މުޅި ދުނިޔެ އެ ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހިފައި މިވާ ކޮވިޑް-19 އިގެ ވަބާގައި ޖެހިފައިވާ މީހުންގެ އަދަދު 37 މިލިޔަނަށް ވުރެ އިތުރުވެ، ބަލީގައި މަރުވި މީހުންގެ އަދަދު މިލިޔަނަކަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފަ އެވެ. މި ބަލިމަޑުކަމާ ކުރިމަތިލާ، މެނޭޖް ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން އެކިމިންވަރަށް ކާމިޔާބު ހޯދާފައިވާއިރު ބައެއް ގައުމުތަކުގެ ވެރިން ފެއިލް ވެފައި ވާކަމަށް އެގައުމުތަކުގެ ރައްޔިތުން ގަބޫލު ކުރެއެވެ.
މި ބަލިމަޑުކަމަކީ މީގެ ކުރިން ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް ކުރިމަތިލި ކަހަލަ ގުދުރަތީ ކާރިސާއަކަށް ނުވެއެވެ. މީގެ ކުރިން ދުނިޔެ ކުރިމަތިލި ނުރައްކާތެރި ކަރިސާތައް ކަމަށްވާ، ބިންހެލުމާ، ތޫފާނާއި، ފެންބޮޑުވުމާއި، ސުނާމީ ފަދަ ކާރިސާ ތަކުގައި އިމާރާތް ތަކަށާއި މުދަލަށާއި ތަކެއްޗަށް އިންތިހާއަށް ގެއްލުނެފައި ވީނަމަވެސް، ސާސް އާއި ކޮވިޑް-19 ގައި މިފަދަ އެއްވެސް ގެއްލުމެއް ތަޙައްމަލު ކުރަން ޖެހިފައި ނުވެއެވެ.
ރިސޯޓް ތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި، އެއާޕޯޓްތަކާއި، މަތިންދާ ބޯޓްފަހަރާއި އެހެނިހެން އިންފްރާސްޓްރަކްޗާތައް އެހެރީ ކުރިން ވެސް ހުރި ގޮތަށެވެ. މިކަންކަމުގެ ސަބަބުން ރިކަވަރީއަށް ކުރެވޭ އުންމީދު އާވެއެވެ. އެކަމަކު ސަޕްލައި ޗެއިން ނުވަތަ "ގްލޯބަލް ވެލިއި ޗެއިން" މެދުކެނޑި ހަލާކުވެފައި ވާތީ، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން އާލާކޮށް ދެފަރާތަށް ފައިދާ ކުރަނިވި ފަސޭހަ، އާ ގޮތަތަކަކަށް ކަންކަން ރޭވި ބައްޓަން ވެވިގެން ނޫނީ މި ހާލަތުން އަރައި ނުގަނެވޭނެ ކަމީ ކަށަވަރު ކަމެކެވެ.
މި ހިސާބުން އެފެދޭ ސުވާލަކީ ދިވެހިރާއްޖެއަށް މިއިން އެއްވެސް ކަމެއްގެ ފައިދާ (އެޑްވާންޓޭޖް) ނެގިދާނެ ހެއްޔެވެ؟ އެހެން ގައުމުތަކާ ޚިލާފަށް ރާއްޖެއަކީ އިގްތިސޯދުގެ އައްޑިހަ ވަރަކަށް ޕަސެންޓް، ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށް ބަރޯސާ ވެފައިވާ ގައުމެކެވެ. ރާއްޖޭގައި އުފައްދާ އަމިއްލަ ވަސީލަތްތަށް ނުހަނު މަދެވެ. ދަތްކޮއްޓާ އިލޮށިން ފެށިގެން ބޮޑެތި ޖައްރާފާތަކާ ހަމަޔަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެންނަން ޖެހެނީ ބޭރުންނެވެ. ހުރިހާ ކަމެއްހެން ބަރޯސާވަނީ ބޭރުގެ ގައުމުތަކަށެވެ.
އެހެންކަމުން ބޭރުގެ ގައުމުތަކާ އޮންނަ ގުޅުން ހަރުދަނާ ކުރަން ކޮންމެހެން ޖެހެ އެވެ. އަދި އެ އުފައްދާ ގުޅުމަކީ ދެގައުމުގެ އިތުރުން ސަރަހައްދީ ގައުމުތަކުގެ ގުޅުން ވެސް ރަނގަޅުވާނެ ގުޅުމަކަށްވުން ކޮންމެހެން މުހިންމެވެ. މިޙާލަތުގައި އެއްގައުމަކުން އަޅުގަނޑުމެންގެ ހުރިހާ މުހުތާދުތަކެއް ފުއްދާ ނުދެވޭނެ ތީއެވެ. މި ބަލިމަޑުކަމާ ކުރިމަތިލާން ނުޖެހޭ ގައުމެއް ނެތީމައެވެ. ޚާއްސަކޮށް މިބަލީގައި އިގްތިސާދީ ގޮތުން އެންމެކުޑަ ގެއްލުމެއް ލިބި އަދި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެންމެ ރަގަޅު އިގްތިސާދީ އަދި މާލީ އިސްތިރާޖީ ތަކެއް ތަންފީޒުކުރާ ގައުމުތަށް ދެނެގަނެ، އެގައުމުތަކާ ގުޅުން ބަދަހިކުރުން ވަރަށް މުހިންމެވެ.
ދުނިޔޭގެ ގައުމުތަކުން މި ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، އެމެރިކާގެ ސެނެޓުން ވަނީ 2.2 ޓްރިލިޔަން ޑޮލަރުގެ ރިލީފް ޕެކޭޖެއް ފާސްކޮށްފަ އެވެ. މިބަލި އެންމެ ފުރަތަމަ ފެނުނު ގައުމު ކަމަށްވާ، އަދި މިބަލީގައި އިގްތިސޯދަށް ލިބުނު ގެއްލުން އެންމެ ކުޑަވާނެ ކަމަށް ބެލެވޭ ޗައިނާއިން ވަނީ 261 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް އެގައުމުގެ އެތެރޭގެ ހުރިހާ ޕްރޮވިންސް ތަކަކަށް އިންޖެކްޓް ކުރަން ނިންމާފައެވެ. އަދި އިތުރި 16 ބިލިޔަން ޑޮލަރުގެ ޕެކޭޖެއް އިގްތިސާދީ ކަންކަން ރަގަޅު ކުރުމަށް ކަނޑައަޅާ ފައެވެ. ޔޫރަޕާއި އޮސްޓްރޭލިއާ ފަދަ ގައުމު ތަކުންވެސް ތަފާތު އެތަށް ރިކަވަރީ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފައެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އެތައް އެހީއެއް އެތައް ގައުމަކަށްވަނީ ދީފައެވެ. މީގެތެރޭގައި މޮރޮކޯ، ޓިއުނީސިއާ، މަޑަގަސްކަރަ، ރުވާންޑާ، ގިނީ، ގަބޮން، ސެނެގާލް، ގާނާފަދަ ގައުމުތައް ހިމެނެ އެވެ. މީގެ ތެރޭގައި ގާނާއަށް އެއް ބިލިޔަން ޑޮލަރުގެ އެހީދީފައިވާ ކަމަށް ރިޕޯޓްތަށް ބުނެއެވެ. ރާއްޖެއަށް ވެސް މިހާތަނަށް، އެކި ގައުމު ތަކުންނާއި ދުނިޔޭގެ އެކިއެކި ފައިނޭޝަލް އިންސްޓިޓިއުޓް ތަކުން ހިލޭ އެހީއާއި ލޯނުގެ ގޮތުގައި 520 މިލިޔަން ޑޮލަރު ލިބިފައި ވާކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ދުނިޔޭގެ އިގްތިސޯދީ އުފެއްދުން ތެރިކަން މި އަހަރު ދެޕަސެންޓް ދައްވާނެ އެވެ. ދުނިޔޭގެ މަސައްކަތް ތެރިންގެ ޖަމްއިއްޔާއިން ލަފާކުރާ ގޮތުގައި، ކޮވިޑާގުޅިގެން މިއަހަރު މުޅިދުނިޔެއިން 195 މިލިޔަން ވަޒީފާ ގެއްލޭނެ އިރު އޭގެތެރެއިން 125 މިލިޔަން ވަޒީފާއަކީ އޭސިއާ ޕެސެފިކް ސަރަހައްދުން ގެއްލޭނެ ވަޒީފާތަކެވެ.
ރާއްޖޭގެ އިގްތިސާދީ އުފެއްދުން ތެރިކަމާ އަޅާބަލާއިރު ދަރަނީގެ މިންވަރު މިދިޔަ 2019 ވަނަ އަހަރު 77.7 ޕަސެންޓުގައި ހުއްޓަސް މިއަހަރު، 2020 ނިމޭއިރު ހުންނާނީ 120 ޕަސެންޓް ގައެވެ. އަދި މިއަދަދު އަންނަ އަހަރު، 2021 ގައި 127.7 ފަސެންޓަށް އަރާއިރު، 2022 ވަނަ އަހަރު 128.8 ޕަސެންޓަށް އަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
އެހެން ކަމުން، އިގްތިސޯދު ކޮޅަށްޖެހުމަށް އެންމެ ކުރުމަގެއް އަދިވެސް ފެންނާނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމަށް ބެލެވުނަސް، މިސިނާއަތް ދިރުވައި އާލާކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ނުކޮށް، އިގްތިސާދު ރީބައުންސް ކުރެވޭނެ ގޮތެއް ނުވިސްނެ އެވެ. ދުނިޔޭގެ ދަތުރުފަތުރާބެހެ ކައުންސިލުން ގޮވާލާފައި ވާގޮތަށް، މިވަގުތަށް މި ސިނާއަތުން ނެގޭ "ޓެކްސް" ތައް މާފު ކުރެވެން ޖެހެއެވެ.
ފަތުރުވެރިންގެ "އޮން އެރައިވަލް" އަދި "ޑިޕާޗާ" އަށް ބޭނުންވާ ޓެސްޓްތައް އަވަހަށް، ފަސޭހަ ކަމާއެކު، އަގުހެޔޮކޮށް ހެދޭނެގޮތް، ދައުލަތުން ގާއިމު ކޮށްދޭން ޖެހެއެވެ. ސިނާއަތުގެ މަސައްކަތް ތެރިންނަށް މާލީ އެހީތެރކަން ފޯރުކޮށްދެވޭނެ ނިޒާމްތަށް ގާއިމް ކޮށްދޭން ޖެހެއެވެ. މިފަދަ އެތައްކަމެއް ކުރުމަށް އެދި އެ ޖަމާއިތުން މިހާރުނަނީ ގައުމުތަކުގެ ވެރިންނަށް ސިޓީ ފޮނުވާފަ އެވެ.
ރާއްޖޭގައި ކޮވިޑާ ގުޅިގެން ކުރެވުނު ޚަރަދު 2.2 ބިލިޔަން ރުފިޔާއިން މައްޗަށް އަރާފައިވާއިރު، ވަޒީފާ ގެއްލުނު ފަރާތްތަކަށް ދެވެނު ސަޕޯޓުގެ މިންވަރު އަދިވެސް އުޅެނީ 100 މިލިޔަން ރުފިޔާއަށްވުރެ ދަށުގަ އެވެ. މިއީ ކުރެވުނު ޖުމްލަ ޚަރަދުގެ ފަސް ޕަސެންޓައްވުރެ މަދު މިންވަރެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ގައުމުތަކުން މިގޮތަށް ދެވުނު އެހީގެ ޕެކޭޖްތައް ލިބުނު މީހުންގެ ނިސަބަތް އުޅެނީ، އެހީބޭނުންވާ ފަރާތްތަކުގެ 33 ޕަސެންޓާ ހިސާބުގައެވެ. މިކަމުގެ ސަބަބުން ގައުމުގެ ރިކަވަރީގެ ދުވެލި ލަސްވެ އެތައް ދުވަހެއް ނަގާފާނެ ކަމަށްވަނީ ބެލެވިފައެވެ.
މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ޖުނިޔޭގެ ފަތުރުވެރިކަން 2019 ވަނަ އަހަރު ހުރިމިންވަރަށް ރުޖޫޢަވާން ހަތަރު އަހަރާ ހަތް އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެއެވެ. ކޮވިޑާ ގުޅިގެން ކަސްޓަމަރުންގެ ބިހޭވިޔާއަށް ދާއިމީ އެތަށް ބަދަލެއް އައިސް، މުދަލާއި ޚިދުމަތް ގަތުމުގެ ވައްޓަފާޅި ބަދަލުވެފައި ވާއިރު، ދޭދޭ ގައުމުތަކުގެ މެދުގައި ސަޕްލައިޗެއިން އަދި ވެލިއުޗެއިން ރަގަޅުކުރުމަށް ހަރުދަނާ މަސައްކަތް ތަކެއް ނުކުރެވި، ބޭރުގެ ގުޅުންތަށް ބެލެންސް ނުކުރެވި، ދައުލަތުގެ ޚަރަދުތައް ކުޑަ ނުކުރެވި، ރިކަރަންޓް ޚަރަދުތައް ކުރުމަށް ލޯނުނަގާ، އެތެރޭގެ ސިނާއަތްތަށް އަލުން ސްޓާޓްކޮށް ހިންގުމަށް ބޭނުންވާނެ އެންމެހާ ހަކަތަ، އަމަލީގޮތުން ފޯރުކޮށް ނުދެވިއްޖެނަމަ، އިގްތިސާދު ރީބައުންސް ކުރުމަށް އެތައް އަހަރެއް ނަގާފާނެއެވެ.