ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ: އެޗްޕީއޭ

ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިހެން ބުނެފައި ވަނީ ސާމްޕަލް ނަގަން އުޅުނު ހެލްތު ފްރޮންޓްލައިން އޮފިޝަލަކަށް ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މާފަންނު މަދަރުސާގައި ގާއިމުވެފައިވާ ކޮވިޑް ރެޕިޑް ރެސްޕޯންސް ޓީމުގައި ހިމެނޭ ފްރޮންޓްލައިން މުވައްޒަފަކަށް އެމްޑީޕީއަށް ނިސްބަތްވާ އިކްރާމް ހަމަލާ ދީ މާރީ ހިންގާފައިވާ ކަމަށް ބުނެ ތުހުމަތު ކުރަމުން ގެންދާއިރު މެންބަރު އިކްރާމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

މިރޭ އެޗްޕީއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެޗްއީއޯސީއާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ދެމުންދާ ހިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަނޑުތަކާއި އެއްގޮތަށް ދެމުންދާ ހިދުމަތްތަކެކެވެ. އަދި ހިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިޖާބަދީގެން ފޯރުކޮށްދޭ ހިދުމަތެއް ކަަމަށެވެ.

"މި މަސައްކަތުގައި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތް ކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން، ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އަމަލު ކުރުމށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަދި އޯގާތެރިކަމާއެކު ކަމަށް ދަންނަވަން،"

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ. އެކަމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މެންބަރު އިކްރާމް ސިއްހީ އޮފިޝަލަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން އެ މައްސަލަ ވަނީ ބަލަން ފަށާފަ އެވެ. އެ މައްސަލާގައި އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން އިކްރާމް ވެސް ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވަމުންނެވެ. އަދި އެހެން ތަންތަނުން ޓެސްޓް ހެއްދެވިއިރު އެއްވެސް އުނދަގުލެއް ނުވާ ކަމަށް ވިދާޅުވެ މާފަންނު މަދަރުސާގައި އޭނާ ޓެސްޓް ކުރި އޮފިޝަލަަށް ފާޑުވިދާޅުވި އެވެ.