އެވަޓަން އާ ދެކޮޅަށް ލިވަޕޫލް އިއްޔެ ކުޅުނު މެޗުގައި ވީއޭއާރުން ނިންމި ނިންމުންތައް އަލުން ބަލައިދޭން ލިވަޕޫލުން އެދިއްޖެ އެވެ.
ވީއޭއާރްގެ ނިންމުންތަކުން ލިވަޕޫލުން ބަލައިދޭން އެދުނީ މައިގަނޑު ދެ މައްސަލައެކެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް މެޗުގެ 92 ވަނަ މިނެޓްގައި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކާމިޔާބު ކުރި ލަނޑު ބަލައި ނުގަތް މައްސަލަ ހިމެނެ އެވެ.
އަނެއް މައްސަލައަކީ، ފުރަތަމަ ހާފުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް އަށް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޗެލެންޖުގައި ޕިކްފޯޑްގެ ގޯހެއް ނެތް ކަމަށް ނިންމި މައްސަލަ އެވެ. ޕިކްފޯޑްގެ ޗެލެންޖާ ގުޅިގެން ވެންޑައިކްގެ ކަކުލަށް އަނިޔާވެ އޭނާ އަށް ކުޅުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. ބެލެވޭ ގޮތުގައި ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާ ދުރައް ދާން ޖެހޭނެ އެވެ.
ހެންޑަސަން ލަނޑު ކާމިޔާބު ކުރީ ސެޑިއޯ މާނޭ ހުރަސް ކޮށްދިން ބޯޅައިންނެވެ. ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅު ކުރި ނަމަވެސް އެ ލަނޑު ވީއޭއާރް ޓީމުގެ ސަމާލު ކަމަށް އައެވެ. އެވަޓަންގެ ހާފުގެ މެދެއްހާ ހިސާބުން ތިއާގޯ، މާނޭއަށް ބޯޅަ ދިން އިރު، އޭނާ ހުރީ އެވަޓަންގެ އޭރިއާ ތެރޭގަ އެވެ. މާނޭއަށް ބޯޅަ ލިބުނު އިރުވެސް އޭނާ އޮފްސައިޑްވެފައިވާ ކަމަށް ވީއޭއާރް މެދުވެރިކޮށް ރެފްރީ ނިންމި އެވެ. އެ ލަނޑު ގަބޫލު ނުކުރުމުން މެޗުގެ ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.
ލިވަޕޫލުން، ޕްރިމިއާ ލީގަށް ހުށަހަޅާފައި ވަނީ، ވެންޑައިކަށް ޕިކްފޯޑް ކުރި ޗެލެންޖް އެކަށީގެންވާ ވަރަށް ބަލާފައި ނުވާ މައްސަލަ އެވެ. އަދި މާނޭ އޮފްސައިޑް ވެފައިވާ ކަމަށް ވީއޭއާރު މެދުވެރިކޮށް ނިންމިއިރު އޮފްސައިޑް ވެފައި ވަނީ މާނޭގެ ހަށިގަނޑުގެ ކޮން ހިސާބެއް ކަން ސާފު ކޮށްދިނުމަށްވެސް ލިވަޕޫލުން ވަނީ ހުށަހަޅާފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ، މެޗު ނިންމާފައި އޭނާ ޗޭންޖިން ރޫމަށް ދިޔައިރު ޓީމުގެ އޮފިޝަލުންނާ ކުޅުންތެރިން ތިބީ ވީޑިއޯއިން ހެންޑަސަންގެ ގޯލް ރިޕްލައިން ބަލަން ކަމަށެވެ. އަދި އޭނާވެސް އެ ވީޑިއޯތަށް ބެލުމުން އޮފްސައިޑް ވެފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.
"އަހަންނަކީ ވީއޭއާރްގެ ހަގިގީ ސަޕޯޓަރެއް އެކަމަކު އެއް މަންޒަރުން އަހަންނަށް ފެންނަނީ (މާނޭ) އޮފްސައިޑް ނުވާކަން. އޭގެ ފަހުން އަހަންނާ ދިހަ މީހުން ބައްދަލު ވެއްޖެ ކޮންމެ މީހަކުވެސް ބުނަނީ އެއީ އޮފްސައިޑެއް ނޫނޭ. އޭގެ ސަބަބުން އަހަރެންގެ މޫޑް އިތުރަށް ރަނގަޅުވީކީ ނޫން،" ކްލޮޕް ވާހަކަ ދެއްކި އެވެ. "އަހަރެމެންނަށް އެއް ކުޅުންތެރިޔަކު ގެއްލުނީ ވީއޭއާރުން ބަލައިފައި ނުވުމުން. ހީވަނީ ވާޖިލްއަށް ކުރި ޗެލެންޖަކީ ރަތް ކާޑު ދައްކަން ޖެހޭ ހާލަތެއް ހެން. އަދި އަހަރެމެން ޖެހީ ސައްހަ ގޯލެއް. އެކަމަކު ބަލައި ނުގަތް. އެއީ އަހަރެމެންގެ ދުވަހެއް ނޫން ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމަކީ އަހަރެން ދެކެން ބޭނުންވި ކުޅުން."