ބޭރު ކުޅިވަރު

އަންޗެލޯޓީއަށް ތާރީހީ މޮޅެއް ހޯދި ދާނެ

ލިވަޕޫލްގެ ޗެއާމަން ކަމާ ހަވާލުވެ ވަޑައިގެން އެމެރިކާގެ ޖޯން ވިލިއަމް ހެންރީ ލިވަޕޫލްގެ މެޗަކަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވި ދުވަހެވެ. މީގެ 10 އަހަރު ކުރިން ހަމަ މި ތާރީހުގަ އެވެ. އޮކްޓޯބަރު 17 އިގަ އެވެ. ލިވަޕޫލާ އިދިކޮޅަށް ކުޅެމުން ދިޔައީ އަމިއްލަ ސިޓީގެ ވާދަވެރިޔާ އެވަޓަން އެވެ. ޓިމް ކޭހިލް އާއި އާސެނަލްގެ މިހާރުގެ ކޯޗް މިކަލް އާޓެޓާ ކާމިޔާބު ކުރި ލަނޑުތަކުން އެވަޓަންއިން ލިވަޕޫލް ބަލި ކުރި އެވެ.

މިއަދަކީ، ލިވަޕޫލްގެ މައްޗަށް އެވަޓަން ހޯދި އެ މޮޅަށް 10 އަހަރު ފުރޭ ދުވަހެވެ. އޭގެ ފަހުން މިހާތަނަށް އެވަޓަންއިން ލިވަޕޫލްގެ މައްޗަށް މޮޅު ވެވިފައެއް ނުވެ އެވެ. އަނެއްކާވެސް މިއަދު އެވަޓަންގެ ގުޑިސަން ޕާކްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ. ޖޯން ހެރީގެ ފެންވޭ ސްޕޯޓްސް ގުރޫޕުން ލިވަޕޫލްގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ. އެ ކުންފުނިން ކުރި އިންވެސްޓްމެންޓާއެކު ލިވަޕޫލްގެ އަގު އުޅޭނީ ދެ ބިލިއަން ޑޮލަރާ ކައިރީގަ އެވެ. އަދިވެސް ކުރިއަށް ހުރި ޕްރޮޖެޓްތައް އެބަހުއްޓެވެ.

އެވަޓަން ހިނގަމުން، ދުވަމުން އައިސް ވެއްޓެމުން ކާލޯ އަންޗެލޯޓީގެ އަތް މައްޗަށް ޓީމު ފުރޮޅާލައިފި އެވެ. އޭނާގެ މަސައްކަތާ މެދު ގޮތް ނިންމަން އަދި އަވެހެވެ. އެހެން ނަމަވެސް ސީޒަންގައި މިހާތަނަށް ޓީމުން ނެރޭ ނަތީޖާ ތަކުން މިއީ މިދިޔަ 30 އަހަކަށް އަހަރު ތެރޭ އެވަޓަންއިން އެންމެ ރަނގަޅަށް ފެށި އެއް ސީޒަނޭ ބުނެވިދާނެ އެވެ. އެންމެ އެކިއުރޭޓްކޮށް މަސައްކަތް ކުރާ އެޓޭކިން ލައިން މިވަގުތު އޮތީ އެވަޓަންގަ އެވެ. ޓީމާ މެދު އަންޗެލޯޓީއަށް ވެސް އިތުބާރު ބޮޑު ވެއްޖެ އެވެ.

"އަހަންނަށް ހީވަނީ މިރޭވެސް އަހަންނަށް އަރާމުކޮށް ނިދާލެވިދާނެހެން ސަބަބަކީ މެޗާ މެދު އަހަންނަށް ކުރެވެނީ ރަނގަޅު އިހްސާސްތަކެއް،" މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން އަންޗެލޯޓީ ބުންޏެވެ. "އަހަންނަށް އިތުބާރު އެބައޮތް، އަހަރެމެން މާ ގިނަ ޕްރެކްޓިސްތަކެއް ވެސް ނުކުރަން، ސަބަބަކީ އަހަރެމެންނަށް މާ ގިނަ ވަގުތެއްވެސް ނުލިބުނު، ނަމަވެސް އަހަންނަށް ފެންނަނީ ކުޅުންތެރިން ވަރަށް ބޮޑަށް ސާމަލުކަން ދީގެން ތިބިތަން، ހުރިހާ އެންމެން ތިބީ ފިޓްކޮށް އަދި ރަނގަޅު ރޫހެއްގައި ތިބީވެސް، މި ސަބަބަށްޓަކައި ވެސް އަހަރެން މިރޭ ވެސް ނިދާލާނަން."

މާސީ ސައިޑް ޑާބީގައި 10 އަހަރު ކުރީގެ ތާރިހީ މެޗުގެ ސަބަބުން، މިއަދު އެވަޓަން އަށް އޮތް ޕްރެޝަރު ވެސް އަންޗެލޯޓީއަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި ޑާބީ މެޗަކަށް ނުކުންނައިރު ތައްޔާރު ވާން ޖެހޭ ހުރިހާ ގޮތެއް އޭނާ އަށް އެނގެ އެވެ. އެއީ މިލާން އާއި މެޑްރިޑްގައި އޭނާ ތަޖުރިބާ ކޮށްފައިވާ ކަންކަމެވެ.

"އަހަންނަށް ޙިވަނީ މި މެޗާ ގުޅިގެން އަހަރެމެންނަށް އޮތް ޕްރެޝަރަކީ ޑާބީ މެޗަކާ ގުޅިގެން އޮންނަން ޖެހޭނެ ޕްރެޝަރެއް ހެން،" އަންޗެލޯޓީ ބުންޏެވެ. "ކުރިން މެޗުތަކުގައި ވީ ކަމެއް އެއީ މާޒީ، އަހަރެމެން މި ދިރިއުޅެނީ މި ވަގުތުގައި އެއީ މިއަދުގެ މެޗު، އަހަރެން ނުހޯދަން ހުރިހާ މެޗުތަކެއްގެ ހިސާބު ކިތާބެއް، އެއީ ކޮންމެ ގޭމަކީ ވަކި ތާރީހެއް އުފައްދާ މެޗެއް، މި ހާއްސަ މެޗަށް އަހަރެމެން މިތީބީ ތައްޔާރަށް."

އަންޗެލޯޓީ ބުނީ، އޭނާގެ ޓީމު އޮތް ފޯމާއި ހާލަތު ރަނގަޅަށް ދެނެގަތުމަށް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ނުކުތުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހު އެވަޓަންގެ ކޯޗް ކަމާ އަންޗެލޯޓީ ހަވާލުވީ އެ ޓީމު ބިނާ ކުރުމުގެ މަސައްކަތަށެވެ. އެ މަސައްކަތުގައި އޭނާ ވަނީ އެކަށީގެންވާ ވަރުގެ އަގުތަކުގައި ރަނގަޅު ޓްރާންސްފާތަކެއް ހަދާފަ އެވެ. މިއަދުގެ މެޗުން މޮޅު ވެއްޖެނަމަ އަންޗެލޯޓީއަށް ތާރީހީ މޮޅެއް ހޯދުނީ އެވެ. ބަލި ވެއްޖެނަމަވެސް އޭނާގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކުލަބު ޑައިރެކްޓަރުން އިތުބާރު އޮންނާނެ ކަން އޭނާ އެނގެ އެވެ. ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް އާއެކު އެ ޓީމު ޖެހިޖެހިގެން މެޗަކުން ބައްޔެއް ނުވެ އެވެ. އެސްޓަން ވިލާ އާ ދެކޮޅަށް ވީ ބޮޑު ބައްޔާއެކު ކުރިމަތިވި ހިތްދަތި ކަމުން އަރައި ގަތުމަށް އެކަށީގެންވާވަރު ދުވަސްތަކެއްވެސް ކްލޮޕް އަށް ލިބިއްޖެ އެވެ.