ހަންސަލް މެހެތާ ޑައިރެކްޓް ކޮށްފައިވާ "ޗަލާންގް" ގެ ފުރަތަމަ ޓްރެއިލާ ހޮނިހިރު ދުވަހު ރިލީޒްކޮށްފަ އެވެ. ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލު ކުޅެފައިވާ މި ފިލްމު ޕްރެމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު 13 ވަނަ ދުވަހު އެމެޒޯން ޕްރައިމް އިންނެވެ. މިއީ ސްޕޯޓްސް ކޮމެޑީ ފިލްމެކެވެ.
މި ފިލްމު ޕްރެޒެންޓް ކުރަނީ ބޫޝަން ކުމާރެވެ. ޕްރޮޑިއުސަރުންނަކީ އަޖޭ ދޭވްގަން އާއި ލަވް ރަންޖަން އަދި އަންކޫރް ގަރްގް އެވެ.
"ޗަލާންގް" އަކީ އިންޑިޔާގެ ހަރްޔާނާ ޓައުނުގައި ހުންނަ ސަރުކާރު ސްކޫލެއްގައި މަސައްކަތްކުރާ ފިޒިކަލް އެޑިޔުކޭޝަން ޓީޗަރެއްގެ ވާހަކަ އެވެ. މޮންޓޫ ކިޔާ މި ޕީއީ ޓީޗަރުގެ ރޯލު ކުޅެފައިވަނީ ރާޖްކުމާރެވެ. މޮންޓޫ އަކީ ވަރަށް ކަންނެތް ޓީޗަރެކެވެ. އެއްގޮތަކަށް ވެސް ކުދިންނަށް އެއްޗެއް އުނގަންނައި ދިނުމުގެ ވިސްނުމެއް އޭނާގެ ނޯވެ އެވެ.
އޭނާގެ މަންމަ ކޮންމެ ދުވަހަކު ހެނދުނު އޭނާއަށް ގޮވައި ނަގައިގެން ސްކޫލަށް ކިޔަވައިދޭން ފޮނުވަން ޖެހެނީ ގަދަކަމުންނެވެ. މަންމަ ގޮވާލާއިރަށް އޭނާ ކޮންމެ ދުވަހަކުވެސް ބުނަނީ އެއް ވާހަކަ އެކެވެ. "ކުދިންގެ މުސްތަގްބަލާމެދު އޭނާ ވަރަށް ފިކުރުބޮޑުވާ ކަމަށާއި އެ ކުދިން ކުޅިވަރު ކުޅުމުގައި ވަގުތު ހޭދަ ކުރުވަން އޭނާ ބޭނުން ނުވަނީކަމަށެވެ".
ޕީއީ ޓީޗަރެއްގެ ގޮތުގައި މޮންޓޫ ވަރަށް އޮމާން ދިރިއުޅުމެއް އުޅެމުން ދަނިކޮށް ސަންޖޫ ސާ ކިޔާ ޓީޗަރެއް އޭނާގެ މަގާމަށް ވާދަކުރަން ފަށަ އެވެ. މި ރޯލު ކުޅެނީ މުހައްމަދު ޒީޝާން އައްޔޫބެވެ. މޮންޓޫ އަށް ކަންނެތްކަން ދޫކޮށްލާ އޭނާގެ ވަޒީފާ ސަލާމަތްކުރަން މަސައްކަތް ފަށަން މަޖްބޫރުވަނީ އެހިސާބުންނެވެ.
މޮންޓޫގެ ވަޒީފާ ސަލާމަތްކުރުމަށް އޭނާ ކުރާ މަސައްކަތުގައި ނީލިމާ މެޑަމް (ނުޝްރަތު ބަރޫޗާ)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެ އެވެ. ނުޝްރަތު މި ފިލްމުގައި ކުޅެނީ ކޮމްޕިއުޓަރު މާއްދާ ކިޔަވައިދޭ ޓީޗަރެއްގެ ރޯލެވެ. ޓްރެއިލާގައި ފެންނަނީ ކުދިންނަށް ކިޔަވައިދިނުމުގެ ޝައުގުވެރިކަން މޮންޓޫގެ އުފެދިގެން އުޅޭ ތަނެވެ. ތަފާތު ކުޅިވަރުތަކުގައި ސަންޖޫ ސާ އަށް ގޮންޖަހައި މުބާރާތްތައް ކާމިޔާބުކުރުމަށް މޮންޓޫ ކުރާ ބުރަ މަސައްކަތެވެ.
"ޗަލާންގް"އަކީ ހީނލާ މަޖާކޮށްލަން ބޭނުންވާ މީހުން ބަލާލަން ރަނގަޅު ފިލްމެކެވެ. ސަބަބަކީ ބޮލީވުޑްގައި ސްޕޯޓްސް ތީމަށް އުފައްދާ ގިނަ ޑްރާމާތައް ކަހަލަ ސީރިއަސް ފިލްމަކަށް މި ފިލްމު ނުވާތީ އެވެ.