ހަބަރު

ހުޅުމާލޭ ދަނޑުވެރިކަމުގެ ޕްރޮޖެކްޓުގައި ބައިވެރިވާން ހުޅުވާލައިފި

ހުޅުމާލޭގައި ކުރިއަށްގެންދާ 'ކޮމިއުނިޓީ އާބަން ފާމިން' ޕްރޮޖެކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއަށްގެންދާ "ކޮމިއުނިޓީ އާބަން ފާމިން" ޕްރޮޖެކްޓަކީ ޔޫއެންޑީޕީ އާއި އެގްރިކަލްޗާ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މަގުސަދަކީ ރަށުގައި ތިބެގެން މަންފާ ހޯދޭނެ މަގު ފަހި ކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ.

މި ޕްރޮޖެކްޓުގައި 600 އަކަފޫޓުގެ 16 ޕްލޮޓް ދޫކުރާނެ ކަމަށް އެ ކޯޕަރެޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ޕްރޮޖެކްޓްގައި ބައިވެރިވެވޭނީ 3 މީހުންގެ ގްރޫޕް އަކަށެވެ. 16 ޕްލޮޓު ތިން ގްރޫޕަކަށް ބަހާއިރު، ޕްލޮޓްތަކުގެ 40 ޕަސެންޓު ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އަދި، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް 30 ޕަސެންޓާއި އާއްމުންނަށް 30 ޕަސެންޓު ދޫކުރެ އެވެ.

އާބަން ފާމިން ޕްރޮޖެކްޓު ކުރިއަށްގެންދަނީ ނެއިބަހުޑް ތިނެއްގަ އެވެ.

ޕްލޮޓު ތަކަށް އެދި ފޯމު ހުށައެޅުމުގެ މި މަހުގެ 29 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ތިންމީހަކަށް ގުރޫޕްހަދައިގެން ޕްލޮޓަށް އެދި ހުށައެޅޭނެ ކަމަށާއި ކޮންމެ ގްރޫޕަކުން ހުށައެޅޭނީ އެއް ފޯމު ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނީ އެއް ގްރޫޕްގައި ކަމަށް އިއުލާނުގައި ވެ އެވެ.

އެޗްޑީސީގެ މި ޕްރޮޖެކްޓު ކުރިއަށްގެންދަނީ ތިން ފޭސް އަކަށް ބަހާލައިގެނެވެ. އެ ކޯޕަރޭޝަނުން ބުނީ، ފުރަތަމަ ފިޔަވަހީގައި އެއްވެސް ފީ އެއް ނުނަގާނެ ކަމަށާއި ތިން މަސް ފަހުން ތިން މަސްދުވަހުގެ މުއްދަތަކަށް ކޮންމެ ޕްލޮޓަކުން 1275 ރުފިޔާގެ ފީއެއް މަހަކު ދައްކަންޖެހޭނެ ކަމަށެވެ. އަދި ހަތްވަނަ މަހުން ފެށިގެން އެ އަދަދު 2500 ރުފިޔާ އަށް ބޮޑުވާނެ އެވެ.

މި ޕްލޮޓުތައް ދޫކުރަނީ ދަނޑުވެރިކަމަށް ބޭނުންވާ ސާމާނާއެކު އެވެ.