ފިނިޕޭޖް

ވަރުން ދަވަން ވެސް ރާއްޖެއަށް

މޯނީ ރޯއީ އާއި ތާޕްސީ ޕަންނޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރައިގެން ދަމުން ދޫކުރި ރީތި ހިތްގައިމު ހަނދާންތަކުގެ ޖާދޫގައި ބޮލީވުޑް ތަރިން ވަނީ ރަނގަޅަށް ޖެހިފަ އެވެ. އެގޮތުން އެކްޓަރު ވަރުން ދަވަން މިހާރު ރާއްޖެ އައިސްފައިވާ ކަމަށް އިންޑިޔާގެ ނޫހެއް ކަމަށްވާ މުމްބައި މިރާ އިން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމުން އިރުގެ އަލީގެ ހިތްގައިމުކަމުގައި އުޅެލައި ރީތި ދޮންވެލިގަނޑުގައި ހިނގާލައި މޫދަށް އެރިލުމުގެ ހުވަފެން ވަރުން ދެކެމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. ލޮކްޑައުންގައި ވަރުން ވަނީ ގޭތެރޭގައި ހުރެގެން ކަސްރަތު ކުރަން ކުރެވޭނެ ހުރިހާ ކަމެއް ކޮށްފަ އެވެ. އަދި ލޮކްޑައުނަށް ލުއި ދިނުމުން ޖޫހޫ ބީޗަށް ގޮސް އުޅެމުން ވެސް ފޮޓޯތައް ޝެއާ ކޮށްފައި ވެއެވެ.

އިންޑިޔާ ތެރޭގައި ދަތުރު ކުރެވޭ ވަރު ވުމުން ވަރުން ވަނީ އާއިލާ އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް ގޮވައިގެން ގޯއާ އަށް ގޮސް އެ ތަނުގައި ވެސް ޗުއްޓީއެއް ހޭދަކޮށްފަ އެވެ. އަދި މިހާރު އޭނާ ރާއްޖެއަށް ޗުއްޓީގައި އައިސްފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. ނަމަވެސް އޭނާ ރާއްޖެ އައި ދުވަހެއް އަދި ހުންނަ ރިޒޯޓެއް ޚަބަރުގައެއް ނެތެވެ.

މީގެ ދެ އަހަރު ކުރިން އާ އަހަރު ފާހަގަ ކުރަން ވެސް ވަރުން ރާއްޖެ އައިސްފައި ވެއެވެ. އެ ފަހަރު އޭނާ އައީ ނަތާޝާ އާއެކުގަ އެވެ.
ވަރުންގެ ކުރިން ރާއްޖެ އައިސް ބަތަލާ މޯނީ ވަނީ އޭނާގެ 35 ވަނަ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކޮށްފަ އެވެ. މޯނީގެ އުފަން ދުވަހުގެ ކޭކު ފެޅުމުގައި ބައިވެރިވުމަށް އޭނާގެ ގާތް އެކުވެރިޔާ އަދި ބަތަލާ މަންދިރާ ބޭދީ ވެސް ރާއްޖެ އައިސްފައި ވެއެވެ. އަދި ފަހުން ތާޕްސީ އާއި އޭނާގެ ކޮއްކޮމެން އަދި ލޯބިވެރިޔާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

ތާޕްސީމެން ކުޅުނު "ބިގިނި ޝޫޓް" ކިޔާ މަޖާ ލަވައެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައި ވެއެވެ. އަދި މިއީ ނޭނގި ނަމަވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް ތާޕްސީ އަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ. ބޮލީވުޑް ތަރިން ރާއްޖޭގައި މަޖާ ނަގާ ވަރުން މިހާޜު ހިންދީ ފިލްމު އިންޑަސްޓްރީގެ ފަންނާނުންނަށް ރާއްޖެއަކީ ވަރަށް މަގްބޫލު މަންޒިލަކަށް ވެފައިވާކަން ޔަގީންކުރެވެ އެވެ.