ކުޅިވަރު

އޮފްސައިޑް މަޅީގައި ޖެހި ލިވަޕޫލަށް މޮޅު ނުވެވުނު

މާސީ ސައިޑް ޑާބީގެ ކުރިމަތިލުމުގައި، މެޗުގެ އެންމެ ފަހު ވަގުތުގައި ލިވަޕޫލުގެ ޖޯޑަން ހެންޑަސަން ޖެހި ލަނޑު ވީއާރުން ގަބޫލު ނުކުރުމުން އެވަޓަން އާއި ލިވަޕޫލް ކުޅުނު މެޗު 2-2 ން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗު ފަހު ވަގުތު އެވަޓަން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ރިޗާލްސަން ޑި އެންޑްރޭއަށް މެޗުގެ 90 ވަނަ މިނެޓްގައި ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. ރިޗާލްސަންއަށް ރަތް ކާޑު ދެއްކީ ލިވަޕޫލްގެ ތިއާގޯ އަލްކަންޓަރާއަށް ކުރި ޗެލެންޖާ ގުޅިގެންނެވެ. އޭގެ ދެ މިނެޓް ފަހުން ލިވަޕޫލްގެ ތިން ވަނަ ލަނޑު ސެޑިއޯ މާނޭ ހުރަސް ކޮށްދިން ބޯޅައިން ހެންޑަސަން ކާމިޔާބު ކުރި އެވެ. ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅު ކުރި ނަމަވެސް އެ ލަނޑު ވީއޭއާރް ޓީމުގެ ސަމާލު ކަމަށް އައެވެ. އެވަޓަންގެ ހާފުގެ މެދެއްހާ ހިސާބުން ތިއާގޯ، މާނޭއަށް ބޯޅަ ދިން އިރު، އޭނާ ހުރީ އެވަޓަންގެ އޭރިއާ ތެރޭގަ އެވެ. މާނޭއަށް ބޯޅަ ލިބުނު އިރުވެސް އޭނާ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގަ އެވެ.

ލިވަޕޫލްގެ އަތުން މޮޅު ނުވެވޭތާ 10 އަހަރު ވީރު މިއަދު އެ ތާރީހް ބަދަލު ކުރަން ނުކުތް އެވަޓަން މި ފަހަރު ވެސް އެކަން ކާމިޔާބު ނުވި އެވެ. ލިވަޕޫލް ސިޓީއަށް ނިސްބަތްވާ ދެ ކުލަބުގެ ކުރިމަތިލުމުގައި އެވަޓަންގެ ހޯމް ދަނޑު ގޫޑިސަން ޕާކްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ލިވަޕޫލުންނެވެ. އެ ޓީމުގެ ލަނޑު މެޗު ފެށިގެން ތިން ވަނަ މިނެޓްގައި މާނޭ ކާމިޔާބު ކުރީ އެންޑްރޭ ރޮބަޓްސަން ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

އޭރިއާ ތެރެއަށް ވަދެ، ރޮބަޓްސަން ބޯޅަ ހުރަކޮށް ދިނީ ގޯލް ކުރިމަތީގައި މާނޭ ހުރުމުންނެވެ. ބޫޓުގެ ކުރިން ބޯޅައިގައި ޖަހައި މާނޭ ވަނީ ގޯލްގެ އެތެރޭގެ މަތީ ދާގަނޑަށް އަމާޒުކޮށް ބޯޅަ ފޮނުވާލާފަ އެވެ. އޭގެ ފަހުން ލިވަޕޫލުން ނެގި ކޯނަރުގައި އެ ޓީމުގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ބޯޅައަށް އެރުމުން އެ ބޯޅަ ދިފާއު ކުރަން ނުކުތް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޗެލެންޖުގައި ވެންޑައިކްއަށް އަނިޔާވި އެވެ. ކުޅުން ކުރިއަށް ގެންދެވޭ ނުގެންދެވޭނެތީ އޭނާ ބަދަލު ކުރި އެވެ. ބަދަލުގައި ކުޅެން ނުކުތީ ޖޯއާ ގޯމޭޒް އެވެ. ލިވަޕޫލުން ޕެނަލްޓީ އަށް އެޕީލް ކުރުމުން ވީއޭއާރް މެދުވެރިކޮށް މައްސަލަ ރިވިއު ކުރި އެވެ. އެހެން ނަނަވެސް ރެފްރީ ނިންމީ ޕެނަލްޓީ ދޭން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 19 ވަނަ މިނެޓްގަ އެވެ. ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރު މޮއިސް ކީން ބޮލުން ފޮނުވާލީ ލިވަޕޫލްގެ ކީޕަރު އެޑްރިއަން ހުރި ދިމާލަށެވެ. އެޑްރިއަށް ބޮޅައިގައި އަތް ނުލެވި ބޯޅަ ގޯލަށް ވަނީ އޭނާަގެ ދެއަތް ދޭތެރެއިންނެވެ.

ދެ ވަނަ ހާފުގައި މުހައްމަދު ސަލާހް ލިވަޕޫލަށް ލީޑް ނަގައިދިނެވެ. މެޗުގެ 72 ވަނަ މިނެޓްގައި ސަލާހް ލަނޑު ކާމިޔާބު ކުރީ އެވަޓަންގެ ޑިފެންޑަރު ޔެރީ މިނާ ދިފާއު ކުރުމުން ރީބައުންސަށް ނުކުތް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލިވަޕޫލްގެ ފަބީނިއޯ ފޮނުވާލި ބޯޅަ މިނާ ދިފާއު ކުރި އެވެ. އެ ބޯޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި ސަލާހަށެވެ. އޭނާ ވަނީ ގޯލްގެ ކަނަށް އެ ބޯޅަ ވައްދާލާފަ އެވެ. އެވަޓަން އަށް އަލުން ނަތީޖާ ހަމަހަމަކޮށް ދިނީ ޑޮމިނިކް ކަލްވާޓް ލެވިން އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ.