ކޮވިޑް-19 އާއެކު ދިމާވި އެންމެ ބޮޑު އެއް ކަމަކީ އުނގެނުމާއި އުގައްނާއި ދިނުމަށް އޮތް ދައްޗެވެ. ސްކޫލް ބަންދުވެ ކުދިންގެ ކިޔެވުން ހުއްޓިފައިވާ އިރު އޮންލައިންކޮށް ކިޔެވުން ވެގެން ދިޔައީ އިތުރު ތަކްލީފަކަށެވެ. ކުދިންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް މެއެވެ.
ނިއުނޯމަލްއަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކީ ސްކޫލްތައް ހުޅުވާލާފައިވާ އިރު ވަރަށްވެސް އުފާވެރި މަންޒަރެއް ސޯޝަލް މީޑިއާއިން ލޮލުގައި އަޅައިގަތެވެ. އުގަންނާއި ދިނުމަށް އޮތް ބޮޑު ގޮންޖެހުމާއި ކެރިގެން ކުރިމަތިލީ ސުކޫލެއްގެ މަންޒަރެކެވެ.
ދެކުނުން އައްޑު އަތޮޅު ހިތަދޫގައި ހިންގާ ޕްރައިވެޓް ސްކޫލެއް ކަމުގައިވާ ހިރާ ސްކޫލްގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިއުނޯމަލްގައި ވެސް ހުއްޓުމަަކަށް ނުގެނަސް އެ ސްކޫލް އިން ގެންދަނީ ކުރިއަށެވެ. އެ ސުކޫލުން ސޯޝަލް މީޑީއާގައި ހިއްސާކޮށްލާފައިވާ ވީޑިއޯއެއްގައި ފެންނަނީ ސްކޫލްގެ ދަރިވަރުން ކްލާސްރޫމެއްގައި ހިމޭނުން ތިބެ ބޯޑެއް ދޮށުގައި ޓީޗަރަކު ކިޔަވާދޭ އަޑު އަހާތަނެއް ނޫނެވެ.
ވީޑިއޯގައި ފެންނަނީ މާސްކް އަޅައި ގައިދުރުކޮށް ތިބެ ކުދިން އަމިއްލައަށް ސުފުރާއެއް މަތި ޒީނާތްތެރި ކުރުމަށް ތައްޔާރު ކުރާތަނެވެ. މިގޮތުން ވަކި ވަކިން އެއް ކުއްޖެއް އަނެއް ކުއްޖަކާއި ގައިދުރުކަންމަތީ މޭޒުދޮށުގައި އިށީންދެ ތިބެ ނެޕްކިންތައް އެކި ޑިޒައިންތަކަށް ފަށްޖަހަން ދަސްކުރާ މަންޒަރެވެ. އަދި އެ ތަކެތި މޭޒުގައި އަތުރާލާ އުލާއި ސަމުސާ ވެސް ނެޕްކިންގައި ރީތިކޮށް ތަށިތައް މޭޒެއް ކައިރިއަށްގެންގޮސް ފައިވް ސްޓާ ރިޒޯޓެއްގެ ރެސްޓޯރެންޓެއްގައި ފެންނަ ފެންވަރަށް އަތުރާލާ ސެޓްކޮށްލާ ތަނެވެ.
ކެއިންބުއިމުގައި އިސްލާމީ ރީތި އަދަބުތައް ލިޔެފައިވާ ކާޑެއްވެސް މޭޒުމަތީގައ ބަހައްޓާލަފައި ވެއެވެ. ހުރިހާ މަސައްކަތެއް ވެސް އަމިއްލަ ކުރާއިރު ފުރިހަމަ އެވެ. ކުދިންގެ ފަރިތަކަމާއި އަތްމަތި ވަރަށް އަވަހެވެ.
މިއީ މަސައްކަތްތަކާއި ހުނަރު ކުދިންނަށް ދަސްކޮށް ދޭން ފޫގަޅައިގެން ކުދިންނަށް ކިޔައިވައި ދިނުމުގައި އެކުދިން ޝައުގުވެރިކަން ދަމަހައްޓަން އަމަލީގޮތުުން ކުދިން ބައިވެރި ކޮށްގެން ހިރާ ސްކޫލްއިން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. ނިއުނޯމަލްގަައި ވެސް އެ ސްކޫލުން މި ޕްރޮގްރާމް މި ގެންދަނީ ކުރިއަށެވެ.
ހިރާ ސްކޫލްގެ މި ޕްރޮގްރާމަކީ ކުދިންގެ މެދުގައި ވަރަށް ޝައުގުވެރިވާ އަދި އެކުދިން އެ ޕްރޮގްރާމަށްޓަކައި ދުރާލާ ތައްޔާރުވެ ކޮންމެ ހަފްތާއަކު ވެސް އެ ގަޑިއަަކަށް އިންތިޒާރު ކުރާ ޕްރޮގްރާމެއް ކަމުގައި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ޒަރީނާ ވިދާޅުވި އެވެ.
"މިއީ މީގެ ދެއަހަރު ކުރިން ފަށައިގެން ކުދިންނަށް ދިރިއުޅުމަށް ތައްޔާރުވުމަށް ތަފާތު އެކި މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން އިންތިޒާމް ކޮށްފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެންގެ ކަރިއުކިއުލަމް ވެސް އޮންނާނީ އެގޮތަށް. ވަރަށް ބޮޑަށް ހޭންޑްސްއޯން ލާނިން. ސްކޫލްގައި މި ޕްރޮގްރާމްގައި ހިންގަނީ ޓައިމްޓޭބަލްކޮށްގެން ހުރިހާ ގްރޭޑްތަކުގެ ކުދިން ބައިވެރި ކޮށްގެން،" އޭނާ ވިދާޅުވި އެވެ. "ތުއްތު ކުދިން ދަސްކޮށްދޭނީ އެކުދިންގެ އުމުރާއި އެކަށީގެންވާ ތީމާ ގުޅޭ މަސައްކަތް. ކުދިންނަށް މި ޕްރޮގްރާމް ނިއުނޯމަލްގައި ކުރިއަށްގެންދަން ގިނަ ކަންކަން ޕްލޭންކޮށް އިންތިޒާމް ކުރަން ޖެހުނު. ނަމަވެސް މިއީ ކުދިން ވަރަށް ޝައުގުވެރިވާ ޕްރޮގްރާމެއް ކަމުން ކެންސަލް ނުކުރަން"
ހަތަރު ސަތޭކައެއްހާ ކުދިން ތައުލީމް ހާސިލް ކުރާ މި ސްކޫލްގައި ޕްރޮގްރާމް ހިންގުމަށް ކޮވިޑްގެ ކުރިން ވެސް ބޮޑު ތައްޔާރީތަކެއް ވާންޖެހެނޭކަން ޔަގީނެވެ. އަދި ކޮވިޑްގެ ފަހުން އަލުން އެނބުރި ސުކޫލަށް ކުދިން ނިކުން އިރު ސްކިލްބޭސްޑް ޕްރޮގްރާމް ނަތީޖާ ނެރެން ބޮޑު މަަަަސައްކަތެއް ކުރަން ޖެހޭނެ އެވެ.
"އަޅުގަނޑުމެން ޕްރޮގްރާމް ރާވަފައިވާނި ކަނޑައާޅާފައިވާ އައުޓްކަމް ނެރެވެން ދެން ނުވަރަ ކުދިންނަށް އެ ބޭނުންވާ ސްކިލްއެއް ދަސްވަންދެން އެކުދިން ލައްވާ ޕްރެކްޓިސް ކުރުވުމަށް ވަގުތު ދީގެން. ވީޑިއޯގައި ފެންނަނީ ގްރޭޑް 1 އިން 7 ގެ ދަރިވަރުންގެ ޓޭބަލް ސެޓިންގް. މި މުއްދަތު ތެރޭގައި 7-9 ގެ ދަރިވަރުން ކުރިއަށް ގެންދިޔައީ އެކުދިންނަށް އެންޓްރެޕްރީނިއަރޝިޕް ޑެވެލޮޕް ކުރުމަށް ވިޔަފާރިކުރުމުގެ ހުނަރު ދަސްކޮށްދޭން. އަމިއްލަ އަށް އެއްޗެއް ހަދާފައިވާ މާކެޓްކެޓް ކުރުމަށާއި އެގްޒިބިޓް ކުރާނެ ގޮތް އެ ކުދިން ވޭތުވެދިޔަ 3 ހަފްތާގައި ދަސްކުރީ."
ނިއުނޯމަލްގައި ސްކިލް ޕްރޮގްރާމްގެ ދެވަނަ ޕްރޮޖެކްޓް މިއަދު ފަށާފައި ވެއެވެ. އެގޮތުން ދެވަނަ ޕްރޮޖެކްޓްއަކަށް ކުދިން ލައްވާ ކޮމްޕޯސްޓް ބިމެއް ތައްޔާރު ކުރާނެ ގޮތް ދަސްކުރުމަށް ވަނީ މަަސައްކަތް ފަށާފަ އެވެ.
"ކުދިންނަށް ދަނޑުވެރިކަމާއި އޯގޭނިކް ފާމިން އަށް ލޯހުޅުވައި ދިނުމުގެ ބޭނުމުގައި ކޮންމެ ކުއްޖަކަށް މިޖެހެނީ އިނގުރާއި ކައްޓަލަ ހައްދަން ބޭނުން ވާނެ ގޮތަށް ބިން ތައްޔާރު ކުރަން."
ބެލެނިވެރިންނާއި ކުދިންގެ ފަރާތުން ބޮޑު ތަރުހީބެއް މި ޕްރޮގްރާމަށް ވަނީ ލިބިފައެވެ. ސްކޫލްގެ ވެލިއުސް ތަކުގެ ތެރޭގައި ރެޑިއުސް، ރީޔޫސް އަދި ރީސައިކަލް ހިމެނޭއިރު ފީގެ އިތުރުން ބެލެނިވެރިން ލައްވާ އިތުރު ހަރަދެއް ކުރުމުގެ ބަދަލުގައި މި ޕްރޮގްރާމަކީ ވެސް ބަޖެޓަކާއި އެއްކޮށް ހިންގާ ޕްރޮގްރާމެކެވެ. ފޮތުގެ ދެލިގަނޑުންނާއި އެއްވަރަށް އަމަލީ ތަޖުރިބާއިން ކަންކަން ދަސްކޮށްގެން މި ސްކޫލުން މާދަމާ ނުކުންނާނީ ހަރުދަނާ ދިވެހި ދަރީންތަކެކެވެ.