ހަބަރު

ބްރިޖާއި ހައިވޭގެ ޓްރެފިކްް ލައިޓެއް ވެއްޓިއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަ ވުމުގެ ސަބަބުން ސިނަމާލެ ބުރިޖާ ގުޅޭ ޓްރެފިކްލައިޓެއް ވެއްޓިއްޖެ އެވެ.

ބްރިޖާ ގުޅިފައިވާ ޓްރެފިކް ލައިޓުތަކުގެ ތެރެއިން، ވެއްޓިފައި ވަނީ ބްރިޖާއި ހައިވޭ ގުޅޭ ހިސާބުގައި ހުރި ޓްރެފިކް ލައިޓެކެވެ. އެ ޓްރެފިކް ލައިޓުތަކުން ލައިޓެއް ވެއްޓުމުން ޓްރެފިކް ފުލުހުން އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ވަނީ ފަށާފަ އެވެ.

ފުލުހުން ބުނީ، ލައިޓް ވެއްޓުނީ ރޭ އައި ބާރުގަދަ ކޮޅިގަނޑެއްގެ ތެރޭގައި ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން އެ ލައިޓް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު، މާލެ ސަރަހައްދު ހިމެނޭ ގޮތަށް ބޮޑު ބަޔަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައި ވަނީ، މިއަދު ހެނދުނު 7:45 އިން 11:45 އަށް އދ. އަތޮޅުންފެށިގެން ށ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ބުނި ގޮތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ އެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ އެވެ.