ހަބަރު

ގައުމީ ދުވަހު، ގައުމީ އިނާމު ދޭ ގޮތަށް ރައީސް ހަމަޖައްސަވައިފި

ސަރުކާރުން ކޮންމެ އަހަރަކު ދެމުންދާ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ގައުމީ ދުވަހު އިނާމު ދޭ ގޮތަށް ރައީސް ހަމަޖެއްސެވީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމުތައް ދިނުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ގައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީ އެވެ.

ގައުމަށް އެކި ރޮނގުތަކުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގައުމީ އިނާމު ދޭން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1979 ވަނަ އަހަރުގަ އެވެ.

އެންމެ ފުރަތަމަ މި އިނާމު ދެމުން ގެންދިޔައީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ފަހުން ޖުމްހޫރީ ދުވަހު މި އިނާމު ދިނުމަށް ސަރުކާރުން ހަމަޖެއްސި ފަހުން މިހާތަނަށް އިނާމު ދެމުން ގެންދިޔައީ އެ ދުވަހު ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީން މި އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގަ އެވެ.

މި އަހަރު ގައުމީ އިނާމު ދޭނެ މައިގަނޑު ދާއިރާތަކާއި ރޮނގުތަކާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ހިޔާލު، ގައުމީ އިނާމާ ބެހޭ ކޮމިޓީން ހޯދާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ގައުމީ އިނާމުގެ އުސޫލުތަކަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް ކޮމިޓީން ދަނީ ކުރަމުންނެވެ.