ބޮލީވުޑް

ތާޕްސީ ރާއްޖޭގައި ނެގި މަންޒަރުތަކަށް ތަރުހީބު

ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ހިންދީ ފިލްމީ ތަރި ތާޕްސީ ޕަންނޫ މިދިޔަ އަންގާރަ ދުވަހު ވަނީ ފުރައިގެން ގޮސްފަ އެވެ. އެނބުރި އިންޑިޔާ އަށް ދާން ބޭނުން ނުވި ނަމަވެސް މަޖްބޫރުން ތާޕްސީ ރާއްޖެ ދޫކުރީ ވަރަށް ހިތްގައިމު ހަނދާން ތަކަކާ އެކުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

މިއަދުން ފެށިގެން ފިލްމު ޝޫޓިންގްގައި ތާޕްސީ ބައިވެރިވާން ފަށާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ތާޕްސީ އާއި ލޯބިވެރިޔާ މަތިއަސް ބޮއޭ އަދި ދެ ކޮއްކޮ ޝަގުން އާއި އިވާނިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދުވަސްވަރު ވަރަށް މަޖާ ކަންތައްތައް ކޮށްފައި ވެއެވެ. އަދި އެމީހުންގެ ޗުއްޓީގައި ކުރި އެކި އެކި ކަންތައްތައް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ގެންގޮސްފައި ވެސް ވެއެވެ. އެގޮތުން މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ އެއް ވީޑިއޯއަކީ ތާޕްސީމެން ރާއްޖޭގައި ނަގާފައިވާ "ބިގިނީ ޝޫޓް" އެކެވެ.

ތާޕްސީގެ ތިން ބެއިންނާއި ލޯބިވެރިޔާ ބައިވެރި ވެގެން ޝޫޓް ކޮށްފައިވާ މި މަޖާ ވީޑިއޯގައި އެ މީހުން ވަރަށް މަޖާ ވައްތަރުތައް ޖައްސައި ނަށާތަން ފެނެ އެވެ.

މި ވީޑިއޯ އެޑިޓް ކޮށްފައި ވަނީ ދާދިފަހުން އިންޑިއާގައި ވައިރަލްވީ "ސާތު ނިބާނާ ސާތިޔާ" ގެ އިޝްތިހާރެއްގައި "ރަސޯދޭ މޭ ކޯން ތާ" ކިޔާ މަޖާ ޑައިލޯގެއް ވައިރަލް ކޮށްލި މީހާ އެވެ. ތާޕްސީގެ "ބިގިނީ ޝޫޓް" ވެސް އެޑިޓް ކޮށްލާފައިވާލެއް މޮޅު ކަމުން ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯ އަށް ލިބި ވީޑީއޯ ވައިރަލް ވީ އެވެ.

މި ވީޑިއޯ އަކީ އެހެން ޓީވީ ޝޯއެއްގެ ވާހަކައިގެ މައްޗަށް ބިނާ ކޮށްފައިވާ ވީޑިއޯ އެކެވެ. އެ ޝޯ އަކީ ލޯބިވެރިންނަށް މަކަރު ހަދާ މީހުން ހޯދާ އެމީހުން ފަޅާ އަރުވާލާ ޝޯ އެކެވެ. މި ޝޯގައި ވާހަކަ ދައްކާ މީހާ "ބިކިނީ" ގެ ބަދަލުގައި "ބިގިނީ" ކިޔާތީ މި ލަވައިގެ ނަމަކަށް ވެސް "ބިގިނީ ޝޫޓް" ކިޔާފައި ވަނީ އެވެ.

މި ވީޑިއޯ ޝެއާ ކުރަމުން ތާޕްސީ އިންސްޓަގްރާމްގައި ކޮށްފައިވަނީ ސުވާލެކެވެ. "ދިވެހިރާއްޖޭގައި ތާޕްސީ ޕަންނޫ ކުރީ ކޮން ކަމެއް ހެއްޔެވެ؟"

މި ސުވާލުގެ ޖަވާބު ވަރަށް ގިނަ ބަޔަކު ބަލާލާހިތްވެފައި ވާތީ މި ވިޑިއޯ ބަލަން ޝައުގުވެރިވާ ކަމަށް ވެސް ވެދާނެ އެވެ.

ތާޕްސީ ބުނެފައިވާ ގޮތުގައި މި ވީޑިއޯ ޝޫޓްކޮށްފައި ވަނީ ދުނިޔެއަށް މަޝްހޫރު ތާޖް ވިލާ ގައެވެ. ވީޑިއޯ ވައިރަލްވެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަށް ލައްކަ އަށް ވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި 20،000 އަށް ވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ. މި ވީޑިއޯއަށް ކޮމެންޓުކުރި ފިލްމީ ތަރިންގެ ތެރޭގައި ވަރުން ދަވަން، އަނުޝްކާ ޝަރުމާ، ބޫމީ ޕެޑްނޭކަރް އަދި ކާޖަލް އަގަރްވާލް ފަދަ ތަރިން ހިމެނެ އެވެ.

ރާއްޖޭން ގޮސް އޮކްޓޯބަރު 15 އިން ފެށިގެން ތާޕްސީ ފިލްމީ މަސައްކަތް ފަށާނެ އެވެ. ފުރަތަމަ އޭނާ ބައިވެރިވާނީ "ހަސީން ދިލްރުބާ" ގެ ޝޫޓިންގައެވެ. އޭގެ ފަހުން "ޖާނާ ގާނާ މާނާ" އާއި "ރަޝްމީ ރޮކެޓް" ގެ ޝޫޓިންގައި ބައިވެރިވާން ވަނީ ހަމަޖެހިފަ އެވެ.