ރިޕޯޓް

ގައުމިއްޔަތުގެ މިސްރާބު ހުރީ ސީދަލަށްތަ؟

ދިވެހިރާއްޖެއަކީ އެއްސަރަހެއްދެއް ކަނޑައަޅައިގެން އިސްލާމްދީން މަތީގައި އެއްބަހަކުން ވާހަކަ ދައްކަމުން އަންނަ، އެއް ތާރީހެއް އޮތް އަދި އެއްހަމަތަކެއް ގަބޫލުކުރާ، އެއް އާދަތަކެއް ގެންގުޅެމުން މިއަދާ ހަމައަށް އައިސްފައިވާ ގައުމެކެވެ. ދުނިޔޭގައި ހިނގަމުންދާ ބާރުގަދަ އޮއިވަރުތަކުގެތެރޭގައި ކުޑަކުޑަ ހިތްގައިމު ރިވެތި ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ މިސްރާބު ނުވަތަ ހުންގާނު މިވަގުތު ހުރީ ސީދަލަށްތޯ ދިވެހިރައްޔިތުން ބަލާލުމަކީ މުހިންމު ކަމެކެވެ.

ދިވެހިގައުމިއްޔަތުން ދިވެހިންނަށް މިއަދާހަމައަށް ވެސް މިވަނީ މިނިވަންކަމާއި އަމިއްލަވަންތަ ބައެއް ކަމުގެ ނަސްލާއި ދިވެހި ކަރާމަތާއި ދިވެހި ބުއްދީގެ ފިކުރު ހިފަހައްޓައި ދީފަ އެވެ. އެހެންކަމުން ދިވެހިން ބޭނުންވާ ގޮތަކަށް ކުރިއެރުމަށް މަސައްކަތްކޮށް އިގްތިސޯދީ ހަރަކާތް އެއިރަކަށް ހިންގެން އޮތް އެންމެ ފުޅާކޮށް ހިންގައި ދިވެހިންނަށް އުފާވެރިކަމާއި ހަމަޖެހުން ގެނެސްދިނުމަށް މަސައްކަތްކޮށް ދިވެހިންގެ އެއްބައިވަންތަކަން ދަމަހައްޓައި ދިވެހިންގެތެރޭ އޮތް އަމަންއަމާންކަމާއި ހަމަޖެހުން މިއަންނަނީ ދަމަހައްޓަމުންނެވެ. މިހުރިހާ ކަމެއް ހާސިލްވަމުން މި އަންނަނީ ދިވެހި ގައުމިއްޔަތުގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ދިވެހި ދަރީންގެ މިންނެތް މަސައްކަތުންނެވެ. އާދެ ދިވެހި" ގައުމިއްޔަތުގެ ގޭގެ" ތެރެއިންނެވެ. ދިވެހިގައުމިއްޔަތުގެ ގެއަކީ މި ނަލަނަލަ ސުވަރުގެއެއްފަދަ މި ދިވެހި ރާއްޖެއެވެ.

ގައުމިއްޔަތަކީ އެންމެ އިހުޒަމާނުއްސުރެ އިންސާނީ ނަސްލެއް ނުވަތަ ބަޔަކު އެބަޔަކަށް މިނިވަންކަމާއި ހަމަޖެހުމާއި ރައްކާތެރިކަމާއި ކުރިއެރުން ގެނެސްދީފައިވާ އެއްބައެއްވަންތަކަމުގެ އެންމެ ވަރުގަދަ އެއްފިކުރެވެ. މިއަދުވެސް އެކަން އޮތީ އެގޮތަށެވެ. މި ރާއްޖޭގައިވެސް މިހާތަނަށް ގައުމިއްޔަތުން މިވަނީ މިދިވެހި ރައްޔިތުންނަށް މިނިވަންކަމާއި ހަމަޖެހުން ގެނެސްދީފަ އެވެ.

ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ އެތައް ގައުމަކަށް ނުވަތަ އެތައް ނަސްލަކަށް ނުވަތަ ބަޔަކަށް އަނިޔާވެރިކަމާއި ހުދުމުހުތާރުކަމުން ސަލާމަތް ކޮށްދިން މިވަރުގަދަ ގައުމިއްޔަތުގެ ފިކުރަށް މިއަދު މިވަނީ ގޮންޖެހުންތަކެއް ކުރިމަތިކޮށްފައި ކަމެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ދަތުރުފަތުރު ކުރުން އިތުރުވެ، މައުލޫމާތު ބަދަލު ކުރެވޭލެއް އިންތިހާއަށް އަވަސްވެ، ޓެކްނޮލޮޖީއާއި ވިޔަފާރި އިންތިހާއަށް އަވަސްމިނުގައި ކުރިއަރައި ހިނގަން ފެށުމުގެ ނަތީޖާއަކީ ގައުމިއްޔަތުގެ އިންތައް ހިފެހެއްޓުމެއްނެތި ފަހަނަޅައިގޮސް އިގްތިސޯދީ މިނިވަންކަން ދަމަހައްޓަމުން އައި އައުމަށް މަޑުޖެހި އަދި ސަގާފީ ގޮތުން އަމިއްލަވަންތަ ގައުމިއްޔަތުގެ ސަގާފަތް ބަލިކަށިވެގެން ދާން ފެށުމެވެ. އަމިއްލަވަންތަ ސަގާފަތް ބަލިކަށިވާން ފެއްޓުނީ ހަމައެހެންމެ މައުލޫމާތު ބަދަލު ކުރުމުގެ އިންގިލާބީ ބަދަލުތަކާއި ޓީވީ އިންޓަނެޓްފަދަ ވަސީލަތްތަކުގެ ބާރު އިންތިހާއަށް ފުޅާވެގެން ދިއުމުގެ ނަތީޖާ އެވެ.

މިދެންނެވިހެން، ދުނިޔެ ބަވަނަވުމުގެ ސަބަބުން ސިޔާސީ ގޮތުން ގައުމިއްޔަތުގައި އޮތް އެއްބައެއްވަންތަކަމުގެ ގައުމިއްޔަތުގެ ގުޅުން ހީނަރުވެ ފުޅާދާއިރާއެއްގައި އެއްމެނަށް ޒިންމާވާން ޖެހޭ ކަމަށް ދެކެން ފެށި، އެކި ސަގާފަތްތައް ބަލައިގަނެ، ސިޔާސީގޮތުން ދެމިއޮތް ގައުމިއްޔަތު އެހެން ގޮތަކަށް ނުވަތަ އަހުލާގަކަށް ބަދަލުވާން ފެށުމެވެ. އެގޮތުން މިވަނީ ދުނިޔެ ކުކުޅި ބިހެއްވަރަށް ކުޑަވާނެ ކަމަށް ކުރީޒަމާންތަކުއްސުރެ ޚާއްސަކޮށް މުސްލިމުންގެ މެދުގައި ދެކެވެމުން އަންނަ "ޔޯލަ ވާހަކަ" ހަގީގަތަކަށް ބަދަލުވެފަ އެވެ. ގައުމިއްޔަތަށް އަންނަން ފެށި މި ބަދަލުން ފެންނަނީ ދުނިޔެ މިއަދު ކުކުޅު ބިހަކަށްވުރެ ކުޑަވެފައި ވާތަނެވެ.

މިއާއެކު މިވަނީ އެއްބަޔަކު އަނެއް ބަޔަކަށް ވިޔަފާރީގެ ގުޅުންތަކުގައާއި އިގްތިސޯދީ ތަފާތު އެތަކެއް ހަރަކާތްތަކުގައާއި އިޖްތިމާއީ ގުޅުންތަކުގެ މެދުގައި އެއްބާރުލުން ދޭން ޖެހޭކަމަށް ދެކެވެން ފެށި ގައުމިއްޔަތު ދޫކޮށްލުމަށްފަހު ދުނިޔޭގެ ރައްޔިތެއްގެ ގޮތުގައި ނުވަތަ ދުނިޔޭގެ އެއްރައްޔިތެއްގެ ގޮތުގައި ބަޔަކު މީހުން ބަލައިގަންނަން ފަށާފަ އެވެ. އެއީ އެއްބަޔަކު ހިންގާ އިގްތިސޯދީ ހަރާކްތަތަކުން އަނެއް ބަޔަކަށް ވަޒީފާގެ ފުރުސަތާއި ފަގީރުކަން ފަދަ ކަންކަމަށް އަސަރުކުރަން ފަށައިފި ކަމަށް ދެކެވެން ފެށުމުންނެވެ. އެގޮތުން އިންސާނުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ގައުމިއްޔަތު މިއީ މިހާތަނަށް މިކަމަށް އެޅިފައި ހުރި ހުރަހެއްކަމަށް ދެކެންފެށި ގައުމިއްޔަތު މިއީ ކަމުދާ އެއްޗަކަށްނުވެ މިކަމުން އަރައިގަންނަން މިއަދު ބަޔަކު މިދަނީ ވަރަށް ހަނި ވިސްނުމެއްގައި ވިސްނަމުންނެވެ. މިއީ މިއަދު ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ބައެއްގެ ވިސްނުން މިހުރީ އަމިއްލަ ގޭގެ ތެރެއަށް ވީހާވެސް ގިނަބަޔަކު ލައި ހަމަޖެހުން ހޯދުމަށެވެ. ނުވަތަ ބައިނަލްއަގުވާމީ ސަރުކާރެއްގެ ދަށަށް އެއްމެން ދިއުމުގެ ވިސްނުމުނުގެ އޮއިވަރެއްގައި ޖެހިފައެވެ. އަމިއްލަ ގެ ދޫކޮށްލުމަށް ފަހު އެއްމެން އެއް ގެ އެއްގައި އުޅުމުގެ ވިސްނުމުގެ އޮއިވަރުގައި ޖެހިފަ އެވެ.

މިރާއްޖޭގައި މިދިޔަ ތިރީހަކަށް އަހަރުގެ ދިގުވެރިކަމުގައި ގައުމިއްޔަތު ދަމަހައްޓަމުން އައި އައުމަށް ދިވެހިންގެތެރޭން ބަޔަކު ވަރަށް ކޮށި ވިސްނުމެއްގައި މިއަދު ފާޑު ކިޔައި ރައިސް މައުމޫން ގައުމީވަންތަކަން ދިރުވައި އާލަކުރުން އެއީ އެމަނިކުފާނު ކުރި ވަރަށް ނުބައި ކަމެއްގެ ގޮތުގައި ދައްކައި، މިއަދު ގައުމިއްޔަތު ހިމާޔަތްކުރުމުގެ ވަރުގަދަ ރޫހު އަނެއްކާ ވެސް ދިވެހިންތެރޭ އުފެދެމުން މިއައީ އެއީ ރައިސް މައުމޫނާހެދި އުފެދިފައި އޮތް ވަރުގަދަ ގައުމިއްޔަތެއްކަމަށް ބުނެ އެއީ މައްސަލައަކަށް ދައްކަން މިކޮށި ވިސްނުމުގެ ފަރާތްތަކުން ފައްޓައި އެމަނިކުފާނު މިފަދަ ވަރުގަދަ ގައުމިއްޔަތެއް އުފެއްދިކަމަށްޓަކައި ޒިންމާ ވާން ޖެހޭނެ ކަމަށް ފާޅުގައި މިއަދު ދިވެހިންތެރޭ ތިބި މިކޮށި ވިސްނުމެއްގެ ބަޔަކު މިދަނީ ދައްކަމުންނެވެ. އިހު ދިވެހިންނަށް ލިބިފައި އޮތް މިނިވަންކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުމާއި ހަމަޖެހުމާއި އުފާވެރިކަން ލިބެމުން އައީ ދިވެހި ގައުމިއްޔަތުގެ ސަބަބުން ކަން މިއަދު އެފަރާތްތަކަށް ނޭނގި އޮޅުންބޮޅުން އަރައި މިދަނީ ދިވެހިންގެ ގައުމިއްޔަތުގެ މިނިވަންކަން ނުރައްކަލާ ދިމާލަށެވެ.

މީގެ އިތުރުން ވެސް ވަޒީފާގެ ފުރުސަތުތަކާހެދި އާއި ފަގީރުކަމާއި ހަނގުރާމަތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް އެއްގައުމުން އަނެއްގައުމަށް މީހުން ހިޖުރަ ކުރަމުން ދާން ފެށުމުން ސިޔާސީ ގޮތުން އޮތް މުހިންމު ގައުމިއްޔަތުގެ ވިސްނުން ބަދަލުވާންފަށައި އެއްބައިވަންތަކަމާއި، ނަސްލާއި ސަގާފަތް މިއަދު މިވަނީ ބަދަލުވާންފަށައި ގައުމިއްޔަތު އެއީ މާޒީގެ އެއްޗަކަށްވެސް ބަޔަކު ދެކެން ފަށާފަ އެވެ. މިހެންވުމުން ގައުމިއްޔަތުގައި އޮތް ސިޔާސީ ހަމަޖެހުމާއި އެއްބައިވަންތަކަން ބަލިކަށިވެ އަލަށް މިބަލައިގަންނަމުން އަންނަ ސަގާފަތްކަމުގައިވާ އެއްބައެއް ކަމުގައި ދެކޭ ދެކުމުގެ ސަގާފަތެއް އުފެދި ކުރީގެ އޮތް އަގުބޮޑު ގައުމިއްޔަތަށް މިއަދު މިދަނީ ދީނީ ގޮތުން، ސަގާފީގޮތުން އަދި އާދަކާދައިގެ ގޮތުން ބަލައިގަންނަން ދަތި އުނދަގޫ އެތައްކަމެއް މެދުވެރިވަމުންނެވެ. އެކަމުގެ ސަބަބުން ސިޔާސީގޮތުން އެއްބައެއްވަންތަކަން މިއަދު މިދަނީ ބަދަލުވަމުން ބަލިކަށިވަމުން ދިވެހިންގެ ގައުމިއްޔަތަށް، "ހޯމްލޭންޑަށް" ދިވެހިރާއްޖެ އަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރަމުންނެވެ. ދުނިޔޭގެ ހިޖުރަވެރިން ނުވަތަ ތަފާތު އައު ގައުމިއްޔަތެއްގެ ރައްޔިތެއް މިދަނީ މިރާއްޖޭގައި ވެސް ހަރުލަމުންނެވެ.

އެހެންނަމަވެސް ގައުމިއްޔަތުގެ ދިރުން ގާތަކަށްވެސް މަރާ ނުލެވޭނެކަން ސާބިތުވާ މާވަރުގަދަ ހެކިތަކެއް ހުރިއިރު އަދި ފެންނަމުން ދާއިރު ގައުމިއްޔަތު މަރާލެވިދާނެކަމުގެ ބަލިކަށި ހެކިތަކުން އެކަންކުރެވިދާނެ ކަމަށް ގާތަކަށް ވެސް ނުފެނެ އެވެ. މިއީ ގައުމިއްޔަތަށް އޮތް ވަރުގަދަ އުއްމީދެކެވެ. އަދި ހަގީގަތެކެވެ. އދ އާއި ބައިނަލްއަގުވާމީ އެތަކެއް ޖަމާއަތްތަކުން އަދި ސަރަހައްދީ އީޔޫފަދަ ޖަމާއަތްތަކުން މުހިންމު ސިޔާސަތުތަކެއް އެކަށައެޅިކަމުގައިވީ ނަމަވެސް، ގައުމިއްޔަތުގެ ލޯތްބާއި ގުޅުން ފުނޑާލެވޭނެ ވަރުގެ ގާތަކަށްވެސް އެފަދަ ސިޔާސަތުތަކެއް ކައިރި ނުކުރެއެވެ.

ދުނިޔޭގެ ފިނި ހަނގުރާމައަށް ފަހު ބާރުގަދަ ގައުމުތަކުން، ބައިނަލްއަގުވާމީ ބަލިކަށި އުސޫލުތަކުގެ ކުރިމަތީގައިވަނީ، އެގައުމުތަކުގެ ބާރުވެރިކަން ފަތުރައި އަދި އަންނަނީ ގައުމިއްޔަތު ވަރުގަދަ ކުރަމުންނެވެ. ބާރުގަދަ ގައުމުތަކުން އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން މިއަންނަނީ އެގައުމުތަކުގެ އެއްބައިވަންތަކަން ބާރުގަދަކޮށް އެގައުމުތަކުގެ ގައުމިއްޔަތުގެ ފަހުރު ދަމަހައްޓަން ވަރުގަދަ މަސައްކަތްތައް ކުރަމުންނެވެ. މިކަން މިއަދު ޗައިނާގެ އިގްތިސޯދީ ކުރިއެރުމާއި ސިޔާސީ ވަރުގަދަވާކަން ބަލާލުމުން އެކަނި ވެސް ފުދެ އެވެ. ހަމައެހެންމެ އިންޑިއާގެ ހިންދޫ ގައުމިއްޔަތު މިވަގުތު ވަރުގަދަވާން ކުރާ މަސައްކަތާއި އަދި ރަޝިއާއަށް ބަލާލުމުންވެސް މިކަން އޮތީ މިހެނެވެ. ޚުދު އެމެރިކާގައިވެސް ގައުމިއްޔަތުގެ މުހިންމުކަން އެދަނީ ވަކީންބޮޑަށް އެގައުމުގެ މިހާރުގެ ސަރުކާރުގައި ފެންނަމުންނެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ ފަހުން ސަގާފީ އަދި ނަސްލީ ގައުމިއްޔަތު ވަނީ ބޮޑުތަނުން ކާމިޔާބު ހޯދައި ކުރިއަރާފައެވެ. ކުރީގެ ޔޫގޮސްލާވިއާއަށް ބަލާލުމުން އެކަން އެއޮތީ ދިމާލަށް ފެންނާށެވެ. ޔޫގޮސްލާވިއާގައި ހިމެނުނު ގައުމިއްޔަތުތަކަށް އެއްބައެއް އަނެއްބައެއްގެ އަނިޔާވެރިކަމުން ސަލާމަތްވެ މިނިވަންކަން ލިބުނީ ގައުމިއްޔަތުގެ ވަރުގަދަ ފިކުރުތެރެއިންނެވެ. ގައުމިއްޔަތެއްގެ ހައްގުގައި އަނެއް ގައުމިއްޔަތެއް ނައްތާލަން އުޅުމުގެ ނުރައްކާތެރިކަން ޔޫގޮސްލާވިއާގައި ހިނގި މަންޒަރުތަކުގެ ޕްރޮގްރާމްތަކުގެތެރެއިން ނަސްލެއް ނައްތާލުމުގެ ހަނގުރާމަތައް ދެވެނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގައި އެވަނީ ފެނިގެންގޮސްފައެވެ. ކޯކަސަސްގެ ޗެޗްނިޔާއަށް ބެލިޔަސް 1994 ގައި ރުވާންޑާގައި ހިންގި ގަތުލުއާއްމަށް ބަލާލިޔަސް އެކަން އެއޮތީ އެހެނެވެ. އެއީ ގައުމިއްޔަތު ދެމެހެއްޓުމަށް މިނިވަނުންގެ ގޮތުގައި ތިބުމަށް ކުރެވުނު ވަރުގަދަ މަސައްކަތްތަކެވެ. އެބައެއްގެ ގައުމިއްޔަތު ދެމެހެއްޓުމުގެ ސީރިއަސް މިންވަރު އެހާދިސާތަކުން ފެނިގެންދެއެވެ.

މިއަދުގެ ބަވަނަވެފައިވާ ދުނިޔޭގެ ހަގީގަތަކީވެސް ގައުމިއްޔަތު ދިރިގެން އައުމަށް އަނެއްކާވެސް ހަމަ ބައިނަލްއަގުވާމީ ގޮތްނޭނގޭ ގުޅުންތަކުން ގައުމިއްޔަތަށް ކުރިމަތި ކުރުވާ ބިރުވެރިކަމާއި ބައިބައިވުމާއި ބަލިކަށިވުމާއި ނުތަނަވަސްކަން ކުރިމަތިވަމުން ދިއުމެވެ. ގައުމިއްޔަތަކީ ގައުމިއްޔަތުގެ އެއްބައިވަންތަކަމާއި ކުރިއެރުމާއި ހަމަޖެހުމުގެ ޔަގީންކަމަށް އޮތް ވަރުގަދަ ހަތިޔާރެވެ. ގައުމިއްޔަތުގެ ކުރިއެރުން މިއަންނަނީ 1970 ގެ ފަހުން ވަރަށް ވަރުގަދަޔަށް ކުރިއަރަމުންނެވެ. އެކަން ފްރާންސް، އޮސްޓްރިއާ، ބްރިޓަން ގެ ނެޝަނަލް ޕާޓީ ތަކަށް ބެލިޔަސް އަދި ޔޫރަޕުގެ އެހެން ގައުމުތައްކަމަށްވާ އިޓަލީގެ ނޯދަން ލީގް އާއި އަދި ޑެންމާރކްގެ ޑެނިޝް ޕީޕަލްސް ޕާޓީއަށް ބެލިޔަސް ހުރީ އެހެނެވެ. މިއަދު ޕޮލެންޑާއި ހަންގޭރީގެ ކަނާތުފިޔައިގެ ސިޔާސީ ހަރަކާތްތަކުންވެސް އެހެރީ އެކަން ފެންނާށެވެ. ހިޖުރަކުރާ މީހުންނާ ދެކޮޅު ހަދާ މިންވަރު އިތުރުވާ ވަރާއި އެމީހުންގެ ފަރާތުން ކުރިމަތިވާ ނުތަނަވަސްކަން ވެފައިވަނީ ނަސްލީގޮތުން ސާފު ގައުމިއްޔަތެއް ދެމެހެއްޓުމުގެ ބާރަކަށްވާތަން އެއީ ގައުމިއްޔަތުގެ ދިރުމުގެ މިއަދުގެ ހަގީގަތެވެ.

ގައުމީދުވަސް ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާއިރު ވިސްނަންޖެހޭ އެންމެ މުހިންމުކަމަކީ ބައިނަލްއަގުވާމީ ގޮތްނޭނގޭ ގުޅުންތަކުގެ ތެރެއަށް ދިވެހި ގައުމިއްޔަތު ވެއްޓިގެންދާކަމެވެ. އެއީ މިއަދު ދިވެހި ގައުމިއްޔަތަށް އޮތް ނުރައްކަލެވެ. އެއިގެ ނަތީޖާއަކަށްވާނީ ދިވެހި ގައުމިއްޔަތު ނެތިގެން ދިއުމެވެ. ދިވެހިންގެ މިނިވަންކަމާއި އެއްބައެއްވަންތަކަމާއި ދީނާއި ސަގާފަތް ސުންނާފަތިވެ ނެތިގެން ދިއުމެވެ. ގައުމިއްޔަތެއް ނެތް ބަޔަކީ އެއީ މަގުމަތިވެފައިވާ ބައެކެވެ. އެބަޔަކީ ނިކަމެތި އާރެއް ބާރެއްނެތް އިންސާނީ ކަރާމަތް ގެއްލި އަނިޔާވެރިކަމަށް ހުށަހެޅިފައިވާނެ ބައެކެވެ. ގައުމިއްޔަތެއް ނެތްނަމަ ގައުމެއްގެ ބޭނުމެއް ރައްޔިތަކަށް ނެތެވެ. ގައުމިއްޔަތަކީ ހުރިހާ ތަނެއްގައިވެސް އެބައެއްގެ ރައްކަލެވެ. އެކަން ކަށަވަރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހެއެވެ. ވަކި ސަރަހައްދެއް ކަނޑައަޅައި ވަކި ހަމަތަކަކަށް ބަޔަކު އުޅެނީ ގައުމިއްޔަތަށްޓަކައެވެ.

ދިވެހިންގެ ގައުމިއްޔަތަކީ މި ނަލަނަލަ ދިވެހި ރާއްޖެއެވެ. މިއަދު ދިވެހި ކޮންމެ ދަރިއަކު ސީރިއަސްކަމާއެކު ވިސްނާލަންޖެހޭ ކަމަކީ ތިމާގެ އަމިއްލަ ގެ އިން ތިމާ ނެރެލައި ނުވަތަ ހިލޭ މީހަކު އައިސް ތިމާގެ މައްޗަށް ނުފޫޒު ފޯރުވައި ތިމާގެ ގޭގެ މިނިވަންކަން ގެއްލުވާލައި ނުވަތަ ނަގާލައި ގެ އިން ނެރެލުމުން ތިމާ ވެއްޓިގެން ދާނެ ހާލަތު އިހުސާސްކޮށް، ތިމާ ބަލިކަށިވެ ތިމާގެ ބާރެއްނެތި ހައްގެއް ހޯދާނެ ގޮތެއް ނެތި މަގުމަތިވެ ނިކަމެތިވާނެ މިންވަރު ހިތައް ގެނައުމެވެ. ނުވަތަ ތިމާގެ އަމިއްލަ ގެ އެހެން މީހަކު އައިސް ޖަހައިގަނެ ނުވަތަ އެހެން ބައެއް ކުރާ ކަމަކާހެދި ގެއްލިދިއުމުން ތިމާ ވެއްޓިގެންދާނެ ނިކަމެތި ހާލަތާމެދު ވިސްނުމެވެ. ތިމާގެ އަމިއްލަ ގެ އިން ނެރެލުމުން ނުވަތަ ފައްސާލުމުން ތިމާގެ އާއިލާއާއި އަނބި ދަރިން ނިކަމެތިވެ ބިކަވެ މަގުމަތިވެ ތިމާގެ މިނިވަންކަން ގެއްލި އަނިޔާވެރިންގެ އަތްދަށުވެ ތިމާއާއި ތިމާގެ އާއިލާއާއި ދަރިންގެ އިންސާނީ ފަޚުރާއި ކަރާމަތް ގެއްލި ލާހޫރޭ މީހަކަށް ބަދަލުވެގެންދާނެ ދިއުމާމެދު ވިސްނުމެވެ. މިއަދު އެފަދަ ހާލަތަކަށް ތިމާ ވެއްޓުމުން ނިކަމެތިވާނެ މިންވަރު އިހުސާސް ކޮށްލަން ހަމަ ކޮންމެ ދިވެހި ރައްޔިތަކު އެބެޖެހެއެވެ. ގައުމިއްޔަތަކީ ތިމާގެ ގެ ފަދަ އެއްޗެކެވެ. ގައުމިއްޔަތެއް ނެތިދިއުމުންވެސް ކުރިމަތިވާނީ ހަމަ އެނިކަމެތިކަމާއި ބިރުވެރިކަމާއި އަނިޔާވެރިންގެ އަތްދަށުވުމާއި ހައްގު ހޯދާނެ ގޮތެއްނެތި އިންތިހާއަށް ނިކަމެތިވެ ބާރުވެރިކަން ނެތުމެވެ. އެހެންކަމުން ގައުމިއްޔަތުގެ ކަސިޔާރުވެފައިވާ ހުންގާނު މިއަދު ސީދާ ކުރަން ދިވެހިން އެބަޖެހެއެވެ. ދުނިޔޭގައި އަޅުވެތިކުރުމުގެ ނުވަތަ އަޅުވެތިވުމުގެ ގަދަ އޮއިވަރުން ސަލާމަތްވުމަށް ގައުމިއްޔަތު ދިފާއުކޮށް އެއްބައެއްވަންތަކަން ދަމަހައްޓައި ދިވެހިންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ މަސައްކަތް އަބަދުމެ މި ދިވެހިފަސްގަނޑު ދެމިއޮތްހާ ދުވަހަކު ކުރަން މިއަދު ދިވެހިންގެ އަޒުމް އަނެއްކާވެސް ވަރުގަދަ ކުރަންޖެހޭކަމީ މިއަދުގެ ހަގީގަތެވެ.