ބޮލީވުޑް

ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ކައިވެނި ކުރަނީ؟

ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ކައިވެނި ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ގިނަ ބަޔަކު މިހާތަނަށް ވަނީ ގަބޫލުކޮށްފަ އެވެ. ސަބަބަކީ މީގެ ކުރިން ވެސް އެއްފަހަރު ނެހާ އާއި ލަވަކިޔުންތެރިޔާ އަދިތުޔާ ނާރަޔަން ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ފެތުރި އެއީ ދޮގެއްކަން ހާމަ ވެފައިވާތީ އެވެ. އެހެންވެ ދެ ވަނަ ފަހަރަށް ނެހާގެ ކައިވެނީގެ ވާހަކަތައް ދެވެން ފެށުމުން ގިނަ ބަޔަކު ހީކުރީ މިއީ އަނެއްކާވެސް ނެހާގެ ލަވައެއް އެއްޗެއް ޕްރޮމޯޓްކުރަން ކުރާ ކަމެއް ކަމަށެވެ.

ނަމަވެސް އާދިއްތަ ދުވަހު ނެހާ ސޯޝަލް މީޑިއާގައި ޝެއާ ކުރި މެސެޖަކުން މި ކައިވެނި ހަގިގަތުގައި ވެސް ކުރަން އުޅޭ ކަމުގެ އިޝާރާތެއް ވަނީ ލިބިފަ އެވެ. ނެހާ ވަނީ އަލަތު ކައިވެނި ކުރާއިރު އިންޑިޔާ އަންހެނުން އަޅާ ކަހަލަ ސަގާފީ ހެދުމެއްގައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އަދި މި ފޮޓޯތަކުގެ ކެޕްޝަނަކަށް "ނެހާގެ ކައިވެނި" މިހެން ޖަހާފައި ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތެރޭގައި ނެހާ އާއި އޭނާގެ ލޯބިވެރިޔާ ރޯހަންޕްރީތު ސިންގް ކައިވެނި ކުރާނެ ކަމަށެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތަކުގެ ތައްޔާރީތައް މިހާޜު ފެށީގެން ކުރިޔަށްދާ ކަމަށެވެ. ރޯހަން އަކީ ޕަންޖާބުގެ ލަވަކިޔުންތެރިއެކެވެ.

ރޯހަން އާއި ނެހާ ރައްޓެހިވެގެން އުޅޭކަން ދާދިފަހުން ނެހާ ވަނީ ޔަގީންކޮށްދީފަ އެވެ. އެއީ ރޯހަން އާއެކު ނަގާފައިވާ ފޮޓޮއަކާއެކު "ތިބާއަކީ މަގޭ މީހެއް" ލިޔެފައި އޮތުމުންނެވެ. ނެހާގެ މި މެސެޖަށް ރޯހަން ވެސް ވަނީ "އައި ލަވް ޔޫ" ޖަހާފައި ކޮމެންޓް ކޮށްފަ އެވެ.

ނެހާ އާއި ރޯހަންޕްރީތުގެ އެކުވެރިޔަކު ބުނި ގޮތުގައި ކައިވެނި އޮންނާނީ އޮކްޓޯބަރު ނިމޭ ހިސާބުގައި ދިއްލީގައި ކަމަށް މީޑިއާ ތަކުން ރިޕޯޓު ކޮށްފައި ވިޔަސް އެ ދެ މީހުންގެ ކައިވެނި ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
ނެހާ އާއި ރޯހަންޕްރީތު ވަނީ އެކުގައި ލަވައެއްގައި ބައިވެރިވެފަ އެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާޙަކަ ފެށުނީ މި ލަވަ ރިލިޒްކުރުމާ ދިމާކޮށެވެ.

ނެހާ އަކީ އިންޑިޔާގެ ލަވަކިޔުންތެރިންގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ފޭނުން ގިނަ ލަވަކިޔުންތެރިޔާ އެވެ. އިންސްޓަގްރާމްގައި އެކަނިވެސް އޭނާ ފޮލޯކުރާ މީހުންގެ އަދަދު 33.5 މިލިއަނަށް އަރަ އެވެ.