ފިނިޕޭޖް

ރާޖްކުމާރާއި ބޫމީގެ "ބަދާއި ދޯ" ޖެނުއަރީގައި ފަށަނީ

މީގެ ދެ އަހަރު ކުރިން ނީނާ ގުޕްތާ އާއި ގަޖްރާޖް ރާއޯ ވަނީ "ބަދާއީ ހޯ" އިން ވަރަށް ގިނަ ބައެއްގެ ހިތް އަތުލާފަ އެވެ. އުމުރުން ދުވަސްވެފައިވާ އަންހެނަކު ބަލިވެ އިނުމާ ގުޅިގެން އާއިލާއާއި މުޖުތަމައުން އެމީހުންނަށް ކުރިމަތިވީ ތަފާތު މައްސަލަތަކާއި ލަދުގަންނަން ޖެހުނު ބައެއް ކަހަލަ ހާދިސާތައް މި ފިލްމުގައި ވަރަށް ފުރިހަމައަށް ދައްކުވައިދީފައި ވެއެވެ. މި ދެމަފިރިންގެ ރޯލު ނީނާ އާއި ގަޖްރާޖް ކުޅެލާފައިވާލެއް ފުރިހަމަ ކަމުން ވަރަށް ގިނަ ބަޔަކު މިއަދާ ހަމައަށް ވެސް އެމީހުންނަށް ތައުރީފުކުރަމުން އާދެ އެވެ.

އަޔުޝްމާން ކުރާނާ އާއި ސާންޔާ މަލްހޯތުރާ ވެސް ބައިވެރިވި "ބަދާއީ ހޯ" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ.

"ބަދާއީ ހޯ" ރިލީޒްކުރިތާ ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފިލްމުގެ ޕްރޮޑިސަރުން ވަނީ ޚާއްސަ އިއުލާނެއް ކޮށްފަ އެވެ. އެއީ މި ފިލްމުގެ ސީކުއަލް އެއް ކަމަށްވާ "ބަދާއީ ދޯ" އެވެ. މިފަހަރުގެ ފިލްމުގައި ލީޑް ރޯލު ކުޅޭނީ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރް އެވެ. ޖެނުއަރީ 2021 ގައި ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހަރްޝްވަރްދަން ކުލްކަރްނީ އެވެ. އޭނާ އަކީ 2015 ގައި "ހަންޓަރް" ކިޔާ ފިލްމެއް އުފެއްދި ޑައިރެކްޓަރެކެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި މި ފިލްމު އުފެއްދުމުގެ މަސައްކަތް ހަވާލުކުރީތީ ވަރަށް އުފާވެއްޖެ އެވެ. ފެމެލީ ކޮމެޑީ އަކީ ހުރިހާ ޒަމާނަކަށް ވެސް ފެތޭ އަދި ހުރިހާ މީހުންނަށް ވެސް ކަމުދާ ވައްތަރެއް ކަމަށް އޭނާ ބުންޏެވެ.

"މިހާރު ޕްރި-ޕްރޮޑަކްޝަން މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. ޖެނުއަރީ 2021 ގައި ޝޫޓިން ފެށޭނެ ކަމަށް މި ބަލަނީ،" ޑައިރެކްޓަރު ބުންޏެވެ.

މިހާރު ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބައެއް ރީޑިން ސެޝަންތައް ބާއްވާފައިވާ ކަމަށާއި ބޫމީ އާއި ރާޖްކުމާރުގެ ކެމިސްޓްރީ ވަރަށް ބޮޑަށް ފާޅުވެގެން ދިޔަ ކަމަށް ޑައިރެކްޓަރު ބުންޏެވެ. ވީމާ މި ފިލްމުގައި ދެ އެކްޓަރުން ޖާދޫއެއް ފަދަ ފުރިހަމަކޮށް ކެރެކްޓާތަކަށް އިންސާފުކުރާނެކަމާ މެދު ޑައިރެކްޓަރު ޝައްކެއް ނުކުރެ އެވެ.