ލައިފްސްޓައިލް

އުމުރު އޮޅުވާލައިގެން ކުޑަ ކުއްޖަކާ ކައިވެނިކުރި މީހަކު ހޫނުފެނަށް

ސުލްތާން މުހައްމަދު ގޯލްޑެން އަކީ ޕާކިސްތާނުގައި ވަރަށް މަޝްހޫރު ސްޓަންޓްމޭން އެކެވެ. އުމުރު 60 އަހަރުގެ ސުލްތާނަށް ވަރަށް ބޮޑު މައްސަލަތަކެއް މިހާޜު ވަނީ ކުރިމަތިވެފަ އެވެ. ޚައިބަރު ޕަކުތުންކުވާ ޕްރޮވިންސް އިން މިހާރު ސުލްތާންގެ މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އުމުރުން 12 އަހަރުގެ ކުއްޖެއްގެ އުމުރު އޮޅުވާލައިގެން އެ ކުއްޖާ އާ ކައިވެނި ކޮށްފައިވާ ކަން ފަޅާ އަރައިގެންނެވެ.
ކުއްޖާގެ ބައްޕަ ބުނަނީ ކުއްޖާގެ އުމުރުން 18 އަހަރު ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ސްކޫލް ރެކޯޑްތަކުން ދައްކަނީ އެއީ 12 އަހަރުގެ ކުއްޖެއް ކަމަށެވެ.

ސުލްތާނުގެ ނަން ޕާކިސްތާނުގައި މަޝްހޫރުވީ 1987 ވަނަ އަހަރު އޭނާ 22 ކާރެއްގެ މަތިން ފުންމާލައިގެން ހެދި ސްޓަންޓުން ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރީމަ އެވެ. ލޯކަލް މީޑީއާއިން ބުނެފައިވަނީ ކުއްޖާގެ ބައްޕަ އެ ކުއްޖާގެ ސްކޫލް ސެޓްފިކެޓްތަކާއި ވެކްސިން ކާޑު ގެއްލިފައިވާ ކަމަށް ބުނެ އުމުރު ބަދަލު ކޮށްގެން އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދީ ކަމަށެވެ.

މިހާރު ކަމާ ބެހޭ އޮތޯރިޓީތަކުން ވަނީ ކުއްޖާގެ ކައިވެނީގެ ސެޓްފިކެޓް ކެންސަލް ކޮށްފަ އެވެ. މިފަދަ ވަރަށް ގިނަ ކަންތައްތައް ހިނގާ ކަމަށާއި އުމުރުން ދުވަސްވީ މުއްސަނދިން ކުޑަކުޑަކުދިންނާ އުމުރު އޮޅުވާލައިގެން ކައިވެނި ކުރުމަކީ އެ ސަރަހައްދުގައި އާންމު ކަމެއް ކަމަށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އޮގަނައިޒޭޝަނަކުން ވަނީ ބުނެފަ އެވެ.

ސުލްތާން އާއި އަންހެންކުއްޖާގެ ކައިވެނި ކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. ފުރަތަމަ މިކަން ލޯކަލް ޑިސްޓްރިކްޓްގެ އޮފިޝަލުންނަށް އެނގިގެން ކަމާ ބެހޭ ފަރާތްތަކަށް އެންގީ އެވެ. ފަހުން މި ކުއްޖާގެ އުމުރު ކަށަވަރުކުރަން ހޮސްޕިޓަލަށް ގެންދަން ކޯޓުން ކުއްޖާގެ ބައްޕައަށް އަމުރުކުރި އެވެ. ނަމަވެސް ކުއްޖާ ހޮސްޕިޓަލަށް ގެންދަން އޮތް ދުވަހު އެ ތަނަށް ވެސް ގެންގޮސްފައެއް ނުވެ އެވެ.