ރައީސް އޮފީސް

ގައުމީ ދުވަހު ޖަލްސާ އާއި ގައުމީ އިނާމު ފަސްކޮށްފި

ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި މި އަހަރު ނުބާއްވަން ނިންމައި އެ ދުވަހު ދޭން ނިންމާފައިވާ ގައުމީ އިނާމު، ދިނުން ފަސް ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޮވިޑް-19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން ކަމަށެވެ.

ކޮވިޑުގެ ހާލަތު، އާންމު ހާލަތަކަށް ރާއްޖެ ބަދަލުވުމުން، ގައުމީ އިނާމު ދޭން ހާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި އެ ޖަލްސާ ބާއްވާނެ ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރަނީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމަށެވެ.