ސުޕްރީމް ކޯޓް

ވެރިންގެ މުސާރަ ކުޑަކުރި މައްސަލަ ތާވަލުކޮށްފި

ކޮވިޑް-19 އިގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފި އެވެ.

ރައީސާއި މެންބަރުންނާއި ފަނޑިޔާރުން އަދި މުއައްސަސާތަކުގެ ވެެރިންގެ މުސާރަ ކުޑަކުރީ ގާނޫނަށް އިސްލާހު ގެނައުމަކާ ނުލަ އެވެ. ގާނޫނެއްގައި މަގާމެއްގެ މުސާރަ އާއި އިނާޔަަތްތައް ކަނޑައަޅާފައިވާނަމަ އެއަށް ބަދަލެއް ގެނެވޭނީ ފުރަތަމަ އެ ގާނޫނު އިސްލާހު ކުރުމަށް ފަހު ކަމަށާ ގާނޫނަށް އިސްލާހު ނުގެނެސް މަޖިލީހުގެ ކޮމިޓީއަކުން އެކުލަވާލާ ރިޕޯޓަކަށް ބިނާކޮށް އެކަން ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދެވީ ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މެއި 20، 2020 ގައި ވަނީ ނިންމާފަ އެވެ. އެއީ ތިން މަސް ދުވަހަށެވެ.

އެ ނިންމުމާއި ގުޅިގެން ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވަނީ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޖޫން މަހުގެ ފުރަތަމަ ދުވަހު މައްސަލަ ހުށައަޅާފަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އަދި އެ ކޯޓުން މިހާރު ވަނީ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފަ އެވެ. އެ މައްސަލަ ތާވަލްކޮށްފައި ވަނީ އެ ދުވަހުގެ 11:00 ޖަހާއިރަށެވެ.

ދެހާސް ނުވަވަނަ ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާާސްކުރި ރައީސް އާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތައް ބަޔާން ކުރާ ގާނޫނުގައިވާ ގޮތުން ރައީސްގެ މުސާރައަކީ 100،000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައަކީ 75،000 ރުފިޔާ އެވެ. ނަމަވެސް މާލިއްޔަތު ކޮމެޓީން ނިންމި ނިންމުމާއެކު މަޖިލީހުން ވަނީ ތިން މަސް ދުވަހަށް ރައީސްގެ މުސާރަ 65،000 ރުފިޔާއަށް އަދި ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އަދި މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަ ވެސް ވަނީ ކުޑަކޮށްފަ އެވެ.

ގާނޫނީ ވަކީލުން އުފެއްދި ސުވާލުތަކާއި ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ އެ ކަމުގައި ގާނޫނީ ފުށުއެރުމެއް ނެތެވެ. ރައީސް އާއި ނައިބު ރައީސްގެ މުސާރައިގެ ގާނޫނުގައި ވެސް އެ މުސާރަ މުރާޖައާ ކުރަން ވާނެ ކަމަށް ބުނެފައިވާ ކަމަށާ އެ ދެ މަގާމުގެ މުސާރަ ކަނޑަ އެޅުމަކީ ގާނޫނު އަސާސީން މަޖިލީހަށް ދީފައިވާ ބާރެއް ކަމަށް ނާޝިޒު ވިދާޅުވިއެވެ.

މަޖިލީހުގެ ނިންމުމާއި އެއްގޮތަށް މުސާރަތައް ކުޑަކުރުމަށްފަހު މުސާރަ އިއާދަކުރަން ފިނޭންސް މިނިސްޓްރީން ނިންމީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ.