ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު މީހުންގެ އަދަދު 10،900 އިން މައްޗަށް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 49 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 10,943 އިން މައްޗަށް އަރާފައި ވެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 43 މީހުންނަކީ ވެސް މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަތޮޅުތެރެެއިން ޕޮޒިޓިވްވީ ހަ މީހެކެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 33 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 16 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،282 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 41 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،783 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،118 މީހުންނެވެ. ކޮވިޑްގައި 35 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ މެންދުރު އެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 68 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 21 ރަށެއްގައި 151 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 12 ފަތުރުވެރިންނާއި 19 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ. ކައްދޫގައި 58 މީހަކު ތިބިއިރު އައްޑޫ ސިޓީ ގަމުގައި 55 ބަލި މީހުން އެބަތިއްބެވެ. ކުޅުދުއްފުށީގައިވެސް ކޮވިޑް ބަލީގެ ހަތް މީހަކު އެބަތިއްބެވެ.