އަމްރިތާ ރާއޯ އާއި ފިރިމީހާ އާރްޖޭ އަންމޯލް ޑޮކްޓަރެއްގެ ކްލިނިކެއްގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. މި ފޮޓޯތަކުން ފެންނަނީ އަމްރިތާ ވަރަށް ބޮޑު ބަނޑެއް ލާފައި ހުއްޓަ އެވެ. މިހާތަނަށް ވެސް އަމްރިތާ ބަނޑުބޮޑު ވާހަކަ އިންޑިޔާގެ އެއްވެސް ނޫހަކުން ރިޕޯޓު ނުކޮށް އޮއްވާ ކުއްލިއަކަށް މި ފޮޓޯތައް ފެނުމުން އަމްރިތާގެ ފޭނުން ވަރަށް ހައިރާން ވެގެން އުޅެން ފެށި އެވެ.
ފަހުން އިންޑިޔާގެ ނޫހަކުން ވަނީ އަމްރިތާ އާ ގުޅޭ މިކަމާ ގުޅޭ މައުލޫމާތު ހޯދާފަ އެވެ. އަމްރިތާ ބުނެފައިވާ ގޮތުގައި އޭނާގެ ކުޑައިރުގެ ދުވަސްތައް އަނބުރާ އައި ފަދަ އިހްސާސްތަކެއް ބަލިވެ އިނުމުން އޭނާއަށް ކުރެވެ އެވެ. އަދި މަންމައަކަށް ވާން އުޅޭ ކަމުގެ އިހްސާސްތައް އަދިވެސް ރަނގަޅަށް ކުރެވެން ނުފަށާ ކަމަށާއި އެ ހަގީގަތް އަދިވެސް ގަބޫލުކުރަން ދަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެ އިހްސާސް ރަނގަޅަށް ކުރެވޭނީ ދަރިފުޅު އުރާލަން ލިބުނީމަ ކަމަށް އަމްރިތާ ގަބޫލު ކުރެ އެވެ.
އަމްރިތާ، 34، ބުނީ އޭނާގެ ޕްރެގްނެންސީ ޓެސްޓުގެ ނަތީޖާ ފުރަތަމަ ލިބުނީ ފިރިމީހާ އަތަށް ކަމަށާއި އެ ވާހަކަ އޭނާ ކައިރީ ބުނީ ވެސް ފިރިމީހާ ކަމަށެވެ.
އަމްރިތާ އާއި އަންމޯލް ކައިވެނިކޮށްފައިވަނީ ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ފަހުން 2016 ގެ މޭ 15 ވަނަ ދުވަހު އެވެ.
އާއިލާއެއް ފަށަން 2020 ޚިޔާރުކުރީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އަމްރިތާ ބުނީ އެ ކަހަލަ ކަންތައްތަކަކީ ރާވައިގެން ކުރެވޭނެ ކަންތައްތައް ނޫން ކަމަށާއި ވަގުތު ޖެހުނިމަ ވާ ކަހަލަ ކަންތައް ކަމަށެވެ.
ލޮކްޑައުންގެ ކުރިން އަމްރިތާ ދެ ފިލްމެއްގައި މަސައްކަތް ކުރަން ހަމަޖެހިފައި އޮތެވެ. ނަމަވެސް އަދި އެ ދެ ފިލްމެއް ފެށޭ ގޮތެއް ނުވެ އެވެ.
"އެ މަސައްކަތްތައް ފެށޭނެ އަދި. ދުވަހެއް ބުނާކަށް ނޭނގޭ. އަދި އެކަމާ ވިސްނާނީ ފަހުން،" އަމްރިތާ ބުންޏެވެ.
އަމްރިތާ ފިޔަވައި މިހާރު ބަލިވެ އިނދެ ވިހަން ތައްޔާރުވެފައިވާ އިތުރު ދެ ބަތަލާއަކު އެބަތިއްބެވެ. އަނުޝްކާ ޝަރުމާ އާއި ކަރީނާ ކަޕޫރެވެ.