(11 އޮކްޓޯބަރ 2020 އާ ގުޅޭ)
ކެންޒާ ލައްވާ ކައިފް ވަޢުދު ކުރުވިއެވެ. އޭނާއަކީ ފިރިހެނަކަށްވާއިރު ކެންޒާގެ ވާހަކަތައް ޚިއްޞާކުރަންވީ މަންމައާކަން ކައިފް ވިސްނައިދިނެވެ. ކެންޒާ ބޭނުންވާ ހިތްވަރު ދެވޭނެ މީހަކީ ވެސް މަންމަކަމުގައި ޔަގީންވާތީއެވެ. އެހެންނަމަވެސް ކައިފްއާ އެވާހަކަތައް ޚިއްޞާ ކުރެވުނީތީ ކެންޒާ މިހާރު ދެރަވެއެވެ. އޭނާގެ ހާލު ގޯސްވި ސަބަބުކަމުގައި އެ ނުބައި ޚަބަރުވެޔޭ ކެންޒާއަށް ހީކުރެވުނެވެ. އޭނާ އެވާހަކަތައް ފުރަތަމަ ޚިއްޞާކުރީ ބޭބެއާކަން އެނގިއްޖެއްނަމަ މަންމަ ވެސް އޭނާ ކުށްވެރިކުރާނޭ ކެންޒާއަށް ހީވަނީއެވެ.
ކައިފްގެ މަސްގަނޑާ ހަވާލުވާން މިންނާ އައީ ކެންޒާގެ އަތުގައި ހިފާލައިގެން ހުރެއެވެ. އެ ދެމައިންގެ ފަހަތުގައި ލައިތު ހުއްޓެވެ. ހޮސްޕިޓަލުގެ ބިލުތަކުގައި ލައިތު ހިފީ، ކުންފިނުން ކައިފްއަށް ދީފައިވާ އެހީގެ ފައިސާއިން ކަމަށް ހަދާފައެވެ. އޭނާގެ އަމިއްލަ ޖީބުން ޚަރަދުކުރަން އޭނާއަކީ އެ ޢާއިލާގެ ކާކުކަން މިންނާއަށް ނޭނގޭތީއެވެ. މުސްތަޤުބަލުގައި ކެންޒާ ވާނީ އޭނާގެ އަނބިމީހާއަށްކަން ލަސްނުކޮށް މިންނާއަށް އެންގުމަށް ލައިތު ގަސްދުކުރިއެވެ. އެ ދެމައިންނާ ހަވާލުވާން އޭނާ ބޭނުންވާތީއެވެ. މިންނާގެ ފިރިއަކު ހުއްޓެއްކަމަކު އެއީ ކޮންކަހަލަ މީހެއްކަން ލައިތަށް އެނގޭތީއެވެ. މަންމައާމެދު ކެންޒާ ފިކުރުކުރާނޭވަރު އޭނާއަށް ވިސްނެއެވެ.
ފަތިސް ނަމާދުގެ ފަހުން ކައިފްގެ ހަށިގަނޑު ވަޅުލެވުނެވެ. މިންނާ ހައިރާންކުރުވި ކަމަށްވީ ކަށުނަމާދުގައި ބައިވެރިވި މީހުންގެ ތެރޭގައި ލައިތުގެ ޢާއިލާގެ ބައެއް މެންބަރުން ތިބީމައެވެ. ރޫމާން އަސަދާއި ކަސްތޫރީއާއެކު ސަރަފީނާއާއި ފަރުޒީން ތިއްބެވެ. ލައިތުއާއެކު ސެހްރާނު ހުއްޓެވެ. އެ ޢާއިލާއާ ކެންޒާގެ ގުޅުން މިންނާ ހީކުރި ވަރަށްވުރެ ވެސް ގާތްކަމަށް އޭނާއަށް ފެންނަމުންދިޔައެވެ. ހައިރާންވާން ޖެހުނީ އެހެންވެއެވެ. ހަޤީޤަތަށް ވެސް ފެންނަމުންދިޔައީ އެމީހުންގެ ހެޔޮކަންބާއޭ މިންނާ ސުވާލު އުފެދެއެވެ. ދެބައި މީހުންގެ މެދުގައިވި ފަރަޤު ބޮޑުވީމައެވެ. އެހިނދު މިންނާގެ ޟަމީރު އޭނާއަށް ދުނިޔޭގެ ހަޤީޤަތް ދެއްކުމުގައި އަވަސްވިއެވެ. ޤަދަރު އުފުލިގެންވާ އިއްޒަތްތެރިޔާއާއި ނިކަމެތި މީހާއަށް ވެސް އޮތީ އެއް ހުކުމެއްކަމެވެ. މިއަދު އޭނާއާ ދަރިފުޅު ވަކިވެގެން ދިޔަފަދައިން، ކޮންމެ އިންސާނަކާ ވެސް މަރު ބައްދަލުކުރާނެއެވެ. އޭނާއަށް ފުންކޮށް ވިސްނާލެވުނެވެ. ދުނިޔޭގެ ދިރިއުޅުން ހޭދަވެގެން ދިޔަ ގޮތާމެދުއެވެ. ޢަމަލުތައް ސީދާކުރި މީހަކަށް ނޫނީ ކާމިޔާބު ލިބުމެއްނުވާކަން ހިތަށް އިލްހާމްވިއެވެ. ދެ ދަރީން އެގޮތް މިގޮތަށް ބަލައި ބޮޑުކުރެވިއްޖެއެވެ. ނަމަވެސް އެ ދަރީންގެ މައްޗަށް އޭނާ އިހުމާލުވެވިއްޖެކަން އިޙްސާސް ކުރެވުނެވެ. އެ ދަރީންނަށް ބާރުއަޅަންވީ ކަންކަމުގައި މިންނާއަށް ވަނީ ދޫދެވިފައެވެ. ކަރުނުން ފުރިފައިވި ދެ ލޯ ބަންޑުންވީ ހިތަށް ވެރިވި ބިރުވެރިކަމުންނެވެ.
"މަންމާ، ގެއަށް ދަމާ..." މިންނާގެ އަތުގައި ދެއަތުން ހިފާލަމުން ކެންޒާ ބުންޏެވެ. ސަހަރާއިން މީހުންތައް ނުކުމެ ހުސްވެއްޖެއެވެ. މަޑުކުރި ބަޔަކަށް ތިބީ ލައިތުގެ ޢާއިލާގެ މެންބަރުން އެކަންޏެވެ. ކަސްތޫރީ ގޮވާލީ ލައިތުއަށެވެ. މާމަދަރިފުޅު ގާތަށް އައުމާއެކު، އިރުޝާދު ދިނީ ކެންޒާއާއި މިންނާ ގެންގޮސް ގެއަށް ލައިދިނުމަށެވެ. ކަސްތޫރީ ނުބުނި ނަމަވެސް ލައިތު ހުރީ އެފަދައިން ކަންތައްކުރަން ނިންމައިގެންނެވެ.
މިންނާއާ ސަލާމްކޮށްލުމަށް ލައިތުއާއި ސެހްރާނު ނޫން ދެންތިބި މެންބަރުން ޕާކުކޮށްފައި އޮތް ކާރާ ދިމާއަށް ހިނގައިގަތެވެ. މަންމަގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ކެންޒާ އައިސް ލައިތު ހުޅުވި ދޮރުން ކާރަށް އަރައިފިއެވެ. ސެހްރާނު އިނީ ލައިތުއާއެކު ކުރީގައެވެ. ގެއާ ހަމައަށް އާދެވެންދެން ކާރުގެ ތެރޭގައިވީ ހަމަހިމޭންކަމެވެ. އެ ދެމައިން ގޭ ދޮށަށް ބޭލުމަށްފަހު ލައިތު މަޑެއްނުކުރެއެވެ.
ގޭތެރެއަށް ވަދެވުނު ގޮތަށް މިންނާ ހަރުކޮށް އައިސް ހަމީމު ނިދާ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ހަމީމު ކަންތައްކުރި ގޮތުން އޭނާގެ މައި ލަނގޮޑިއަށް ކެތްކުރަން ދަތިވެފައިވިއެވެ. ކޮޓަރިތެރެއިން މިންނާއާ ބައްދަލުކުރީ އަނދިރިކަމެވެ. ގޭގައި ވެސް ހަމީމު ނެތީއެވެ.
"މަންމާ..." ކަންބޮޑުވެފައި ކެންޒާ ގޮވާލިއެވެ.
މިންނާ ދަރިފުޅަށް ބަލާލިއެވެ. ވަގުތުކޮޅަކަށް އޭނާގެ ހަރަކާތް ހުއްޓިފައި ވިއެވެ. ދެން ހިއްލާލި ކަނާއަތުން ލޮލާއި ކޯތާފަތް ފުހެލުމާއެކު އެތެރެއަށް ހިނގައިގަތެވެ. އެ ތުންފަތް ބައްދާލައިގެން ހުރެއެވެ. ޝަކުވާއާއި ރުޅިވެރިކަން އޭނާގެ ހިތަށް ދަތިކުރަމުންދިޔައެވެ. ހަމީމު ކަންތައް އެކުރީ ދުވަހަކުވެސް ބަފަޔަކު ކަންތައްނުކުރާނޭ ފަދައިންނެވެ. މިންނާ އައިސް ވަނީ ބިއްދޮށުގައި ހުރި ކޮޓަރިއަށެވެ. ކައިފްއާއެކު އޭނާ ނިދުމަށް ބޭނުންކުރި ކޮޓަރި ގަޑަށެވެ. މަންމަގެ ފަހަތުން އައި ކެންޒާ ދޮރު ކައިރީ މަޑުކޮށްލީ، އެނދުގައި އިށީން ގޮތަށް މަންމަ ރޯންފެށުމުންނެވެ. މިވަގުތު މަންމަ ގާތު ނުރޯށޭ ބުނާނޭ ގޮތެއް ކެންޒާއަކަށް ނޭނގުނެވެ. ޒުވާން އުމުރަށް އެޅީއްސުރެ ކައިފްއާއެކު އެންމެ ގިނަ ވަގުތު ހޭދަކުރީ މަންމައެވެ. ކުއްލިއަކަށް ވަކިވެގެން ދިއުމުން މަންމަ ހިތްދަތިވާނޭވަރު ކެންޒާއަށް އެނގެއެވެ. އެއްފަރާތަށް ޖެހިލައި ދޮރުކައިރީ ފާރުގައި ލެނގިލައިގެން ކެންޒާ މަޑުކޮށްލިއެވެ. މަންމަ ހަމައަކަށް އެޅޭނޭ އިރަކަށެވެ.
* * * * *
ނިދިން ހޭލެވުމާއެކު ފޯނު ބަލަން އާދަވެފައި ހުރި މިފްރާހު އެނދުމަތިން ފޯނިނެގިއެވެ. ނިވިފައި އޮތް ތަން ފެނުމުން ޗާޖަރު މަތީ މިފްރާހު ފޯނު ބާއްވާލިއެވެ. އެނދުން ތެދުވި ގޮތަށް އޭނާ ވަނީ ފާޚާނާއަށެވެ. ކޮޓަރިން ނުކުތީ އޭގެ ފަހުގައެވެ. ސިޓިންރޫމު ސޯފާގައި ވިޔާމް އިންކަން އެނގުނީ މިފްރާހަށް ގޮވާލީމައެވެ.
"ކޮންއިރަކު އައިސް؟" ހޭވިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ވިޔާމަށް މިފްރާހު ބަލާލިއެވެ.
"ކެންޒާ ބޭބެ މަރުވެގެން އެބައުޅޭ." ކޮޅަށް ތެދުވުމާއެކު އޭނާ ދޭން އައި ޚަބަރު އިއްވާލިއެވެ.
"ސީރިއަސްކޮށްތަ؟" މިފްރާހަށް ހުއްޓުން އަރާ ގޮތްވިއެވެ. ވިޔާމް ބޯޖަހާލީ އާނއެކޭ ބުނާ ފަދައިންނެވެ.
"ކޮންއިރަކު؟" މިފްރާހު އަނެއްކާ ވެސް ސުވާލުކުރިއެވެ. އެހެންނަމަވެސް ޖަވާބު އަޑުއެހުމެއްނެތި އޭނާ އެނބުރިލުމާއެކު ހަލުވިކޮށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ފަސް ޕަސަންޓް ޗާޖުވެފައި އޮތް ފޯނު މިފްރާހު ވަގުތުން ހުޅުވާލިއެވެ. ފޯނު ބޭނުންކުރަމުންދަނިކޮށް ނިވިދާނޭތީ އަލުން ޗާޖަރުމަތީ ބޭއްވިއެވެ. އޭގެ މަތީ ބާއްވައިގެން ފޯނުގެ ބޭނުން ކުރަން ފެށިއެވެ. ހުޅުވުނު ފޯނުން ހަމީމުގެ ނަންބަރަށް އޭނާ ގުޅިއެވެ. ފޯނުކޯލެއް ނުނަގައެވެ. ދެން މިންނާގެ ނަންބަރު ހޯދާލިއެވެ. އެހެންނަމަވެސް އެފަދަ ވާހަކައެއް ފޯނުން ގުޅާފައި އަހާލުން ރަނގަޅެއްނުވާނޭ މިފްރާހު ހިތަށް އެރީއެވެ. އަލުން ކޮޓަރިން މިފްރާހު ނުކުތީ ވިޔާމްއާ ބައްދަލުކުރާށެވެ.
"ހަމްބެ ގޭގަ އެބައުޅޭތަ؟" މިފްރާހު ސުވާލުކުރިއެވެ.
"ނޭނގެ، އެގޭ ދޮށަކަށް ނުދަން... ހެނދުނު އެފްބީއަށް ވަންތަނާ މަށަށް ވެސް ފެނުނީ، ކަށުނަމާދު ޕޭޖުގަ އޮތީ." ވިޔާމަށް އެނގުނު ގޮތް ބުންޏެވެ.
"ޝިޓް... ވިޔާމް ސައިކުގަތަ؟" ނިތްކުރީގައި އަތްތިލަ ހިންގާލާފައި ވިޔާމަށް މިފްރާހު ބަލާލިއެވެ.
"އާން، އެގެއަށް ވައްޓާލަ ދޭންވީ." ވިޔާމް ބުންޏެވެ.
"އާން، އެކަމް ފެންވަރާލައިގެން ދެވޭނީ." މިފްރާހު މިހެން ބުނުމުން ވިޔާމް މަޑުކޮށްލާނޭ ކަމުގައި ބުންޏެވެ.
* * * * *
ދޮރޯށި ހުޅުވާލައި އެތެރެއަށް ވަންއިރު މީހަކު ފެންނާކަށް ނެތެވެ. ކެންޒާގެ ކޮޓަރި ލައްޕާފައި ހުއްޓެއްކަމަކު ދޮރުގެ ތަޅުގައި މިފްރާހު ހިފާލިއެވެ. ތަޅުލާފައި ހުރުމުން މަޑުމަޑުން އެތެރެއަށް ވަދެގެން އައީ ބަދިގެއާ ދިމާއަށެވެ. ހެނދުނު ދިހައެއް ޖަހައި ހިނގައްޖެއެވެ. އެވަގުތު ގޭތެރެއިން ނުފެންނަނަމަ މިންނާ އުޅޭނީ ބަދިގޭގައެވެ. އެކަމަކު މިއަދު އެހެން ލަފާކުރަން ދައްޗެވެ. ބިއްދޮށް ފަރާތަށް އާދެވުނުއިރު މިފްރާހަށް ފެނުނީ ކައިފްގެ ކޮޓަރި ދޮރު ހުޅުވާފައި ހުރިއިރު ފާރުކައިރީ ދެއަތް ފުރަގަހަށް ލައިގެން ފާރުގައި ލެނގިލައިގެން ކެންޒާ ހުރި ތަނެވެ. އެ މޫނު މިލާފައިވާކަން މިފްރާހަށް ފާހަގަވިއެވެ.
"ކޮބާ މަންމަ؟" މިފްރާހު އަހާލިއެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި ކެންޒާ އިސްއުފުލާލީ އެވަގުތެވެ.
"ކީއްކުރަން މިގެއަށް ވަނީ؟" އާދައިގެ ގޮތަކަށް ކެންޒާ ބުނެލިއެވެ. ޖަދުލުކުރުމުގެ ރޫހު ވެސް ނެތިފައިވާ ކަހަލައެވެ.
"ކައިފް..." މިފްރާހު ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލީ ކޮޓަރިތެރެއިން މިންނާ ދޮރުމައްޗަށް އެރިތަން ފެނިފައެވެ. ރޮއެރޮއެ އެ ދެ ލޯ ހުރީ ދުޅަވެފައެވެ. މޫނު ރަތްވެފައެވެ.
"ކޮބާ އެ ހަމީމު؟" މިންނާގެ ކުރެހިފައިވާ އަޑުން ބުނެވުނީ މީގެކުރިން ނުބުނާހާ ބާރަށެވެ.
"ގެއަކުނެތްތަ؟" މިފްރާހު އަޖައިބުވިއެވެ.
"އަހަރެން މިފްރާހުއަށް ވެސް ގުޅިން... ދެމީހުންކުރެ އެކަކު ވެސް ފޯނެއް ނުނެގި، އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިއޭ ވަޅުލާފައި މިއައީ، އެކުއްޖާގެ މޫނު ބަލާލަން ވެސް އޭނާއަށް ނާދެވުނު..." މިންނާއަށް އަނެއްކާ ވެސް ގިސްލެވިއްޖެއެވެ.
މިފްރާހު އައިސް މިންނާގެ ކުރިމަތީ ހުއްޓުނެވެ. ކެންޒާއަށް އެ މަންޒަރު ބަލަން އުނދަގޫވީ ނަމަވެސް މިވަގުތު އޭނާ ޚިޔާރުކުރީ ހަނު ހުރުމަށެވެ. މިފްރާހު އެ ދައްކާ ހިތްހެޔޮކަމަކީ އޮޅުވާލުމެއްކަން ކެންޒާ ބުނެދޭނެއެވެ. އެކަމަކު މީ އެވަގުތެއްނޫނެވެ. މަންމަ އެހުރީ ދެވަނަ ހިތްދަތިކަމެއް ތަޙައްމުލުކުރެވޭނޭ ފަދަ ހާލަތެއްގައެއްނޫނެވެ. މިފްރާހާ ދިމާއަށް އެއްޗެހި ގޮވާ ގެއިން ނެރިނުލީ އެހެންވެއެވެ. ނަމަވެސް ކޮޓަރި ކައިރިއަށް މިފްރާހު އައުމުން ވަގުތުން ކެންޒާ ދުރަށް ދިޔައެވެ.
މިންނާގެ ރުއިން ހުއްޓުވާލެވޭތޯ މިފްރާހު މަސައްކަތްކުރިއެވެ. އޭނާގެ މޭގައި މިންނާ ގެނެސް ޖައްސާލުމާއެކު ފިރުމިއެވެ. ހިތްވަރުކޮށް ކެތްތެރިވުމަށް މިފްރާހު ބުންޏެވެ. ފިރިހެން ދަރިފުޅު އެނބުރި ނާންނާނޭކަން އެނގުމުން މިންނާއަށް ބައްދާލެވުނީ މިފްރާހުގެ ގައިގައެވެ. އޭނާގެ ރުއިން މަޑުވުމުން، އެއްޗެއް ކައިފިންތޯ މިފްރާހު ސުވާލުކުރިއެވެ.
"ކާނޭ ހިތްވަރެއްނެތް؟ ހަމީމު..."
"އެއްޗެއް ކާލީމާ ވެސް ހަމަޖެހޭނެ، މަންމަ ވަރުދެރަވެގެން ބާއްވަން ޖެހިއްޖެއްޔާ ކެންއަށް ވާނީ ކިހިނެއް؟ މަންމަ ދެރަވާނެކަން އެނގޭ، އެކަމަކު ހިތްވަރު ވެސް ކުރަންވާނެއެއްނު... އަހަރެން ކާއެއްޗެހި އެބަ ގެންނަން."
"އަހަރެމެންނަށް ޚަރަދުކުރާނޭ މީހަކު ބޭނުމެއްނުވޭ، އަހަރެންގެ މަންމައަށް ސައިތަށްޔާރުކޮށްފަ ހުންނާނީ." ކެންޒާ ފޫހިކަމާއެކު ބުންޏެވެ. މިންނާއާއި ކެންޒާއަށް ކާއެއްޗެހި ގެނެސްދިނީ ލައިތެވެ. ކެންޒާއާއި މިންނާގެ ހާލު ބަލަން އޭނާ އިރުއިރުކޮޅުން ކެންޒާއަށް ގުޅައެވެ. ނަމަވެސް އެކަން ހާމަކުރަން ކެންޒާ ބޭނުންނުވީއެވެ.
މިފްރާހުގެ ބަސް މިންނާ އަހާތަން ފެނިފައި ކެންޒާ ހިތްހަމަނުޖެހުނެވެ. އޭނާ ބުނުމުން މަންމަ ކޮޓަރިއަކުން ނުނިކުތެވެ. ޖޫސްތަށި ގެނެސްދީމަ ވެސް ބޯން އެއްބަހެއްނުވިއެވެ. އެއްވެސް އެއްޗެއް ބޭނުމެއްނުވިއެވެ. މަންމަގެ ހާލު އޭނާއަށް ވެސް ވިސްނެއެވެ. ވަކިވެގެން ދިޔައީ މަންމަގެ ފިރިހެން ދަރިފުޅަށްވީއިރު، އެއީ ކެންޒާގެ ހުރި ހަމައެކަނި ބޭބެއެވެ. އެއްވެސް އިންސާނަކުދެކެ ފޫހިނުވާ ވަރަށް ކެންޒާގެ ހިތުގައި މިފްރާހުއަށް ޓަކައި ފޫހިކަންވިއެވެ.
ބޮލުގައި ހިފަހައްޓާލައިގެން ހުރެ ގޭތެރެއަށް ވަން ހަމީމު ސޯފާގެ ކައިރިއަށް އައިސް އެއަށް ވެއްޓިގަތީއެވެ. ކަރުހިއްކައިގެނެގެން ފެން ގެންނާށޭ މިންނާއަށް ގޮވަންފެށިއެވެ. ހިލަމެއް ނުވީމާ ބޯ ހިއްލާލައި ގޭތެރެއަށް ހަމީމު ބަލާލިއެވެ. ހޮސްޕިޓަލުން މިންނާ ނާންނީބާއޭ އޭނާ ހިތަށް އެރިއެވެ. އެހެންޏާ ހެނދުނު މިންނާ ގެއަށް އައިސް އުޅޭތަން ފެނިފައި ހުރީމައެވެ. ހެނދުނު ސައި ހަދާފައި ހަމީމު ގޭގަ ހުރިއްޔާ ސައިބޯން ގޮވާނެއެވެ. ސޯފާއިން ތެދުވެގެން ބަދިގެއަށް އޭނާ އައެވެ. ހަމީމަށް ފެނުނީ ބަދިގެ ދޮރާ ދިމާވާނޭހެން ހުންނަ ކާމޭޒުދޮށުން ކެންޒާއާއި މިންނާގެ އިތުރުން މިފްރާހު އިންތަނެވެ. މިންނާއަށް ގޮވާލީ ބާރަށެވެ. އޭނާ ގޮވާއަޑެއް ނީވޭތޯ ސުވާލުކުރިއެވެ. ބަދިގެއަށް ނުވަދެވިގެން އުޅެނިކޮށް މޭޒުދޮށުން ތެދުވި މިފްރާހުގެ ހޫނު ހަމަލާ އެރީ ހަމީމުގެ މޫނަށެވެ. މިންނާއާ ދިމާއަށް ހަޅޭނުލެވުމަށް އޭނާ އަމުރުކޮށްލިއެވެ. އަޖައިބުވެފައި ކެންޒާއަށް ބަލާލެވުނީ މިންނާއަށެވެ. އޭނާއަށް ފެނުނީ ހިތްހަރުކޮށްލައިގެން މަންމަ ނުބަލަން އިން ގޮތެވެ.
"އޭނާގެ ގައިގާ ޖަހަން ކަލޭ ތީ ކާކު؟" ކެންޒާ ތެދުވި ގޮތަށް ބަދިގެއިން ނުކުތެވެ. މިފްރާހުއާ ކުރިމަތިވާނޭހެން ހުއްޓުނެވެ. ހަމީމު ބިންމަތީ އޮތީ ވާނުވާ ނޭނގިފައެވެ.
"ކައިފް މަރުވެގެން ވަޅުލާފަ އެމީހުން އެއައީ... އަހަރެން ނުބުނަންތަ މިދުވަސްކޮޅު ނުބޯށޭ... ކައިފްގެ ހާލުބަލަން ހޮސްޕިޓަލަށް ގޮސް ހަދާށޭ." ކެންޒާއާ ވާހަކަދެއްކުމުގެ ބަދަލުގައި މިފްރާހު އެއްޗެހިކީ ހަމީމަށެވެ.
ކަތުރުކަށިގަނޑާ ދިމާއަށް ވީތަދުން ހަމީމު ފިރުމަންފެށިއެވެ. ހަމައެއާއެކު އޭނާގެ ހަނދާނަށް އައީ މިންނާ ފޯނުކުރާތީ އުނދަގޫވެގެން ހަޅޭލަވައިގަތްކަމެވެ. ނުގުޅާށޭ ކިޔާ ހުތުރު އެއްޗެހި ގޮވާލިއިރު އޭނާ ހުރީ ހަމަހޭގައެއްނޫނެވެ. ފޯނުކޯލު ކަނޑާލީ މިންނާ އެވަރަށް ގުޅީ ކީއްވެތޯ އަހާލުމުގެ ކުޑަ ވެސް ޝައުގެއްނެތިއެވެ. އެވަގުތު އޭނާ އިނީ މިންނާގެ ދުއްތުރާއިން ސަލާމާތްވާން ބޭނުންވެފައެވެ. ފޯނު ނިވާލީ އެހެންވެއެވެ.
"ކައިފް މަރުވީތަ؟" މޫނުގައި އަތްޖައްސައިލައިގެން އިނދެ ހަމީމު ބަލާލީ ކެންޒާއަށެވެ. އޭނާ ހަމައެކަނި ބޯޖަހާލީއެވެ.
"ތި ތާހިރުވެގެން އައިސް މަންމަގެ ގާތުން މަޢާފަށް އެދޭ." މިފްރާހު އަމުރުކުރިއެވެ.
"ކަލޭ މިގެއިން ނުކުމެގެން ދޭބަލަ، މަތިންބައިންޖެހިގެން މީހުންގެ ގެދޮރަށް ވަދެގެން ތިއުޅެނީ ކިހިނެއްވެގެންތަ؟" ކެންޒާ ދަތްކުނޑިވިކާލިއެވެ. ކިތަންމެ ރުޅި އައިސްފައި ހުރި ނަމަވެސް އެވަގުތު މިފްރާހު ބަލާލި ގޮތުން ކެންޒާއަށް ފަހަތަށް ޖެހިލެވުނެވެ.
"މަންމާ..." ހާސްކަމުގައި ކެންޒާއަށް ގޮވާލެވުނެވެ. އެހިނދު މިފްރާހު ފަސްއެނބުރި ހަރުކޮށް ގޮސް ބަދިގެއަށް ވަނެވެ. ކެންޒާ ހުރި ފިޔަވަޅުމަތީ ހުއްޓާ، މިންނާ ގާތު ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު މިފްރާހު ނުކުތީއެވެ. ހަމީމުއާއި ކެންޒާއަށް ބަލާލުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔަ ގޮތުން ހީވީ އޭނާ އެގެއިން ނުކުންނަން ދިޔައީ ހެނެވެ.
ހަމީމު ތެދުވެ ދެއަތުން ވެލި ފޮޅަމުން އައިސް ބަދިގޭ ދޮރުމަތީ ހުއްޓުނެވެ. ކާމޭޒުދޮށުގައި އިން މިންނާއަށް އޭނާ ބަލަން ހުރީއެވެ. އަނގަޔަކުން ނުބުނެއެވެ. މިންނާ އިންނާކަށް ގަސްދެއްނުކުރިއެވެ. މޭޒުމަތީ ހާމައަށް ހުރި ތަށިތަކުގައި މަތިޖަހާފައި އޭނާ ބަދިގެއިން ނުކުތީއެވެ. ކެންޒާގެ ގާތުގައި މަޑުކޮށްލަމުން، ފެންވަރާލައިގެން ކައިފްގެ ކޮޓަރިއަށް އައުމަށް މިންނާ ބުންޏެވެ. ކެންޒާ ހިނގައިގަތީ ކައިފްގެ ކޮޓަރިއަށް މަންމަ ގޮސް ވަނުމުންނެވެ.
މެންދުރު ނަމާދުކޮށްގެން ފޭބި މިންނާ އެނދުގައި އިށީނެވެ. ނަމާދު ދޮޅީގެ ކައިރިފަށުގައި އަޅާފައި އޮތް ބޮޑު ރޭނދާގަނޑާ ކުޅެން އިންއިރު އޭނާގެ ނަޒަރު ވެސް ވަނީ އެ ދިމާއަށް ހުއްޓިފައެވެ. ކެންޒާ ކޮޓަރިއަށް ވަނުމުން އެނދުގައި އިށީންނަން އައުމަށް މިންނާ އިޝާރާތްކޮށްލިއެވެ.
"މަންމަ ބުރުގާ އަޅަން ވިސްނައިފިން، އެވެސް އިތުރު ޚަރަދެކޭ ހީވެ މިހާ ދުވަހު އެކަންނުކޮށް ހުރީ، އެއީ އެއްގޮތަކަށް ވެސް ކަމުދާ ވިސްނުމެއްނޫންކަން އެނގޭ... އެގޮތް މިގޮތުގައި އުމުރު ހުސްވަމުން މިދަނީ." މިންނާ ވާހަކަދެއްކިއެވެ.
"މަންމަ ބޭނުންވީމަ ބުރުގާ ގަންނަން ދާންވީ، އަހަރެން ގެނެދޭނަން." މަންމައަށް ޔަގީންކަން ދޭ ފަދައިން އެ އަތުގައި ކެންޒާ ހިފަހައްޓާލިއެވެ.
"ކެންޒާ ނަމާދު ކުރަން ފަށަންވީނު، މަންމައާއެކު ދަރިފުޅު ވެސް ބުރުގާ އަޅުވާހިތްވޭ..." މިންނާ ބުންޏެވެ.
"މަންމާ..." ކެންޒާއަށް އެކަމާ އެހާ ޤަބޫލެއްނުވެވުނެވެ. ބުރުގާ އެޅުމަކީ އިތުރު ތަކުލީފެކޭ އޭނާއަށް ހީވަނީއެވެ. މިންނާއަށް ދަރިފުޅަށް ވީގޮތް ވިސްނުނެވެ. އަންހެން ދަރިފުޅު ބޮޑުވީ މިހާރު އޭނާގެ ތަސައްވުރުގައި ކުރަހަން މަސައްކަތްކުރާފަދަ ދީނީ ކަންކަމަށް އިސްކަންދިން މާޙައުލަކުނޫނެވެ.
"މަންމަގެ ޒިންމާއެއް އެއީ ދަރީން ރަނގަޅުމަގުން ހޭނުން، އެކަމަކު ދުނިޔޭގެ ދަތި އުނދަގޫ ދިރިއުޅުމުގައި މަޝްޢޫލުވެވުނުވަރުން އަޅުކަމަށް ދަރިފުޅުމެން ހޭނުމުގައި އިހުމާލުވެވުނީ، މަންމަ ނަމާދުކުރާ ފަހަރަކު ވެސް ދަރީން ނަމާދުކުރޭތޯ، ޤުރުއާން ކިޔަވާތޯ ބަލާނުލެވުނީ، މަންމައަށް މަޢާފުކުރައްޗޭ." ކެންޒާގެ އަތުގައި ފިރުމަމުންދިޔަ މިންނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ.
"މަންމަ ދެރަނުވޭ... މަންމަ އަހަރެން ބޮޑުކުރީ ކިހިނެއްކަން އެނގޭ، މަޢާފަށް އެދޭވަރުކަމެއް މަންމަނެތް ކޮށްފައެއް." ކެންޒާއަށް މިންނާ ދައްކާވާހަކަ ފަހުމްވާންވީ މިންވަރަކަށް ފަހުމެއްނުވެއެވެ. އާދަވެފައިނެތްއިރު އެއީ ކެންޒާއަށް މުޅިން އާ ދާއިރާއެއް ކަހަލައެވެ. ދެކޮޅު ހަދައި ސުވާލު އުފެއްދުމަށްވުރެ ކެންޒާ ބެލީ މަންމަގެ ހިތްހަމަޖައްސައި ދެވޭތޯއެވެ.
"އަދި ފަހުން އަޅާނަމޭ މަންމާ..." މިންނާގެ ވާހަކަތަކަށް ކެންޒާ ޖަވާބުދިނެވެ. ބޭނުމަކަށްވީ މަންމަގެ ވާހަކަތައް ހުއްޓުވުމެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ކެންޒާގެ ކޮޓަރިއަށް އައުމުގެ ބަދަލުގައި މިންނާ ގަސްދުކުރީ ކައިފްގެ ކޮޓަރީގައި އޮންނާށެވެ. އޭނާ ދިރިއުޅޭ ތަނަކަށް އެކޮޓަރި ހެދުމަށެވެ. ހަމީމުއާ މިންނާ ވާހަކައެއް ނުދައްކައެވެ. ހަމީމު ވެސް ގެއިން ނުނިކުމެވެ. ބަނޑުހައިވުމުން ކާއެއްޗެއް ދޭން ބުނީ ވެސް ކެންޒާއަށް ގޮވާފައެވެ. ކޮޓަރިތަކަށް ކެންޒާއާއި މިންނާ ވަންއިރު ވެސް ހަމީމު އިނީ ސޯފާގައެވެ. ކަމަކާ ވިސްނަނީ ކަހަލައެވެ. އޭނާ އެންމެ އަޖައިބުވީ މަންމަ ގެންގުޅުނު ކުރީގެ ފަހާފޮށި ހިފައިގެން މިންނާ އިންތަން ފެނިފައެވެ. ކުދީން ކުޑަކުޑައިރު މަންމައާއި މިންނާ އެ ފޮށިން ފަހަން އިންނަތަން ހަމީމު ދުށް ހަނދާންވެއެވެ. މިހާ ދުވަސްވީއިރު އެ ފަހާފޮށި ހުރިކަމެއް ވެސް އޭނައަކަށް ނޭނގެއެވެ. އަސުރުގެ ފަހުން ގޭތެރެއިން މިންނާ ފެނުނުއިރު ބުރުގާ އަޅާފައި ހުރުމުން ވެސް ހަމީމަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. މިންނާގެ ރީތި ފަން ދިގު އިސްތަށިގަނޑަށް އެއްއިރެއްގައި ހަމީމު ވަރަށް ތަޢުރީފުކުރިއެވެ. އެކަމަކު އެ އިސްތަށިގަނޑު މިހާރު އެވަނީ ނިވާކޮށްފައެވެ.
ސޯފާއިން ތެދުވެގެން ކައިފްގެ ކޮޓަރި ކައިރިއަށް ހަމީމު އައެވެ. ދެފަހަރު އަތް ހިއްލާލިއެވެ. ނަމަވެސް ދޮރުގައި ޓަކިދޭން އޭނާ ފަސްޖެހުނެވެ. ބޮލުގައި އަތްހާކާލުމާއެކު ކަނދުރާގައި ހިފަހައްޓާލިއެވެ. ކެތްނުވެގެން އޭނާ އައިސް ކޮޓަރިއަށް ވަނީއެވެ. ދޮރުތަޅުލުމާއެކު އޭނާ ދެވިފައި ހިފައިވާ ނުބައި ޢަމަލު ކުރުމުގައި އުޅުނެވެ.
ކެންޒާ އޮތީ ނުނިދިފައެވެ. ލައިތުއާ ވާހަކަދައްކާފައި ފޯނު ބޭއްވުމުން ވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެން އޮއްވާ އިތުރު ހާސްކަމެއް ލިބުނީ މިފްރާހު ގޮވަން ފެށުމުންނެވެ. ވައިބާ ނުބަލަން އޮތީ އޭނާއާ ވާހަކަދައްކަން ބޭނުންނުވެގެންނެވެ. ބްލޮކްކޮށްލަން ވެސް ކެންޒާ ހިތަށް އެރިއެވެ. ނަމަވެސް އޭނާކޮށްފާނޭ ކަމަކާމެދު ޖެހިލުންވެ ބިރުގަންނަވަރުން އެހެން ހަދަން ނުކެރުނީއެވެ. މިފްރާހު ދީފައި ހުރި ހަދިޔާގެ ނިޝާންތަކުން ކުލަފަނޑުވެއްޖެތޯ އެހުމާއެކު އޭނާ ފޮނުވީ ކެންޒާގެ ފޮޓޯއެކެވެ. އަދިވެސް ބައިވަރު އެބަހުރިކަމުގައި ފޮޓޯގެ ތިރީގައި އިތުރުކޮށްލާފައި އޮތެވެ.
"އަހަރެންގެ މަންމައަށް ކަލޭގެ ތި ޢަމަލު ފެނުމުން ވާނެގޮތް އެނގޭތަ؟ އަހަރެން ނުބުނެ ހުންނާނެއޭ ހީނުކުރޭ، ތިފޮނުވާ ހުރިހާ އެއްޗެއް ދައްކާނަން" އެނދުން ތެދުވުމާއެކު މިފްރާހުއަށް ކެންޒާ ރައްދުގެ މެސެޖު ފޮނުވާލިއެވެ.
(ނުނިމޭ)