ބޮލީވުޑް

ރަންބީރާއި ދިޕިކާ އެކުގައި ފެނުމުން ކެޓްރީނާ ރަތަށް!

Oct 21, 2015
1

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯންގެ އޮން ސްކްރީން ކެމިސްޓްރީގެ ޖާދޫގައި ނުޖެހޭ މީހަކު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މި ދެތަރިންގެ ލޯބީގެ ގުޅުން މާގިނަ ދުވަހެއް ވަންދެން ދެމިނެތް ކަމުގައި ވިޔަސް ދެ މީހުންނަކީ ލޯބި ޖޯޑެކެވެ.

މި ދެތަރިން އެކުގައި ފެނިގެންދާނެ ފިލްމަކަށް އަބަދުވެސް ބެލުންތެރިން އިންތިޒާރުކުރަމުން އަންނައިރު، އަންނަ މަހުގެ ފަހުކޮޅު މިދެތަރިންގެ އާ ފިިލްމު "ތަމާޝާ" ރިލީޒްކުރާނެ އެވެ.

މިފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރި ހިސާބުން ރަންބީރާއި ދިޕިކާގެ ޖާދޫގައި ގިނަބަޔަކު ވަނީ ޖައްސާފަ އެވެ.

"ޔޭ ޖަވާނީ ހޭ ދިވާނީ" ގައި މިދެތަރިންގެ ފަރާތުން ފެނިގެންދިޔަ ރީތި ކެމިސްޓްރީއެއް އަދި މޮޅު އެކްޓިންއެއް މިދެތަރިންގެ ފަރާތުން އަންނަ މަހު ރިލީޒްކުރާ "ތަމާޝާ" އިން ވެސް ފެނިގެންދާނެ ކަމަށް ބުނެ މިދެތަރިންގެ ފޭނުން ކެތްތެރިކަމެއް ނެތި އަންނަނީ އިންތިޒާރުކުރަމުންނެވެ.

މިފިލްމުގެ ފުރަތަމަ ޓްރެއިލާ އަށްފަހު މިދެތަރިންގެ ކެމިސްޓްރީ އަށް އަންނަނީ ބެލުންތެރިންގެ ތައުރީފު ބަންޑުންކުރަމުންނެވެ. ބެލުންތެރިންގެ އިތުރުން ރަންބީރުގެ މަންމަ ނީތޫ ވެސް ރަންބީރާއި ދިޕިކާގެ ޖޯޑު ވަރަށް ލޯބިކަމަށް ބުނެ ވަނީ ތައުރީފު އޮއްސާލާފަ އެވެ.

މި ފިލްމާއެކު މިދެތަރިންގެ ވާހަކައިގެ އަޑުގަދަވެފައިވާއިރު، އެންމެންހެން ކަހަލަ ގޮތަކަށް މި ދެތަރިންނަށް ތައުރީފުކުރަމުން އަންނައިރު ރަންބީރުގެ މިހާރުގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް މިކަމާ މާބޮޑަށް ގަޔައެއްނުވި އެވެ.

ކެޓްރީނާ އާއި ރަންބީރު އެކުގައި ކުޅޭ ފިލްމު "ޖައްގާ ޖާސޫސް" ވެސް "ތަމާޝާ" ރިލީޒްކުރާތާ ހަތް މަސްފަހުން، އަންނަ ޖޫންގައި ރިލީޒްކުރަން ހަމަޖެހިފައިވާއިރު، "ތަމާޝާ" އަށް މިހާރުން ފެށިގެން ލިބެމުން އަންނަ ތަރުހީބުގެ ސަބަބުން ކެޓްރީނާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ކެޓްރީނާގެ "ޖައްޖާ ޖާސޫސް" ގައި އޭނާއާއެކު މަސައްކަތްކުރާ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން "ތަމާޝާ"ގެ ޓްރެއިލާ ރިލީޒްކުރިފަހުން އެފިލްމާއި ބެހޭގޮތުން ގިނަބަޔަކު ވާހަކަދައްކަމުން އަންނާނީ ކެޓްރީނާ އެފިލްމުގެ ހުރިހާ ކަމެއް އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން ބައެއް ނޫސްތަކުގައި ރަންބީރާއެކު އެންމެ ގުޅެނީ ދިޕިކާ ތޯ ނުވަތަ ކެޓްރީނާ ތޯ ލިޔެފައިވާ ލިޔުންތަކުގެ ސަބަބުން ވެސް ކެޓްރީނާ ހުރީ އިންތިހާއަށް ރުޅިގަދަވެފަ އެވެ.

ބެލެވޭ ގޮތުގައި ކުރީގެ ދެލޯބިވެރިންކަމަށްވާ ރަންބީރާއި ދިޕިކާ އަށް ބެލުންތެރިންގެ ސަމާލުކަން މާބޮޑަށް ހުއްޓެމުން އަންނާތީ ކެޓްރީނާ އަށް އެކަން ހަޖަމުނުވީ އެވެ.

އިތުރަށް ނޫސްތަކުގައިވާ ގޮތުން ރަންބީރަކީ ބޮލީވުޑްގެ ޚާނުން ނެގުމަށްފަހު އެންމެ އަލިގަދަ ތަރިއަށް ވުމުން، ރަންބީރާއެކު ފިލްމެއްގައި ހަރަކާތްތެރިވާ ބަތަލާއިންގެ ތެރެއިން ބެލުންތެރިންގެ އެންމެބޮޑު ތަރުހީބެއް ލިބޭ ބަތަލާއިންނަށް އޭނާއާއެކު ގިނަ ފިލްމުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެތީ އެކަމާ ކެޓްރީނާ ހާސްވަނީ އެވެ.

ކެޓްރީނާ އާއި ރަންބީރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމުގައި ވިޔަސް ރަންބީރާއި ދިޕިކާ ރައްޓެހިވެގެން އުޅުނު އިރު، މިދެތަރިންގެ ޖޯޑަށް މީހުންގެ ސަމާލުކަން ހުއްޓުނުވަރާއި ގާތަށްވެސް ކެޓްރީނާ އާއި ރަންބީރުގެ ޖޯޑު މަގުބޫލުވެފައެއް ނުވެ އެވެ.

މިހުރިހާ ކަމަކާއި ހުރެ، ކެޓްރީނާގެ ޓީމުން ވަނީ "ޖައްގާ ޖާސޫސް"ގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ކުރެން، ރަންބީރާއި ކެޓްރީނާގެ ޖޯޑުގެ ކެމިސްޓްރީ މިފިލްމުގެ ކައްކުވާލައި ބެލުންތެރިންގެ ސަމާލުކަން ހޯދުމަށް އަންގާފަ އެވެ.

"ޖައްޖާ ޖާސޫސް"ގެ ގިނަ މަންޒަރުތަކެއް އަދިވެސް ނަގަން ހުރިއިރު، ޖެނުއަރީގައި ނަގާ މަންޒަރުތަކުގައި ރަންބީރާއި ކެޓްރީނާގެ ކެމިސްޓްރީގެ ލޯބިކަން ފެނިގެންދާނެ ކަމަށްވެ އެވެ.

ރަންބީރާއި ދިޕިކާ ދެހާސް ހަތް ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވިއިރު، ދެތަރިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. އެގޮތުން ކެޓްރީނާ އާއެކު ރަންބީރު ކުޅުނު "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" އަށްފަހު ރަންބީރާއި ކެޓްރީނާ ދެމެދު ލޯބީގެ ހުޅުކޮޅު ދިއްލި، ރަންބީރު ވަނީ ދިޕިކާ އަށް ބޭވަފާތެރިވެ ކެޓްރީނާ އާއި ރައްޓެހިވެފަ އެވެ.

ދިޕިކާ އާއި ރުޅިވެ، ރަންބީރު ކެޓްރީނާ އާއި ރައްޓެހިވިފަހުން ދިޕިކާ އާއި ކެޓްރީނާގެ ދެމެދުގައި ބެހުގެ ހޫނު ހަމަލާތައް ބަދަލުވެގެން ގޮސްފައިވެސް އެބަހުއްޓެވެ. މިދެތަރިންގެ ކޯޅުމުގެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރާފައިވީ ނަމަވެސް މިހާތަނަށް މިދެތަރިން ގިނައިން ކުޅެފައިވަނީ އެއްވައްތަރެއްގެ ރޯލުތަކެވެ. އެގޮތުން ގިނައިން ފިލްމުތަކުން ފެނިގެންވެސް ގޮސްފައިވަނީ ވެސް އެއް ބަތަލަކާ އެކު އެވެ.

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކެޓްރީނާ އަކީ އަބަދުވެސް ވަރަށް ކޮމްޕެޓިޓިވް ބަތަލާ އެކެވެ. ރަންބީރު ދެފިލްމު ކަމަށްވާ "ތަމާޝާ" އާއި "ޖައްގާ ޖާސޫސް" ކައިރި ކައިރީގައި ރިލީޒްވުމަށް ހަމަޖެހިފާއިވާއިރު، ކެޓްރީނާ އަންނަނީ ހުރިހާ ގޮތަކުން ގިނަ ސަމާލުކަމެއް އޭނާ އާއި ރަންބީރުގެ "ޖައްގާ ޖާސޫސް" އަށް ހުއްޓޭނެ ގޮތްތައް ބަލަމުންނެވެ. އަދި މިފިލްމުގެ ވިޔަފާރި ރަނގަޅު ފިލްމަށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބިގެން ދިއުމެވެ.

މި ދެފިލްމު އެހާ ކައިރީގައި ރިލީޒްވުމުގެ އިތުރުން ބެލުންތެރިން ބަލަން އެތިބީ ރަންބީރާއެކު އެންމެ ގުޅެނީ ކެޓްރީނާ ތޯ ނުވަތަ ދިޕިކާ ތޯ އެވެ. އަދި މިފިލްމުގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބޫ ވާނީ ކޮންމެ ފިލްމެއް ތޯ ބަލަން ތިބި މީހުންވެސް މަދެއް ނުވާނެ ކަން ޔަގީންވާއިރު، ކެޓްރީނާ ބޭނުންވަނީ އޭނާގެ ފިލްމު ކާމިޔާބު ވުމެވެ.

މިފަހުން ބޭއްވި އިވެންޓެއްގައި ނޫސްވެރިން ރަންބީރާއި ދިޕިކާއާ ބެހޭގޮތުން ސުވާލުކުރުން ކެޓްރީނާ ވަނީ ރަންބީރަކީ އޭނާގެ ލޯބިވެރިޔާ ކަމަށް ވިޔަސް އޭނާ ކުރާ ކަންތަކާއި ކުޅޭ ފިލްމުތަކަށް އޭނާ ހުރަސް ނާޅާ ކަމަށެވެ. ދިޕިކާ ކެޓްރީނާ ކުރެން ރަންބީރާ އެންމެ ގުޅެނީ ކާކުތޯ އެހުމުން ކެޓްރީނާ ވަނީ ދިޕިކާ އަކީ މޮޅު ބަތަލާއެއް ކަމުން އޭނާ އާއެކު ކޮންމެ ބަތަލެއްވެސް ގުޅޭނެ ކަމަށެވެ. އަދި ވަނީ ރަންބީރުގެ އިތުރުން ދިޕިކާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރާއެކު އޭނާ ވަރަށް ގުޅޭ ކަމަށް ބުނެފަ އެވެ.