޮޑު އިވެންޓެކެވެ. މި އިވެންޓް ހަ މަސް ދުވަހަށް ދެމިގެން ދާނެ އެވެ. މި މަރުރަޒުގައި ދިވެހި އުފެއްދުންތައް ބައިވެރި ކުރުމުގެ ފުރުސަތު މި މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "އެކްސްޕޯ 2020" އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި އެ ފަދަ ވިޔަފާރި ހިންގާ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި މާކެޓު ހޯދަން ލިބިގެން ދާނެ ފުރުސަތެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ބޭއްވި ފަންނު އެކްސްޕޯއިން ފާހަގަ ކުރެވޭ ވިޔަފާރިތަކަށް އެކްސްޕޯ 2020 އިން ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފަ އެވެ.

"އެކްސްޕޯ 2020" އޮންނާނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 20 އިން އަންނަ އަހަރުގެ 10 އޭޕްރީލް 2021 ގެ ނިޔަލަށެވެ. މިއީ ދުނިޔޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް ފެއާ އެވެ.