ލިވަޕޫލް

ސީޒަންގެ ބޮޑުބައެއް ވެންޑައިކަށް ގެއްލޭނެ

މިދިޔަ ހޮނިހިރު ދުވަހު އެވަޓަން އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި، ލިވަޕޫލްޑްގެ ޑިފެންޑަރު ވާޖިލް ވެންޑައިކަށް ސީޒަންގެ ބޮޑު ބައެއް ގެއްލޭނެކަން ކަށަވަރު ވެއްޖެ އެވެ.

ވެންޑައިކަށް އަނިޔާވީ ފުރަތަމަ ހާފުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ކުރި ޗެލެންޖުގަ އެވެ. ކުޅުން ކުރިއަށް ނުގެންދެވުމުން އޭނާ ދަނޑުން ފައިބައިގެން ދިޔައީ އަސާ ދަނޑިގަނޑުގެ އެހީގަ އެވެ.

ހެދި ޓެސްޓްތަކުން އެނގުނީ ވެންޑައިކްގެ ކަނާތު ފައިިގެ ކަކުލުގެ ލިގަމެންޓަށް އެކީ އަނިޔާވެފައިވާ ކަމަށެވެ. އެކަމަށް ރިކަވާ ވުމަށް ކުރާ އޮޕަރޭޝަނަށް ފަހު ރިހިބިލިޓޭޝަންގައި ހޭދަ ކުރާ ވަގުތާއެކު އޭނާއަށް މުޅި ސީޒަންގައި ނުކުޅެވުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ވަކި ޓައިމް ސްކޭލެއް ނެތް." ލިވަޕޫލުން ބުނެފައި ވެއެވެ.

އެ މެޗުން ލިވަޕޫލް އެއްވަރުވީ 3-3 ންނެވެ. އެ މެޗުގައި ވީއޭއާރުން ނިންމި ނިންމުންތައް އަލުން ބަލައިދޭން ލިވަޕޫލުން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި ވެންޑައިކަށް ޕިކްފޯޑް ކުރި ޗެލެންޖުގައި ޕިކްފޯޑްއަށް ކާޑު ނުދެއްކި މައްސަލަ ވެސް ލިވަޕޫލުން ވަނީ ފާހަގަ ކޮށްފަ އެވެ.