ހަބަރު

ހުޅުމާލެ ފަޅުގައި އޮތް ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ ޑްރަގް ހޯދައިފިި

ހުޅުމާލެ ފަޅުގައި އޮތް ދޯންޏަކުން ގިނަ އަދަދެއްގެ ޑްރަގް ހޯދައިފި އެވެ.

ހުޅުމާލެ ފަޅުގައި އޮތް ދޯނިން ހޯދީ، 100 ކިލޯއަށް ވުރެ ގިނަ އަދަދުގެ ޑުރަގެވެ. މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވީ ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް ގުޅިގެން މިއަދު ހެނދުނު ހިންގި އޮޕަރޭޝަނެއްގައި، 100 ކިލޯ އަށް ވުރެ ގިނަ އަދަދުގެ ޑްރަގް ހޯދާފައިވާ ކަމަށެވެ. ހޯދި ޑްރަގުގެ ތެރޭގައި، ހިރޮއިން ހިމެނެ އެވެ.

އަދި ވިދާޅުވީ، ނާކޮޓިކް ޑްރަގް އެތެރެ ކުރުމުން ދިމާވާ އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ. ޑްރަގް ޓްރޭޑުގެ ކަންކަން ބަލައި އެކަން ނައްތާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެމްސީ ހަމީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެ އެވެ.

މިދިޔަ ހަފްތާގައި އައްޑޫގައިި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިވެސް 100 ކިލޯ އެއްހާ ޑްރަގް ފުލުހުން ވަނީ ހޯދާފަ އެވެ. ހަތަރު ދުވަހަށް ދިގު ދެމިގެންދިޔަ އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. އެ އޮޕަރޭޝަނުގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި އެމްފިޓަމިން އާއި ހެރޮއިން ހިމެނެ އެވެ.