ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އުތުރު ޕޮލިސް ކޭސް: ޕޮޒިޓިވް އަދަދު 10 އަށް

ހދ. ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް މީހާއާ ކޮންޓެކްޓްވި އިތުރު ބަޔަކު ޕޮޒިޓިވްވެ ބަލި ޖެހުނު އަދަދު 10 އަށް އަަރައިފި އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހެކެވެ. އެއީ ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ފުލުހެކެވެ.

ފުލުހުންްގެ އެ އޮޕަރޭޝަން ކުރިއަށް ދިޔައީ މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. ޕޮޒިޓިވްވި ފުލުސް މީހާއާ ކޮންޓެކްޓް ވެގެން ފުރަތަމަ ޕޮޒިޓިވްވީ ދެ ފުލުހެކެވެ. އެއީވެސް ކުޅުދުއްފުށިން ޕޮޒިޓިވްވި ދެ ފުލުހެކެވެ. އޭގެ ފަހުން ދިއްދޫގައި މަސައްކަތް ކުރާ ފުލުހުންްގެ ތެރެއިން ތިން ފުލުހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީވެސް އުތުރުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނެވެ. އަދި އޭގެ ފަހުން ދިއްދޫއިން އިތުރު ފުލުހަކާއި ށ. ފޯކައިދޫން ފުލުހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ގިނަ ފުލުހުންތަކެއް ވަނީ ކަރަންޓީން ވެސް ކޮށްފަ އެވެ. އަދި އުތުރުގެ ހަތް ރަށެއް މޮނިޓަރިންގެ ހާލަތަށް ވެސް ގެންދިޔަ އެވެ.

ކުޅުދުއްފުށިން ފުލުހަކު ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގެ ސަރުކާރާ ރައްޓެހި އިންޑިއާގެ ކޮޗިން ފެރީ އައުމުގެ ކުރިން މާލެއިން ފުލުހުންގެ ޓީމެއް ވަނީ ކުޅުދުއްފުށްޓަށް ގޮސްފަ އެވެ. އަދި އެ މީހުން ކަރަންޓީން ނުވެ ރަށުތެރޭގައި އުޅުނު ކަމަށް ބުނެ ކުޅުދުއްފުށީ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ އިވެންޓް ކަވަރު ކުރަން ދައުލަތުގެ މީޑިއާގެ ނޫސްވެރިން ވެސް ގެންދިޔަ އެވެ. އެ މީހުންވެސް ކަރަންޓީނު ނުވެ ރަށުތެރޭގައި އުޅުނެވެ.