ބޮލީވުޑް

ޑޮކްޓަރުންގެ ރިޕޯޓަށް ސުޝާންތުގެ އާއިލާ ހިތްހަމައެއް ނުޖެހުނު

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން އޭނާގެ އާއިލާއަށް ލިބިފައިވާ ހިތްދަތި ކަމާއި ހިތާމައަށް އަދިވެސް ލުޔެއް ލިބޭ ގޮތެއް ނުލިބެ އެވެ. ސުޝާންތަކީ ހަތަރު ކުދިންގެ އާއިލާގެ ހުރި ހަމައެކަނި ފިރިހެން ކުއްޖާއަށް ވެފައި އޭނާގެ ކުއްލި މަރުން އެއްބަނޑު އެއްބަފާ ދެން ތިބި އަންހެން ކުދިންނަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. އަދި ސުޝާންތުގެ ބައްޕަ އަށް ވެސް ވަނީ މިކަމުގެ ހިތާމަ ވަރަށް ބޮޑަށް ވެރިވެފަ އެވެ.

އާއިލާއިން ގަބޫލުކުރާ ގޮތުގައި ސުޝާންތު މަރުވީ އަމިއްލައަކަށް ނޫނެވެ. އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ޑްރަގް ދީގެން މަރުވާން މަޖްބޫރު ކުރީ އެވެ.

ސުޝާންތުގެ އާއިލާގެ މަތިން ސުޕްރީމް ކޯޓުގެ އަމުރަކަށް އިންޑިއާގެ ސީބީއައި އިން މިހާރު މި މައްސަލަ ބަލަމުންދާއިރު ސުޝާންތުގެ ޕޯސްޓު މޯޓަމް ހެދި އެއިމްސްގެ ރިޕޯޓަށް އެ އެޖެންސީން ވަރަށް ބޮޑަށް ބަރޯސާ ވެއެވެ. އެއިމްސް އިން އެންމެ ފުރަތަމަ ނެރުނު ރިޕޯޓުގައި ވެސް ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް އާއިލާގެ އެދުމުގެ މަތިން އަނެއްކާވެސް ފޮރެންސިކް ހެކިތައް ބަލައި ޕޯސްޓްމޯޓަމް ކަންތައް ދިޔަ ގޮތް ރިވިއު ކުރުމަށްފަހު ދެ ވަނަ ފަހަރަށް ޑޮކްޓަރުން ނެރުނު ރިޕޯޓުގައި ވެސް ބުނެފައިވަނީ ސުޝާންތު މަރުވީ އަމިއްލައަށްކަން ޝައްކެއް ނެތް މިންވަރަށް ޔަގީން ކުރެވޭ ކަމަށެވެ.

އެއިމްސް އަކީ މުޅި އިންޑިޔާގެ ވެސް އެއްވަނަ މެޑިކަލް އިންސްޓިޓީއުޓެވެ. ސުޝާންތުގެ މަރުގެ ރިޕޯޓު ތައްޔާރުކުރުމުގައި އެ އިންސްޓިޓިއުޓްގެ ވަރަށް މަތީ ފެންވަރުގެ ހަތް ޑޮކްޓަރަކު ބައިވެރިވެފައި ވެއެވެ. ހަތް ޑޮކްޓަރުން ވެސް އެއްބަސް ވެފައިވަނީ ސުޝާންތު މަރާލާފައިވާ ކަމުގެ ކުޑަ ނަމަވެސް ހެއްކެއް އޭނާގެ ހަށިގަނޑުން އެމީހުންނަށް ފެނިފައި ނުވާ ކަމަށެވެ. އަދި ވިހައެއް އެއްޗެއް ދީފައިވާ ކަމުގެ އެއްވެސް ނިޝާނެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް ޑޮކްޓަރުން ދެ ވަނަ ފަހަރަށް ނެރުނު ރިޕޯޓާ ވެސް ސުޝާންތުގެ އާއިލާ ވަނީ ހިތްހަމަނުޖެހިފަ އެވެ. އަދި ޑޮކްޓަރުންގެ ޝަކުވާ މިހާރު ސުޝާންތުގެ އާއިލާއިން ވަނީ ކަމާ ބެހޭ ފަރާތްތަކުގައި ކޮށްފަ އެވެ. ސުޝާންތުގެ ފޮރެންސިކް އެނަލައިސިސް ރިޕޯޓު ލީކު ވެފައިވާތީ ޑޮކްޓަރުން އެކަން ކުރިކަމަށް ތުހުމަތުކޮށްފަ އެވެ.

ސުޝާންތުގެ އާއިލާގެ ގާނޫނީ ވަކީލު ވަރުން ސިންގް އެ އާއިލާގެ ފަރާތުން ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ރިޕޯޓު މާ ކުރިން ލީކުވުމުން ޑޮކްޓަރުންނާ މެދު އިތުބާރު ގެއްލިފައިވާ ކަމަށާއި އަލުން ޑޮކްޓަރުންގެ ޕެނަލެއް ނަގައިގެން ފޮރެންސިކް ހެކިތައް އަލުން އެމީހުން ލައްވާ ބަލައި ރިޕޯޓު ތައްޔާރުކޮށްދޭން އެދޭ ކަމަށެވެ.

ގާނޫނީ ވަކިލު ބުނަނީ ޕޯސްޓް މޯޓަމް ހެދި ކޫޕާ ހޮސްޕިޓަލުން ޕޯސްޓް މޯޓަމް ހެދިއިރު ވީޑިއޮގްރަފީ ކޮށްފައި ނުވާ ކަމަށާއި އަދި މަރުވި ގަޑި ކަނޑައެޅިގެން ރިޕޯޓުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ސުޝާންތު ދިރިއުޅޭ އެޕާޓްމަންޓުގެ ނިދާ ކޮޓަރީގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

މިހާރު ސީބީއައިގެ އިތުރަށް ނާކޮޓިސް ކޮންޓްރޯލް ބިއުރޯ އިން މި މަރުގެ މައްސަލައިގައި ހިމެނޭ ޑްރަގް އެންގަލް ދަނީ ތަހުގީގުކުރަމުންނެވެ. އަދި ސުޝާންތު މަރުވިއިރު އޭނާ ޑްރަގް ނަގާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމުގެ ހެކިތައް އެ އެޖެންސީ އަށް ލިބިފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.