ލައިފްސްޓައިލް

ބޯޓެއް ވެއްޓި މަރުވި މީހެއްގެ ދަރިފުޅަށް ހާއްސަ ހަދިޔާއެއް

ޗެރިކަ ޕަރަމްބިލް ރަޖީވަން، 61، އަކީ ޑުބާއީން އިންޑިޔާގެ ކޮޒިކޮޑޭ އަށް ދަތުރު ކުރަނިކޮށް މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ވެއްޓުނު އެއާ އިންޑިއާ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި 21 މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. ރަޖީވަން އޭނާގެ އަމިއްލަ ރަށަށް އެނބުރި އަންނަން އެ ބޯޓަށް އެރީ އަންހެންދަރިފުޅުގެ ކައިވެނީގެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.

މި ހާދިސާއަށް 70 ދުވަސް ފަހުން ރަޖީވަންގެ އަންހެން ދަރިފުޅު އަނުސުރީ އަށް ވަރަށް ބޮޑު ސަޕްރައިޒެއް ވަނީ ލިބިފަ އެވެ. އެއީ ޑުބާއީ މީހަކު އޭނާއަށް ފޮނުވި ކައިވެނީގެ ހަދިޔާ އެކެވެ. މި ހަދިޔާގައި އޮތީ އެއް ލައްކަ އިންޑިޔާ ރުޕީސް އެވެ.

އަނުސުރީގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ 19 އޮކްޓޯބަރު (ހޯމަ) ދުވަހު އެވެ. އަނުސުރީ އަށް ކައިވެނީގެ މި އަގުބޮޑު ހަދިޔާ ފޮނުވީ ޑުބާއީގެ އަލް އާދިލް ޓްރޭޑިންގެ މެނެޖިން ޑައިރެކްޓަރު ދަނަންޖޭ ޑަޓަރް އެވެ. ބޯޓު ވެއްޓުނު ހާދިސާގައި ބޯޓު ވެއްޓުނު ވަގުތު މަރުވި 18 ފަސިންޖަރުންނަށް ދެ މިލިއަން ރުޕީސް ދޭނެކަން ދަނަންޖޭ އޮތީ މާ ކުރިން އިއުލާން ކޮށްފަ އެވެ. އެހެންވީމާ ވައުދުވީ ފަދައިން އެ 18 މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އާއިލާއަށް އެއްލައްކަ ރުޕީސް ފޮނުވީ އެވެ. ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އަނެއް ތިން މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. ދެން މަރުވީ ބޯޓުގެ ދެ ޕައިލެޓުންނެވެ. އަނުސޫރީ އަށް ދިން އެއްލައްކަ ރުޕީސް އަކީ އާއިލާއަށް ދިން ފައިސާގެ އެހީގެ އިތުރުން ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދިން އެއްޗެކެވެ.

މި އެހީ ރައްދު ނުކުރެވި ލަސްވީ މަރުވި މީހުންގެ އާއިލާތަކަކީ ކޮބައިތޯ އޮޅުން ފިލުވައި އަދި އެ އެހީ ލިބެނީ އެމީހުންނަށްކަން ޔަގީންކުރުމަށް ވަގުތު ނެގީމަ އެވެ. އެގޮތުން ހުރިހާ މީހުންނާ ގުޅޭ ގޮތް ހޯދައި އެމީހުންގެ ވަކި ވަޓްސްއަޕް ގްރޫޕެއް ހަދައި އެ އެންމެންނާ ވީޑިއޯ ކޯލް މެދުވެރިކޮށް އަލް އާދިލް ޓްރޭޑިންގެ ވެރިމީހާ ވަނީ ވާހަކަ ދައްކާފަ އެވެ.

އަނުސުރީގެ މަންމަ އަދި މަރުވި ރަޖީވަންގެ ހުވަފަތް އަނބިމީހާ ނިޝީ ބުނި ގޮތުގައި ކުރިން އާއިލާއަށް އެއްލައްކަ ރުޕީސް ދީފައި އޮތީމަ އިތުރަށް ދެން ހަދިޔާއެއްގެ ގޮތުން އެއްޗެއް ދީފާނެ ކަމަކަށް އުންމީދެއް ނުކުރެ އެވެ. ނަމަވެސް އަނުސުރީއަށް މި ލިބުނު ހަދިޔާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"އަނުސުރީ އަކީ އަހަރެމެންގެ އާއިލާގެ އެންމެ ހަގު ދަރިފުޅު. އެހެންވެ އަނުސޫރީ ދެކެ އޭނާގެ ބައްޕަ ވަރަށް ލޯބިވި. އަދި އޭނާގެ ކައިވެންޏަށް އޭނާގެ ބައްޕަ ވަރަށް ފޮނި އުންމީދުތަކެއް ކުރަމުން އައި،" ރަޖީވަންގެ އަންހެނުން ބުންޏެވެ.

ރަޖީވަން އަކީ ޑުބާއީގެ ކާރު ވޯކްޝޮޕެއްގައި ސްޕްރޭ ޕެއިންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ 10 ދުވަހުގެ ޗުއްޓީއެއް ނަގައިގެން އިންޑިޔާއަށް އައުމަށް ދަތުރު ފެށީ އަނުސޫރީގެ ކައިވެނީގެ ރަސްމިއްޔާތުތައް ފުރިހަމަ ކޮށްދިނުމަށެވެ.

"ކުރިން ކައިވެނިކުރަން އޮތީ ފެބްރުއަރީގަ. ނަމަވެސް ކޮވިޑް ކަންތައް ބޮޑުވެގެން ލަސްވަމުން ގޮސް އޮގަސްޓާ ހަމައަށް ލަސްވީ. މީގެ ކުރިން ދެ ފަހަރަކު ފްލައިޓް ޓިކެޓް ލިބޭތޯ ރަޖީވަން މަސައްކަތްކޮށް ނުލިބުނީ. އެންމެ ފަހުން ޓިކެޓް ލިބުނީމަ އަވަހަށް އަންނަން ދަތުރަށް އެރީ،" ރަޖީވަން އަންހެނުން ބުންޏެވެ.