ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

222 ދުވަސް: 7100 ދިވެހިންނަށް ކޮވިޑްޖެހުނު

ރާއްޖެއިން ކޮވިޑްގެ ބަލީގެ މީހަކު ފެނުނުތާ މިއަދަށް 222 ދުވަސް ވީއެވެ. އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑްގެ ކޭހެއް ފެނިފައި ވަނީ މިދިއަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ފުރަތަމަ ކޭހެއްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ ތުރުކީގެ އުމުރުން 49 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުން މިދިޔަ 222 ދުވަހުގެ ތެރޭގައި 11،154 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް ޖެހުނު 11،000 ވުރެ ގިނަ މީހުންގެ ތެރެއިން 9،995 މީހުން މިހާރު ވަނީ ކޮވިޑް ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ ނިސްބަތުން ބަލާނަމަ 90 އިންސައްތަ މީހުންނެވެ. ކޮވިޑުން ރަނގަޅުނުވެ ތިބީ 1،117 މީހުންނެވެ. އޭގެ ތެރެއިން 49 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ތިން މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހެކެވެ. ކޮވިޑްގައި ރާއްޖެއިން 35 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 7،101 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ އެެހެން ގައުމުތަކަށް ނިސްބަތްވާ ބިދޭސީންނެވެ. ދިވެހިންގެ އިތުރުން ރާއްޖެއިން އެންމެ ގިނައިން ކޮވިޑް ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. އެ ގައުމުގެ 2,945 މީހަކަށް ކޮވިޑް ޖެހުނެވެ. އިންޑިއާގެ 672 މީހަކަށް ލަންކާގެ 137 މީހަކަށްވެސް ރާއްޖެއިން ކޮވިޑް ޖެހުނެވެ. އަދި ނޭޕަލްގެ 106 މީހަކާއި ފިލިޕީންސްގެ 17 މީހަކަށް އަދި އިޓަލީގެ 13 މީހަކަށްވެސް ކޮވިޑް ޖެހިފައިވެއެވެ.

ކޮވިޑާއެކު ހޭދަކުރި 222 ދުވަހުގެ ތެރެއިން ރާއްޖޭގެ ހާލަތު އެންމެ ގޯސްވީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ މަހު އެކަނިވެސް 3،900 މީހުން ބަލިވިއެވެ. 12 މީހަކު މަރުވިއެވެ. ކޮވިޑުން ރައްކާތެރިވުމަށް އެ ދުވަސްވަރެއްގެ ހާލަތާ ގުޅޭގޮތުން ހަރުކަށި ފިޔަވަޅުތައް އެޅިއެވެ. މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިއެވެ. އޭގެ ފަހުން މިސްކިތްތައް ބަންދުވެސް ކުރިއެވެ. އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން މުޅީން މަނާކުރިއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިގްތިސާދުގެ މައި އިންޖީނު ކަމަށްވާ ޓޫރިޒަމް ވަގުތީ ގޮތުން ހުއްޓާލިއެވެ.

މާލެ ސިޓީގައި ކާފިއު ހިންގާން ފެށިއެވެ. ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކާއި އާންމު ހިދުމަތްދޭ ތަންތަނުގެ ހިދުމަތް ހުއްޓުމަކަށް ގެނައެވެ. މިފަދަ އެތަށް ފިޔަވަޅުތަކެއް އެޅިއެވެ.

ނަމަވެސް ސެޕްޓެންބަރު މަސް ފެށުމާއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށިއެވެ.. ޕޮޒިޓިވް އަދަދު މިހާރު ވަނީ 100 އިން ދަށުގައި ހިފަހައްޓާ ލެވިފައެވެ. އަދަދު ބައެއް ދުވަސް ދުވަހު ފަންސާހުން ތިރިވެ އެވެ. މިހާރު 45 ދުވަސް ފާއިތުވީ އެވެ. އެހެން ކަމުން ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ގިނަ ބަޔަކަށް ހީވަން ފަށައިފި އެވެ. ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ބައެއް މީހުން ދޫކޮށްލަން ފަށައިފި އެވެ. ވިސްނާލުމެއް ނެތި އާންމު ދިރިއުޅުމަށް ބަދަލުވާން ފަށައިފި އެވެ.

ނަމަވެސް އަދި މިތިބީ ނުރައްކަލުން މުޅީން މިންޖުވެފައެއް ނޫނެވެ. ބަލީގެ ނުރައްކާ ކުޑަވަމުންދާ މިންވަރަށް އަޅާފައިވާ ފިޔަވަޅުތަކަށް ދަނީ ލުއި ދެމުންނެވެ. ރޭވެސް ވަނީ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން މާލެ ސިޓީގައި ކާފިއު ހިންގާ ވަގުތު ވަނީ މަދުކޮށްފައެވެ. މިހާރު ކާފިއު ގަޑިއަކީ ރޭގަނޑު 11 އިން ފަތިހު ހަތަރަކަށެވެ. އަދި ކެފޭ ހޮޓާ ރެސްޓޯރަންޓް ފިހާރަ ފަދަ ތަންތަނުން ހިދުމަތްދެވޭ ވަގުތު ވަނީ އިތުރުކޮށްފައެވެ. މަނާ ވަގުތަކީ ރޭގަނޑު 10:30 ފެށިގެން ފަތިހު ހަތަރަކަށެވެ.

ކޮވިޑްގެ ބަލި މަޑުކަމުގައި 222 ދުވަސް ހޭދަ ކުރުމަށްފަހު އެތައް ބައެއްގެ ބުރަ މަސައްކަތުން އަދި ރައްޔިތުންގެ އެތަށް ގުރުބާނީއެއްގެ ސަބަބުން ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު ވަނީ އާ ވެފަ އެވެ. މިދިޔަ ދުވަސްތަކުގައި ރައްޔިތުން ވަރަށް ބޮޑު ގުރުބާނީއެއް ވެއްޖެއެވެ. ސިއްހީ ހިދުމަތްތެރިން އިންތިހާ ބުރަ އުފުލައިފިއެވެ. ރައްޔިތުން ލައްކަ ދަތީގައި އުޅެފިއެވެ. އެހެންވީމަ މިއީ ބަލިމަޑުކަމުން ސަލާމަތްވާން އެޗްޕީއޭގެ އުސޫލުތަކަށް އެންމެން ތަބާވާންވީ ވަގުތަކީ މިއީ އެވެ. މި ބަލިމަޑުގައި އިތުރު 222 ދުވަސް ހޭދަ ނުކުރަން އަޒުމް ކަނޑައަޅަންވީ ވަގުތަކީ މިއީއެވެ.