ބޮލީވުޑް

"ފަރޭބް" އެކްޓަރު ފަރާޒް ޚާން މަރާ ހަނގުރާމަ ކުރަނީ

ފަރާޒް ޚާން އަކީ 90 އިގެ އަހަރު ތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް މަޝްހޫރުވި އެކްޓަރެކެވެ. މިވަގުތު އޭނާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ. އަދި އޭނާގެ އާއިލާގެ މާލީ ތަނަވަސްކަން މިހާރު ނެތުމުން ފިލްމު އިންޑަސްޓްރީގެ އެހީތެރިކަމަށް އެ މީހުން ދަނީ އެދެމުންނެވެ.

ފަރާޒް ވަނީ "މެހެނދީ" އާއި "ފަރޭބް" ގައި ބަތަލުގެ ބައިކުޅެފަ އެވެ. އަދި ވަރަށް ގިނަ ޓީވީ ސިލްސިލާތަކުގެ ލީޑް ރޯލު ވެސް ފަހުން އޭނާ ކުޅުނެވެ.

ފަރާޒްގެ ކޮއްކޮ ފަހްމާން ޚާން އަކީ ވެސް ޓީވީ އެކްޓަރެކެވެ. ފަރާޒަށް ފަރުވާ ކުރުމަށް ފަންޑުހޯދުމުގެ މަސައްކަތް ކުރަނީ ފަހްމާން އެވެ.

"ފާއިތުވީ އަހަރެއްހާ ދުވަހު ބޭބެ އުޅުނީ ވަރަށް ބަލިކޮށް. މޭގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުން އަބަދު ކެއްސާތީ އުޅެނީ. ބޭބެގެ ހާލު ސީރިއަސްވީ ދާދި މިދާކަށް ދުވަހު. އަދި މިހާރު އޮތީ ބެންގަލޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި. ވެންޓިލޭޓާ އަށް ލާފައި އޮންނަތާ ވެސް މިހާރު ފަސް ދުވަސް ވެއްޖެ. ޑޮކްޓަރުން ބުނަނީ ބޭބެގެ ފުރާނަ ސަލާމަތްވާނެކަމުގެ އޮތީ 50-50 ޗާންސެކޭ. ބޭހަށް ގުޑާހެން ހީވަނީ. ނަމަވެސް އަދިވެސް އޮތީ ޚަބަރު ހުސްވެފައި. ބޭހަށް މަދުވެގެން 25 ލައްކަ ރުޕީސް ބޭނުންވޭ،" ޓައިމްސް އޮފް އިންޑިޔާ އަށް ދީފައިވާ އިންޓަވިއު އެއްގައި ފަހްމާން ބުންޏެވެ.

ފަރާޒްގެ ކޮއްކޮ ބުނީ އެ އާއިލާގެ އެންމެންގެ އަތުގައި ހުރި ހުރިހާ ފައިސާއެއް ކަހަލަ ގޮތަކަށް ފަރާޒްގެ ބޭހަށް ގޮސް ހުސްވެއްޖެ ކަމަށެވެ. ވީމާ ފަރާޒަށް ފިލްމު އިންޑަސްޓްރީން އެހީވެދިނުމަށް އޭނާގެ ކޮއްކޮ ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފަރާޒް އަށް އެހީތެރިވުމަށް އެންމެ ފުރަތަމަ އިސް ނެގީ އޭނާއާއެކު މަސައްކަތް ކޮށްފައިވާ ބަތަލާ ޕޫޖާ ބަޓް އެވެ. ޕޫޖާ ބުދަ ދުވަހު ކުރި ޓުވީޓެއްގައި ވީ ވަރަކުން އެންމެން ވެސް ފަރާޒް އަށް އެހީވެދިނުމަށް އެދިފައި ވެއެވެ.

ފަރާޒްގެ ކެރިއަރުގައި އެންމެ ބޮޑު މަޝްހޫރުކަމެއް އޭނާއަށް ލިބިގެން ދިޔައީ ރާނީ މުކަރުޖީ އާއެކު 1998 ގައި ކުޅުނު "މެހެނދީ" އިންނެވެ. މި ފަހުން އޭނާ ފެނިފައިވަނީ "ސިންދޫރް ތެރެ ނާމް ކާ" އާއި "ޝްޝް ކޮއި ހޭ" އިންނެވެ.