ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑަށް ޕޮޒިޓިވްވީ 51 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،859 އިން މައްޗަށް އަރާފައި ވެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 44 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ހަތް މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 35 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 16 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،338 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 29 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،683 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،135 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 74 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 22 ރަށެއްގައި 153 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 10 ފަތުރުވެރިންނާއި 17 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.