ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަޔަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިއަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މަސްތުވާތަކެއްޗާއެކު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.
ފުލުހުން އިތުރަށް ބުނީ ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއްވެސް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ. އަހުމަދު މޫސާގެ ބަންދަށް ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން މިއަދު ވަނީ އިތުރު 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މަސްތަކުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިދިއަ ހަފްތާގައި އައްޑޫގައިި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިވެސް 100 ކިލޯ އެއްހާ ޑްރަގް ފުލުހުން ވަނީ ހޯދާފަ އެވެ.