ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަނގަޅުވީ މީހުންގެ އަދަދު ދިހަހާހާ ގާތަށް

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 9،995 މީހަކު ރަނގަޅު ވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 222 ދުވަސް ހޭދަކޮށްފައިވާއިރު މިހާތަނަށް 11,154 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 9،995 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 89 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅުނުވެ ތިބީ 1،117 މީހުންނެވެ. އޭގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ. ކޮވިޑްގައި ރާއްޖެއިން 35 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 41 މީހެކެވެ. އެއީ 34 ދިވެހިިންނާއި ހަތް ބިދޭސީންނެވެ. މި ދިޔަ ސާޅީސް ފަސް ދުވަހުގެ ތެރޭގައި 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ.