އަލީ ވަހީދު

އަލީ ވަހީދަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅިގެން ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ ފަހުން ފުލުހުންގެ ތަހުގީގަށް ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

ފުުލުހުން މިއަދު ބުނީ އަލީ ވަހީދު، މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް މިހާރު އިސްލާހު ކޮށްފައިވާ ކަމަަށެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު ޕީޖީ އޮފީހާއި މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފައިވާ ކަމަށެވެ.

ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ޖިންސީ ފުރައްސާރައިގެ މައްސަލާގައި 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ކަމެއް އަދި އެ 15 މީހުންނަކީ ވެސް ވިކްޓިމް ކަމެއް ނުވަތަ ނޫން ކަމެއް ނުބުންޏެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި ރޭ ނޫސްވެރިންނާއި ބައްދަލްކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،"

އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.