ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

"ބޭރުގެ ނުފޫޒު ހުއްޓުވީ ރައީސް ޔާމީން"

ރާއްޖެ އަންނަމުންދިޔަ ބޭރުގެ ނުފޫޒުތައް ހުއްޓުވާލެއްވި ލީޑަރަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ހަތްދިހަ ހަތްވަނަ ގައުމީ ދުވަސް ފާހަގަ ކުރުމަށް އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހޭދަކުރެއްވި ދޮޅު އަހަރެއްހާ ދުވަހަކީ ބޭރުގެ ވަރަށް ގިނަ ނުފޫޒު ރާއްޖެއަށް އަންނަމުންދިޔަ ކަމަށެވެ. ރާއްޖެއަށް އޭރު ނުފޫޒު އަންނަމުންދިޔައީ ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ތަޖުރިބާ ކުރަން ނުޖެހޭ މިންވަރަށް ކަމަށްވެސް ވިދާޅުވިއެވެ.

ނުފޫޒުތައް އަންނަމުންދިޔައީ މިނިވަން ކަމަށް ބުރޫއަރާނެ މިންވަރަށް ކަމަށްވެސް ވިދާޅުވިއެވެ.

"ބޭރު ގައުމެއްގެ ވަޒީރުން ފެންވަރުގެ ބޭފުޅަކު ވަޑައިގެން އަޅުގަނޑު ކައިރީގައި ދަންނަވަނީ އެއް ދުވަހު، މިއަދު އެކެއް ޖަހާއިރު ހިނގާށޭ ޓީވީއަށް އަަރަން ރައީސް އިސްތިއުފާ އިއުލާނު ކުރަން. ތިމަންނަ އާއެކީއޭ އަރާނީ. މިއީ ދުވަހަކުވެސް އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން. މިވަރުގެ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އެހެން ގައުމާމެދު ނުކުރޭ. އެ ވަގުތު އޭނާއެކީ އެ ދުވަހު އަޅުގަނޑު ޓީވީއަށް އެރިނަމަ ރާއްޖޭގެ މިނިވަންކަން ގެއްލުނީސް،" ވެރިކަމުގަައި ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާން އައު ކުރައްވާ ރައީސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށްފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުންވެސް އެ ނުފޫޒުތައް ތަފާތު ގޮތްގޮތަށް އަންނަމުންދިޔަ ކަމަށެވެ. ރައީސް ޔާމީނަށް ތައުރީފު ކުރައްވަމުން ވަހީދު ވިދާޅުވީ ބޭރުގެ އެ ނުފޫޒުތައް ހުއްޓުވާލެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

"އެ ނުފޫޒުތައް އެ ނުރައްކާތެރި ހަރަކާތްތައް ހުއްޓުވާލެއްވި ބޭފުޅަކީ ރައީސް ޔާމީން. ބޭރުގެ ބައެއް ގައުމުތަކުން ރައީސް ޔާމީނަށް ވަރަށް ނަފްރަތުކުރި. އެކަން އެހެންވާން ޖެހެނީ އެމީހުންގެ ބާރު އެމީހުން ބޭނުންވާ ގޮތަށް ރާއްޖޭގައި ނުހިންގުނީމަ. އެއީ ހަގީގަތަކީ،"

ކޮވިޑްގެ ބަލާއާފާތުގައި ރާއްޖެ މިހާރު އޮތީ ވަރަށް އުދަނގޫ ހާލަތެއްގައި ކަމަށާ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތިބީ ވަަރަށް ދަތި ހާލަތެއްގައި ކަމަށްވެސް ވަހީދު ވިދާޅުވިއެވެ. ރައްޔިތުންގެ އާމްދަނީ ހުއްޓި ދިރިއުޅުން ކިތަންމެ ދަތި ހާލުގައިވީނަމަވެސް ދިވެހިންނަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ގޮންޖެހުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

"އެތަށް ބައެއް ވަޒީފާތައް ގެއްލިފައި، އެތަށް ބައެއްގެ އާމްދަނީ ގެއްލިފައި، ވަރަށް ހާލުގައި ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތިބީ. އެހެން ނަމަވެސް އެއަށްވުރެ މާ ބޮޑު ކަންބޮޑުވުމެއް ދިވެހިންގެ ހިތްތަކުގައި މި ވަނީ. އެއަށްވުރެ މާބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެއް ދިވެހިންގެ ހިތްތަކުގައި މި ވަނީ. އެއީ ކޮން ކަމެއްތޯ؟ އެއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު،"

ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ އައި ނަމަވެސް ފެންނަމުންދަނީ ޑިމޮކްރަސީގެ ނަމުގައި ފަސާދައާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. ޕޯޗްގީޒުންނަށް ރާއްޖެ އަޅުވެތި ކުރެވުނީވެސް ދާހިލީ މައްސަލަތައް ބޮޑުވެ ގައުމުގައި ފަސާދައާ ނަފްރަތު ބޮޑުވުމުން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ކަންކަމާއި ދުރުވުމަށް ގޮވާލެއްވިއެވެ.