ހަބަރު

ރަޝިއާއިން އިތުރު ޑައިރެކްޓް ފްލައިޓެއް ރާއްޖެއަށް

ރަޝިއާގެ ލެޝާ ފްލައިޓު، ނޯދްވިންދުގެ ޑައިރެކްޓު ފްލައިޓު ރާއްޖެ އަށް ބާއްވަން ނިންމައިފި އެވެ.

މި ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފަށާނީ މި މަހު 28 ވަނަ ދުވަހުން ފެށިގެންނެވެ.

އިނަމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މި މަހު 28 އިން ފެށިގެން ކޮންމެ ހަފުތާއަކު ދެ ދުވަހު ދަތުރު ކުރާނެ ކަމަށެވެ. ފްލައިޓުތައް ބާއްވަނީ އަންގާރަ އާއި ހުކުރުގަ އެވެ. ނޯދްވިންދުގެ ފްލައިޓުތަކަކީ ރަޝިއާގެ ލެޝާ ދަތުރުތައް އޮޕަރޭޓު ކުރާ ބައެކެވެ.

މިއީ ބޯޑަރު ހުޅުވި ފަހުން ރަޝިއާއިން ރާއްޖެއަށް ފަށާ ދެވަނަ ފްލައިޓެވެ. ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އެ ގައުމުގެ އެއިރޯފްލޮޓްގެ ދަތުރުތައް ވެސް ދަނީ ކުރަމުންނެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރަޝިއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 74,000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޖުލައި މަހު ބޯޑަރު އަލުން ހުޅުވާފައިވާއިރު ރާއްޖެ އަންނަ ޓޫރިސްޓުންނަށް 96 ގަޑިއިރު ޕީސީއާރު ނެގެޓިވް ރިޒަލްޓެއް އޮންނަން ޖެހެ އެވެ. މި ބަދަލާއެކު ފްލައިޓުތަކުގެ ފްރިކްއެންސީ ދަނީ އިތުރު ވަމުންނެވެ. މިހާތަނަށް އެމިރޭޓްސް އިން ރާއްޖެ އަށް ބާއްވާ ފްލައިޓުގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އައިސްފައިވަނީ 22،000 އެއްހާ ޓޫރިސްޓުންނެވެ. ކުރިން ސަރުކާރުން ބުނެފައިވަނީ މި އަހަރު 800،000 ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް މިހާރު ބުނަނީ އަންނާނެ ކަމަށް ބެލެވެނީ 100،000 އެއްހާ ޓޫރިސްޓުންނެވެ.