ބޭރު ކުޅިވަރު

ޔޫރޯގައި އިނގިރޭސީން ސީޑްކޮށްފި

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އިނގިރޭސި ގައުމީ ޓީމު ސީޑްކޮށްފި އެވެ.

މި ގޮތަށް ހެދުމުން ޔުނައިޓެޑް ކިންގްޑަމްގެ ދިދައގެ ދަށުގައިވާ ތިން ގައުމު އެއް ގްރޫޕެއްގައި ވާދަކުރާކަށްނުޖެހޭ އެވެ. ޔޫއޭފާއިން ގައުމުތައް ސީޑްކުރަނީ ކޮލިފައިން އާއި މުބާރާތުގެ ކުރީގެ ރެކޯޑްތަކަށް ބަލައިގެންނެވެ.

ކޮލިފައިންގައި ކުޅުނު 10 މެޗުން ވެސް މޮޅުވެގެން އިނގިރޭސީން ސީޑްކުރިއިރު ދެން ސީޑްކޮށްފައިވަނީ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ސްޕޭނާއި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ޕޯޗުގަލް އަދި ބެލްޖިއަމް އެވެ.

އިނގިރޭސިން ސީޑް ކުރި ނަމަވެސް މުބާރާތުގެ ފައިނަލްގައި އެންމެ ފަހުން ކުޅުނު އިޓަލީ އަށް މި ފަހަރު ސީޑްކުރާ ގައުމުތަކުގެ ތެރެއިން ފުރުސަތު ނުލިބެ އެވެ.

މުބާރާތުގެ ގުރު ނަގާނީ ޑިސެމްބަރު މަހުގެ 12ގަ އެވެ.