ލައިފްސްޓައިލް

ޑުބާއީގައި އަލަށް އުފަންވީ ކުއްޖަކު ޑޮކްޓަރުގެ މާސްކް އަތުލައިފި

ބުރާސްފަތި ދުވަހު ސޯޝަލް މީޑީއާގައި އެންމެ ވައިރަލްވީ ފޮޓޮއަކީ އަލަށް އުފަންވީ ތުއްތު ކުއްޖަކު އޭނާ ވިއްސި އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ މާސްކް ދަމައިގަންނަތަން ފެންނަ ފޮޓޮއެކެވެ. މި ފޮޓޯ ވައިރަލް ވެގެން އުޅޭކަން އެނގުމުން ޚުދް ޑޮކްޓަރަށް ވެސް ލިބުނީ ހައިރާން ކަމެވެ. އެހާ ބޮޑު ތަރުހީބެއް ފޮޓޯއަށް ލިބިދާނެ ކަމަށް ހީވެފައި ނެތީމަ އެވެ.

ތުނބުޅިއެއްލާފައި ހުރި ޑރ. ސަމީރް ޗީބް އަށް ފޮޓޯ ވައިރަލް ވެގެން އުޅޭކަން އެނގުނީ ވެސް ޑުބާއީގެ ނޫސްވެރިން މައުލޫމަތު ހޯދަން ގުޅަން ފެށުމުންނެވެ.

ޗީބް، 42، އަކީ ލެބެނަންގެ ރައްޔިތެކެވެ. އޭނާ ޔޫއޭއީގައި މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ތުއްތު ކުދިން ދެކެ ވާ ލޯބިން އެކުދިން އުރާ ހެދުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. ދަރިމައިނުވާ މީހުންނަށް ފަރުވާދޭ ތަޖުރިބާކާރު މި ޑޮކްޓަރުގެ ގަބޫލުކުރާ ގޮތުގައި މަންމައަކަށް ވުމަކީ އަންހެނުންނަށް ލިބިގެންވާ ވަރަށް ޚާއްސަ ސިފައެކެވެ. އަދި ރީތި ތަޖުރިބާ ކުރަން އެކަކުވެސް ބިރުގަނެގެން ނުވާނެ އެވެ.

މި ފޮޓޮއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރު ބުނީ މިއީ އައިވީއެފް ހަދައިގެން އުފަންވި ބޭބީއެއް ނޫން ކަމަށެވެ. މިއީ ހަމަ ގުދުރަތީ ގޮތުން ބަލިވެ އިނދެ ވިހެއި އަންހެނެއްގެ ދަރިފުޅެކެވެ. މިއީ އެ ހަފުތާ ތެރޭ އޭނާ ވިއްސި އެއްމާބަނޑު ދެބެންގެ ތެރޭގައި ހިމެނުނު ކުއްޖެކެވެ.

ޑޮކްޓަރަކާއެކު އެ ކުދިންގެ ފޮޓޯ ނަގަން އެ ދެބެންގެ ބައްޕަ ބޭނުންވެގެން ފަހަރަކު ކުއްޖަކު އުރައިގެން ފޮޓޯ ނެގީ ކަމަށާއި ދެ ވަނަ ކުއްޖާ އުރާލިތަނާ އޭނާއަށް މާސްކުގައި ހިފި އެޔަށް ދެމުނީ ކަމަށެވެ. އެހެންވެ މި ޚާއްސަ ވަގުތުކޮޅުގެ ފޮޓޮއެއް އެ ކުދިންގެ ބައްޕަ ކޮންމެހެން ވެސް ބޭނުންވީ ކަމަށް ޑޮކްޓަރު ބުންޏެވެ.

ޗީބް ގަބޫލުކުރާ ގޮތުގައި މި ފޮޓޮއަކީ މިހާޜުގެ ހާލަތާ ވަރަށް ގުޅޭ ފޮޓެކެވެ. މާސްކް އަޅައިގެން ތިބޭ މީހުންގެ މާސްކް ނެގުމަށް އިންސާނުންނަށް ހަރަކާތް ކުރެވޭ ގޮތުގެ ސިމްބަލް އަކަށް މި ފޮޓޯވާ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެހެންވެ އެ ފޮޓޯ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ޝެއާ ކޮށްލީ އެވެ.

މި ފޮޓޯ ނެގިއިރު ބޭބީގެ އަތަށް ގެނެވުނު ހަރަކާތަކީ ހަމަ އެ ވަގުތު ދިމާވި އިއްތިފާގެކެވެ. ނަމަވެސް ފޮޓޯ ބެލި ގިނަ ބަޔަކު މިއީ ވަރަށް ހެޔޮ ފާލެއް ފެންނަ ފޮޓޯއެއްގެ ގޮތުގައި ދެކިފައި ވެއެވެ. އަދި ކޮވިޑްގެ ވަބާ ނިމެން ކައިރިވެއްޖެކަމުގެ ސިގްނަލް މި ފޮޓޯއިން ލިބޭ ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

"ކޮންމެ މީހަކުވެސް ބޭނުންވޭ އަވަހަށް މާސްކް ނަގައިގެން ކުރިން އުޅުނު އާއްމު ހާލަތުގައި ދިރިއުޅެން. އެހެންވެ މި ފޮޓޯ ފެނިފައި ގިނަ ބަޔެއްގެ ހިތަށް އުފާވެރިކަން ލިބުނީ. ފޮޓޯގައި ވަރަށް ޕޮޒިޓިވް ގޮތްތަކެއް ހުރުމުން ބަލާލާ ކޮންމެ މީހެއްގެ މޫނަށް ވެސް ހިނިތުންވުމެއް ވެރިވޭ. ޕޮޒިޓިވް ވިސްނުމާއި ހިނިތުން ވުމަކީ މީހާގެ ދިފާއީ ބާރު ވަރުގަދަ ކޮށްދޭ ކަމެއް. އަދި މިއީ ކޮވިޑް ކަހަލަ ބަލިމަޑުކަމަކުން އަރައިގަތުމަށް ވެސް މުހިއްމު ކަމެއް،" ޑޮކްޓަރު ބުންޏެވެ.

މި ތުއްތު ކުއްޖާ ބޭނުންވަނީ މާސްކް ނާޅާ މީހުން އުޅޭ ދުނިޔެއަކަށް އަންނަން ކަމަށް މި ފޮޓޯއިން ދޭހަވާ ކަމަށާއި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެފަދަ ދުވަހެއް ފެނިދާނެކަމަށް ޑޮކްޓަރު އުންމީދު ކުރެ އެވެ.