ކަންގަނާ

ބަރުދަން ލުއިކުރުމުގެ މަސައްކަތް ކަންގަނާ ފަށައިފި

ބަރުދަން ލުއިކުރުމުގެ މަސައްކަތް ކަންގަނާ ރަނާވަތު ފަށައިފި އެވެ. ކަންގަނާގެ ބަރުދަނަށް 20 ކިލޯ އިތުރުކުރީ ތަމަޅަ ސިޔާސީ ލީޑަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ޖަޔަލަލީތާގެ ބައޮޕިކް "ތަލައިވީ" ކުޅެންވެގެންނެވެ. ކަންގަނާ ބުނި ގޮތުގައި ބަރުދަން ލުއި ކުރުމުގެ މަސައްކަތް އޭނާއަށް ވެފައިވަނީ ބޮޑު "ސަޒާ" އަކަށެވެ.

"ބަރުދަން އިތުރުކު ރަން ޖެހުނީމަ ވަރަށް ހިތްހަމަޖެހުނު. ހިތަށް އެރިހާ މީރު އެއްޗެއް ހިތަށް އެރި ވަރަކަށް ކާލެވޭތީ. ނަމަވެސް އެ ހުރިހާ ސަރުބީ ވިރުވަން ޖެހުނީމަ އެކަން ވެފައިވަނީ ބޮޑު ސަޒާ އަކަށް،" ކާން އިންދާ ނަގާފައިވާ ފޮޓޯއަކާއެކު ކަންގަނާ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ބުދަ ދުވަހު ކަންގަނާ ވަނީ ކަސްރަތު ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކޮށްފަ އެވެ. އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވާ ގޮތުގައި "ތެލައިވީ" ގެ ޝޫޓިން މިހާރު ނިމުމާ ހަމައަށް ގޮސްފައިވާތީ އެ ފިލްމު ކުޅެން ވެގެން އިތުރުކުރި ބަރުދަން ލުއި ކުރަން ޖެހިފައިވާ ކަމަށާއި މިހާރު ކުރަނީ އެ މަސައްކަތް ކަމަށެވެ. ހެނދުނު ހޭލައިގެން ޖޮގިން އަށް ދިއުން ފަދަ ކަންތައް މިހާރު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަންގަނާ ބުނި ގޮތުގައި ޖާޔާ މާ (ޖަޔަލަލީތާ) ގެ ހެޔޮ އެދުންތަކާއެކު ފިލްމު އިތުރު ޝެޑިއުލް އެއް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ސެޓުގައި މަސައްކަތްކުރަން ޖެހޭ ގޮތަށް ބަދަލުތަކެއް އައި ނަމަވެސް އެކްޝަން އޭ ބުނާ ހިސާބުން ކަޓް އޭ ބުނާ ހިސާބަށް އެއްވެސް ކަމެއް ބަދަލު ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކަންގަނާ ވަނީ "ތަލައިވީ"ގެ ތަރިންނާއި ކުރޫންނަށް ޝުކުރު އަދާކޮށްފަ އެވެ. މި ފިލްމު ތަމަޅަ، ތެލުގޫ އަދި ހިންދީ ބަހުން ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.