ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކާފިއު ވަގުތު ރޭގަނޑު 11 އިން ފަތިހު ހަތަރަކަށް

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި ކާފިއު ހިންގާ ވަގުތަށް ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭއިން ބުނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު ވަކި ވަގުތަކުން ފެށިގެން ވެހިކަލް ދުއްވުން މަނާކުރިއެވެ. އަދި ރޭގަނޑު ބޭރުގައި އުޅުން މަނާ ވަގުތެއް ކަނޑައެޅިއެވެ.

ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރީ ޖުލައި މަހު ދިން ލުޔާއެކު އޮގަސްޓް މަހު އަނެއްކާވެސް ކޮވިޑް ވަރަށް ބޮޑަށް ފެތުރެން ފެށުމުންނެވެ. އެ މަހުގެ ކޮންމެ ދުވަހަކުވެސް 100 ވުރެ ގިނަ މީހުންނަށް ބަލި ޖެހެމުންދިޔައެވެ. އޮގަސްޓް މަހު އެކަނިވެސް 3،900 މީހުންނަށް ބަލި ޖެހުނެވެ. އަދި 12 މީހުން މަރުވިއެވެ.

ނަމަވެސް މިދިޔަ ސެޕްޓެންބަރު މަހު އެންމެ ދުވަހަކު ނޫނީ ކޮވިޑް ނަންބަރު 100 އިން މައްޗަށް ނުދެއެވެ. ގިނަ ދުވަސް ދުވަހު ނަންބަރު ހުރީ ފަންސާހުން ދަށުގައެވެ.

މި މަހުގެ މިހާތަނަށްވެސް ކޮވިޑް ނަންބަރުު 100 އިން މައްޗަށް ނުދެއެވެ.

ރާއްޖެއިން މިހާތަނަށް 11،154 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ. އެ ބަލީގައި 35 މީހަކު މަރުވެފައިވެއެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 49 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުން 20 ރަށެއްގައި 69 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 19 ރިސޯޓެއްގައި 15 ފަތުރުވެރިންނާއި 25 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.