"ރޯޖާ" އަކީ މީގެ 28 އަހަރު ކުރިން ރިލީޒްކުރި ވަރަށް ރީތި ފިލްމެކެވެ. ފިލްމެކޭ އެއްގޮތަށް ފިލްމުގެ ލަވަތައް ވެސް އެދުވަސްވަރު ހަމަ އެހާ މަޝްހޫރުވި އެވެ. މި ފިލްމުގެ ތަރިންނަކީ އަރްވިންދް ސުވާމީ އާއި މަދޫ ޝާހް އެވެ.
އަށާވީސް އަހަރަށް ފަހު އަރްވިންދް އާއި މަދޫ އަނެއްކާވެސް އެއް ފިލްމެއްގައި މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އިންޑިޔާގެ މަޝްހޫރު ޕޮލިޓީޝަން އަދި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ޖަޔަލަލީތާގެ ހަޔާތުގެ މައްޗަށް ކުޅޭ "ތަލައިވީ" ގައެވެ.
"ތަލައިވީ" ގައި އަރްވިންދް ކުޅެނީ އެމްޖީ ރާމަޗަންދުރަން (އެމްޖީއާރް) ގެ ރޯލެވެ. މަދޫ ކުޅެނީ އެމްޖީއާރްގެ އަންހެނުން ޖާންކީ ދޭވީގެ ރޯލެވެ. މި ފިލްމުގެ ޖަޔަލަލީތާގެ ރޯލު ކުޅެނީ ކަންގަނާ ރަނާވަތެވެ.
ތަމަޅަ ޑައިރެކްޓަރު އޭއެލް ވިޖޭ އުފައްދާ "ތަލައިވީ"ގައި މަދޫ ކުޅޭ ރޯލު މިހާޜު ވަނީ ފުރިހަމަ ކޮށްފަ އެވެ. މި ބައި ފުރިހަމަ ކުރުމަށްޓަކައި ޖާންކީ ދޭވީގެ ވަރަށް ގިނަ ވީޑިއޯތައް ޑައިރެކްޓަރު ވަނީ މަދޫ އަށް ދައްކާފަ އެވެ. އަދި ޖާންކީގެ ހަރަކާތްތައް ވީހާވެސް ފުރިހަމައަކަށް ކޮޕީކުރަން އޭނާ މަދޫއަށް އިރުޝާދު ދީފައި ވެއެވެ.
ޖާންކީ އަކީ އެމްޖީއާރްގެ ތިން ވަނަ އަނބިމީހާ އެވެ. ޖާންކީ އާއި އެމްޖީއާރް ކައިވެނިކުރީ 1963 ގައެވެ. އަދި ކައިވެންޏަށް 20 އަހަރު ފަހުން 1996 ގައި ޖާންކީ ވަނީ މަރުވެފަ އެވެ.
ޖަޔަަލަލީތާ އާއި އެމްޖީއާރް އަކީ ތަމަޅަ ފިލްމުތަކުން ވަރަށް މަޝްހޫރުވި ދެ އެކްޓަރުންނެވެ. މި ޖޯޑުގެ މަޝްހޫރުކަން ބޮޑުވި ވަރުން އެކުގައި 28 ވަރަކަށް ފިލްމުކުޅެފައި ވެއެވެ. އަދި މި ހުރިހާ ފިލްމުތަކަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ހޯދި ފިލްމުތަކެވެ. ފިލްމު ކުޅުމުގައި ހޭދަކުރި ދުވަސްތަކުގައި ޕްރޮފެޝަނަލް ގުޅުމަށް ވުރެ ގާތް ލޯބީގެ ގުޅުމެއް ދެ މީހުންގެ މެދުގައި އުފެދުނެވެ. ނަމަވެސް މި ލޯތްބަށް ދިމާވި މައްސަލައަކީ އެމްޖީއާރް އަކީ ކައިވެނި ކޮށްގެން އުޅޭ މީހަކަށް ވުމެވެ. އަދި ޖަޔަލަލީތާ އަށް ވުރެ އުމުރުގެ ގޮތުން ވަރަށް ދޮށީ މީހަކަށް ވުމެވެ.
ކޮންމެ ގޮތަކުން ވެސް އެމްޖީއާރް އާއި އޭނާގެ ގުޅުން ރަސްމީކުރަން ޖަޔަލަލީތާ ބޭނުންވި އެވެ. ނަމަވެސް ޖާންކީ ދޫކޮށް ޖަޔަލަލީތާ އާ ކުޅެން އެމްޖީއާރް ބޭނުމެއް ނުވި އެވެ. ފަހުން އެހެން ޕލިޓީޝަނެއް ކަމަށްވާ ޝޯބަން ބާބޫ އާއި ޖަޔަލަލީތާ ކައިވެނިކުރިކަމުގެ ވާހަކަތަކެއް ވެސް ފެތުރުނެވެ.
ކައިވެނި ނުކުރިޔަސް ޖަޔަލަލީތާ އާއި އެމްޖީއާރްގެ ލޯތްބަށް ނިމުމެއް ނައިސް ކުރިޔަށް ދިޔަ އެވެ. ދެ މީހުންގެ މެދުގައި ރުޅި އާއި ދެކޮޅުވެރިކަމާއި އަރާރުން ބޮޑުވި ނަމަވެސް އެކަކު އަނެކަކާ ވަތްކެއް ނުވެވުނެވެ. ފިލްމީ މަސައްކަތް ދޫކޮށް އެމްޖީއާރް ފަހުން ސިޔާސީ މައިދާނަށް ވަނެވެ. އަދި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަން ހޯދައި ޖަޔަލަލީތާ ވެސް ސިޔާސީ މައިދާނަށް ނެރުނެވެ.
ދެން ޖެހެން ފެށީ އެހެން މައްސަލައެކެވެ. އެމްޖީއާރަށް ވުރެ ސިޔާސީ ގޮތުން ބާރުގަދަ މީހަކަށް ވުމަށް ޖަޔަލަލީތާ މަސައްކަތް ފެށީ އެވެ. އެހިސާބުން ދެ ލޯބިވެރިންގެ ލޯތްބަށް ނިމުން އައިސް ވަރުގަދަ ދެ ހަތުރުންނަށް ވެނިމުނީ އެވެ.
ފަހުން އެމްޖީއާރް ވަރަށް ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔައިރުވެސް ޖަޔަލަލީތާ އަށް އޭނާއާ ބައްދަލުވުމުގެ ފުރުސަތު ނުލިބުނެވެ. ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅު ވެސް ޖަޔަލަލީތާ އާ ބައްދަލުކުރަން އެމްޖީއާރް ބޭނުން ނުވީ އެވެ. "ތަލައިވީ" ގައި ފެންނާނީ މި ދެ މީހުންގެ ލޯބީގެ ވާހަކަ އާއި ސިޔާސީ ގޮތުން އެމީހުންގެ ވާދަވެރިކަން ހުރި މިންވަރެވެ.