ދިރިއުޅުން

ހިދުމަތުގައި ދެގޮތެއް ނުވެ 15 އަހަރު!

Oct 20, 2020
4

އެންމެ ވަގުތަކު ވެސް މަޑުން ނުހުރެ އެވެ. ކެނޑިނޭޅި މަސައްކަތް ކުރުމަކީ ހޮބީ އެވެ. ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި އަދާކުރީ އުމުރުން އެންމެ ވިއްސަކަށް އަހަރުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބަޖެޓު ކާތިބެއްގެ ވަޒީފާ އެވެ. އޭގެ ފަހުން އެރީ ކަނޑު މައްޗަށެވެ. ނަވާރަސަތޭކަ އަށްޑިހައިގެ ފަހުކޮޅު ދިވެހި ސީމަނުންނަށް ރަނގަޅު އާމްދީއެއް ލިބެމުން ދިޔަ ދުވަސްވަރު ދިޔައީ ބޯޑު ދަތުރު ކުރާށެވެ. ސީމަނެއްގެ ވަޒީފާއަށެވެ. އެކަމަކު ކަނޑު މައްޗަކީ އޭނާއާ ނުގުޅޭ ތަނެއްކަން އެނގުނީ ދިޔަ ފަހުންނެވެ. އެހެންވެ، އަނބުރާ ރާއްޖެ އައިސް ދެން މަސައްކަތް ކުރީ ރިސޯޓުގަ އެވެ. އަދި އެއަށްފަހު މާލެ އައިސް ބުކްޝޮޕެއްގެ ސޭލްސްމަނެއްގެ މަގާމުގެ އިތުރުން އެހެނިހެން ގިނަ ވަޒީފާތައް އަދާ ކުރި އެވެ. އޭގެ ފަހުން މިހާރު ރާއްޖޭގައި ހުރި އެންމެ ފުރިހަމަ އެއް ބޭކަރީ ކަމަށްވާ ސިޓީ ބޭކަރީގައި މަސައްކަތް ކުރަން ފެށި އެވެ. އެ ދުވަހުން ފެށިގެން، ހއ. ހޯރަފުއްޓަށް އުފަން އިބްރާހިމް މޫސާ މިއަދާ ހަމައަށް ވެސް އުޅެނީ އެ ސިޓީ ބޭކަރީގަ އެވެ. އިބްރާހިމް ސިޓީ ބޭކަރީގައި އުޅޭތާ 15 އަހަރު ވެފައިވާއިރު، މިހާރު އޭނާއަކީ އެ ވިޔަފާރީގައި ހުރި އެންމެ ދުވަސްވީ މުވައްޒަފެވެ. މި ވިޔަފާރީގައި ހުރި އެންމެ ޒިންމާދާރު އެއް ވެރިޔާ އެވެ. ސިޓީގެ ޕާޗެސިން މެނޭޖަރެވެ.

"ބޯޓު ދަތުރު ކުރަން ތިން އަހަރު އުޅުނިން. އަހަރެންނަކާ ނުގުޅޭ ކަނޑެއް. އެއްގޮތަކަށް ވެސް ނުނިދޭ. ހޭލާ އުޅެން ޖެހެނީ. ބޯ އަނބުރަނީ. ދިޔައީ އޮއިލަރެއްގެ ޖޮބެއް ދުވަހަކު ވެސް އުޅުނު ޖޮބެއް ނޫން އެއީ،" ސިޓީ ބޭކަރީގެ ޕާޗެސިން މެނޭޖަރުގެ މަގާމުގައި ހުރި، އިބްރާހިމް ކިޔައި ދިނެވެ.

ބޯޓު ދަތުރު ކުރަން ހޭދަކުރި ތިން އަހަރު ދުވަހަކީ އޭނާއަށް ތަފާތު ތަޖުރިބާއެއް ލިބުނު ތިން އަހަރެވެ. ދުނިޔެއަށް ލޯހުޅުވައި ދިނީ އެ ތިން އަހަރުގެ ދަތުރެވެ. ހަޔާތުގެ އެ ތިން އަހަރުތެރޭގައި ލިބުނު ތަޖުރިބާވީ މަސައްކަތުގައި ދެމިހުރުމުގައި ލިބުނު ބާރަކަށެވެ. ދުނިޔޭގެ މީހުން އުޅޭ ގޮތާއި މީހުނާއެކު އުޅެން އިބްރާހިމަށް ލޯހުޅުވައި ދިނީ އެ ދަތުރެވެ.

"ގިނަ ކުދިން އިރުއޮއްސުނީމަ ދަނީ ރަށު ތެރެއަށް ލާރިކޮޅު ހިފައިގެން. އެކަމަކު އަހަރެން ނުދަން. ހަމަ ބެލީ ލާރިކޮޅު ފޮރުވައިގެން ރާއްޖެ އާދެވޭތޯ. އެހެންވެ ދަތުރު ނިންމާފަ އައިސް ރަށުގައި ކުޑަ ފިހާރައެއް ހުޅުވުނީ،" އިބްރާހިމް ބުންޏެވެ.

ސިޓީ ބޭކަރީގައި އިބްރާހިމް އުޅޭތާ 15 އަހަރުވީއިރު، އޭނާއަކީ މަސައްކަތުގައި ތަފާތު ހަމަ ތަކެއް ގެންގުޅޭ މީހެކެވެ. ޒުވާނުންނަށް މިސާލެއްގެ ގޮތުގައި ބަލާނެ މަސައްކަތުގެ އަހުލާގެއް ގެންގުޅޭ ހިދުމަތްތެރިއެކެވެ. އޭނާގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ފެށޭނީ ފަތިސް ނަމާދުންނެވެ. ހެނދުނު އެންމެ އަވަހަށް އޮފީހަށް ވަންނަ މީހަކީ އޭނާ އެވެ. މިގޮތަށް ތަކުރާރުވާތާ މި އަދަދަށް 15 އަހަރު ވެއްޖެ އެވެ. އެކަމަށް ބަދަލެއް ނާދެ އެވެ. މި ހުރިހާ ކަމެއްގައި އޭނާއަށް އެންމެ އެހީތެރި ވަނީ އަންހެނުންނާއި ދެ ކޮއްކޮ އަލީ މޫސާ އާއި އަހުމަދު މޫސާ އާއި މެނޭޖުމަންޓެވެ. މި މަސައްކަތުގައި ދެމިހުރުމުގެ ބާރަކަށްވަނީ މި ފަރާތަކެވެ.

ސިޓީ ބޭކަރީގެ މި ވިޔަފާރި އަށް 15 ފަހަރު އަހަރުވެފައިވާއިރު، އެންމެ ފުރަތަމަ ބޭކަރީގެ ދޮރު ހުޅުވާއިރު އޭނާ ދޮރުމަތީގައި ހުންނާނެ އެވެ. މިހާރު އޮފީސް ހުޅު ވާނީ އިބްރާހިމެވެ. އިބްރާހިމަށް ވުރެ ކުރިން އޮފީހަށް ވަދެވޭނެ މީހަކު ނުހުންނާނެ އެވެ.

"ކުރިން ހެނދުނު [ބޭކަރީ] އަންނަ ގޮތަށް ހަވީރު ތަން ބަންދުކޮށްފަ ދާނީ. ވަރަށް ތަފާތު ދުވަސްތައް އެއީ." އިބްރާހިމް ބުންޏެވެ.

ބިޒީ ޝެޑިއުލްގައި އުޅެމުން ވެސް އިބްރާހިމް އާއިލާ އަށް ވަގުތު ދޭން އިސްކަންދެ އެވެ. އާއިލާއަކީ މަސައްކަތުގެ ބައެއްގެ ގޮތުގައި ދެކެ އެވެ. މިހާރު އުމުރުން 52 އަހަރުގެ އިބްރާހިމް ދެން އެންމެ އިސްކަންދޭ ކަމަކީ ކަސްރަތު ކުރުމެވެ. ދުޅެހެޔޮކޮށް ހުންނަން އަބަދު ވެސް ބާރު އަޅަ އެވެ. މަސައްކަތާ އެއްވަރަށް ކަސްރަތު ކުރުމަކީ އިބްރާހިމް އެންމެ ގަވައިދުން ކުރާ އެއް ކަމެވެ.

"ކުރިން ޑޮކްޓަރަށް ދެއްކީމަ ބުނީ އެބަހުއްޓޭ ކޮލަސްޓްރޯލް. އެހެންވެ ކަސްރަތު ކުރަން ފެށީ. ކޮންމެ ދުވަހަކު ވެސް ކަސްރަތު ކުރަން. އެކަމަކު މިހާރު އެކަމެއް ނެތް. މީގައި މަސައްކަތާ އެއްވަރަށް ގަވައިދުން ކަސްރަތު ކުރަން ޖެހޭ. ތެޔޮ އެއްޗިހި ކައި، ހަވާދު ކައެއް ނޫޅެން." އިބްރާހިމް ކިޔައި ދިނެވެ.

މަސައްކަތުގެ އަހުލާގާއި ފަހަށް ރައްކާ ކުރުމުގެ ރީތި އާދައިގެ ސަބަބުން އިބްރާހިމް މިހާރު ވަނީ އަމިއްލަ ބައެއް މަސައްކަތް ފަށާފަ އެވެ. އަމިއްލައަށް ފްލެޓެއް ގަނެ، ކެފޭއެއް ހުޅުވަން ދަނީ ތައްޔާރު ވަނުންނެވެ. އެކަން އޭނާ ކުރަނީ އާއިލާއާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށްޓަކަ އެވެ. ލޯބިވާ އަންހެނުންނަށްޓަކަ އެވެ.

މަަސައްކަތުގައި ރީތި މިސާލުތަކެއް ދައްކާ، އިބްރާހިމް ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ ވަގުތު ބޭކާރު ނުކުރުމެވެ. ވަގުތަށް ސަމާލުކަން ދިނުމެވެ. މަސައްކަތަށް ކަމޭ ހިތުމާއި ދީނީ ކަންތައްތަކަށް ފަރުވާތެރިވުމެވެ.

"ކޮފީ އަށް ވެސް ދަން. ކޮފީ އަށް ދާން ވެސް ވާނެ. އެކަމަކު ގަޑިއެއް ދެ ގަޑިއިރު ކޮށްލާފަ ގެއަށް ދަނީ. ވަގުތު ހެޔޮ ގޮތުގައި ހިފުން ވަަރަށް މުހިންމު. ރޭގަނޑު ހަތަރުދަމު ހޭލާ އުޅުން މިއީ އެއްގޮ ތަކަށް ވެސް ފައިދާ ހުރިކަމެއް ނޫން."