ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް މޫސުމަށް ސަމާލުވާން މެޓް އޮފީހުން އެދެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް މެޓް އޮފީހުން މިއަދު ބުނީ، ރާއްޖޭގެ ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަޕްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަތޮޅުތަކުގެ މަތީގައި ދަނީ އުފެދެމުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އުތުރާއި މެދު އަތޮޅުތަކުގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.
މި ވިއްސާރާގައި މެދު އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ އެވެ. އަދި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑު 50 މޭލަށް ވައި ގަދަވާނެ އެވެ.
މެޓުން މިއަދު ވަނީ، މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން އދ. އަތޮޅަށް މިއަދު، 10:30 އިން 12:30 އަށް ރީނދޫ އެލާޓު ނެރެފަ އެވެ. އެ ސަރަހައްދުގައި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.